މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ކ. އަތޮޅާއި އދ. އަތޮޅަށްކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ "މޯލްޑިވްސް ޓޫރިޒަމް އަޕްޑޭޓް" ރިޕޯޓުގައިވާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް މުޅި ޖުމްލަ 1.3 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންނާއި އަޅާބަލާއިރު %4 ދަށް އަދަދެކެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ކ. އަތޮޅަށެވެ. އެއީ 591،826 ފަތުރުވެރިންނެވެ. 2ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އދ. އަތޮޅަށެވެ. އެއީ ޖުމްލަ 107،990 ފަތުރުވެރިންނެވެ. 3ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރ. އަތޮޅަށެވެ. އެއީ 103،740 ފަތުރުވެރިންނެވެ.
ކ. އަތޮޅަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު އެ އަތޮޅަކީ އެންމެ ގިނަ އެނދުވެސް ފަތުރުވެރިކަމަށް ނެރެފައިވާ އަތޮޅެވެ. ފަތުރުވެރިކަމަށް ނެރެފައިވާ 64،891 އެނދުގެ ތެރެއިން ކ. އަތޮޅުގައި އޮޕަރޭޓްކުރާ އެނދުގެ އަދަދަކީ 25،370 އެވެ. މީގެތެރެއިން ރިސޯޓްތަކުން 15،516 އެނދު، ހޮޓެލްތަކުން 1646 އަދި ގެސްޓްހައުސްތަކުން 8،208 ވަނީ އޮޕަރޭޝަންއަށް ނެރެފައެވެ.
އދ. އަތޮޅަށް 107،990 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު ރ. އަތޮޅަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 103،740 ފަތުރުވެރިންކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ޒިޔާރަތްކުރީ 1،311،632 ފަތުރުވެރިންނެވެ. ވިޔަފާރީގެ އެކި ބޭނުންތަކަށް 11،254 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު ކްރޫޒްލައިނަރތަކުން ރާއްޖެއަށް ޒިޔާރަތްކުރީ 15،577 ފަތުރުވެރިންކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 7,975 ފަތުރުވެރިން އާދެއެވެ. އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެ ޤައުމުން 2 ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.