ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާއި، ވައިގެ ދަތުރުފަތުރުގެ ގުޅުން ވަރުގަދަ ކުރުމަށް ފަތުރުވެރިކަމުގެ ދާއިރާގެ އިސް ވަފުދެއް ރަޝިއާއަށް ފުރާވަޑައިގެންފިއެވެ. މި ވަފުދުގައި އިސްކޮށް ހުންނަވަނީ، ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީންއެވެ.
ދިވެހިރާއްޖޭގެ މަތީ ފަންތީގެ ވަފުދުގެ މި ދަތުރުފުޅަކީ، ރަޝިޔާ ފެޑަރޭޝަނަށް ކުރައްވާ ފަސް ދުވަހުގެ ރަސްމީ ދަތުރުފުޅެކެވެ. މޮސްކޯ އަދި ސެއިންޓް ޕީޓަރސްބާގގައި ކުރަމުންދާ މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރު ކުރުމާއި، ވައިގެ ދަތުރުފަތުރުގެ ގުޅުން ވަރުގަދަ ކުރުމުގެ އިތުރުން، ފަތުރުވެރިކަމުގެ ވިޔަފާރީގެ ބައިވެރިވުންތައް ހަރުދަނާ ކުރުމެވެ.
މި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަދި މޯލްޑިވިއަންގެ އިސްވެރިންގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ ބޭފުޅުންނެވެ.
މި ދަތުރުފުޅުގައި، ވަފުދުގެ ބޭފުޅުން ރަޝިޔާ ސަރުކާރުގެ އިސް މަންދޫބުންނާ ބައްދަލުކުރައްވައި، ފަތުރުވެރިކަމާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާއިން އެއްބާރުލުން ދިނުމާއި، ވައިގެ މަގުން ގުޅާލުމާއި، ދެ ގައުމުގެ ދެމެދުގައި ފްލައިޓް ކެޕޭސިޓީ އިތުރު ކުރުމުގެ ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.
މީގެއިތުރުން މޮސްކޯ އަދި ސެއިންޓް ޕީޓަރސްބާގްގެ އިސް ޓުއަރ އޮޕަރޭޓަރުންނާއި، ޓްރެވަލް ޓްރޭޑް ޕާޓްނަރުންނާއި، ސިނާއީ ޖަމިއްޔާތަކާއި، ޑިޖިޓަލް ޕްލެޓްފޯމްތަކުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ ކުންފުނިތަކާއެކު މަތީ ފަންތީގެ ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުންތަކަކީ، ކުރިއަށް އޮތް ފަތުރުވެރިކަމުގެ މޫސުމާއި 'ވިޒިޓް މޯލްޑިވްސް އިޔަރ 2027' އަށް ތައްޔާރުވުމުގެ ގޮތުން މާކެޓުގެ މަޢުލޫމާތު އެއްކުރުމަށާއި، ދަތުރުވެރިންގެ މެދުގައި މަޤުބޫލުވަމުން އަންނަ ކަންކަން ދެނެގަތުމުގެ އިތުރުން ގުޅިގެން އިޝްތިހާރު ކުރުމުގެ ފުރުސަތުތައް ހޯދުމަށް ލިބިގެންދާނެ މުހިންމު ފުރުސަތެއްކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ރަޝިޔާގެ ޓްރެވަލް ޓްރޭޑްގެ އިސް މަންދޫބުންނާއި، ފަތުރުވެރިކަމުގެ ދާއިރާގެ ބައިވެރިން އަދި މީޑިއާތައް އެއްތަނަކުން ބައްދަލުވާނެ ސިނާއީ ނެޓްވޯކިންގ ދެ އިވެންޓެއް މޮސްކޯ އަދި ސެއިންޓް ޕީޓަރސްބާގްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އިވެންޓުތަކުގައި ރާއްޖޭގެ ފަތުރުވެރިކަމަށް އަންނަމުންދާ ބަދަލުތަކާއި ކުރިއެރުންތައް ދައްކާލުމުގެ އިތުރުން، ރަޝިޔާ މާކެޓުން ރާއްޖެއަށް ފަތުރުވެރިން ގެނައުމުގައި އިސްދައުރެއް އަދާކުރާ ބައިވެރިންނާއެކު އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރެވިގެންދާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މި ދަތުރުގެ ސަބަބުން ރާއްޖެއަކީ އައު މާކެޓުތަކަށް މަޤުބޫލު މަންޒިލަކަށް ހެދުމަށާއި، ރާއްޖޭގެ މަޤުބޫލުކަން ދެމެހެއްޓުމަށާއި، ރަޝިޔާއިން ރާއްޖެއަށް އޮންނަ ދަތުރުފަތުރުގެ ގުޅުންތައް ވަރުގަދަ ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވެދޭނެއެވެ. ސަރުކާރާއި، މަންޒިލް އިޝްތިހާރުކުރާ ފަރާތްތަކާއި، އޭވިއޭޝަން އަދި އަމިއްލަ ދާއިރާގެ މަންދޫބުން އެއް ވަފުދެއްގައި ހިމެނުމުގެ ސަބަބުން، ފަތުރުވެރިކަމުގެ ސިޔާސަތުތަކާއި، ދަތުރުފަތުރުގެ ގުޅުންތަކާއި، މާކެޓު ޕްރޮމޯޝަނާ ގުޅޭގޮތުން ގުޅިފައިވާ މަޝްވަރާތަކެއް ކުރުމަށް މަގުފަހިވެގެންދާނެކަމަށްވެސް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެއެވެ.
ރަޝިއާއަކީ، އަދިވެސް ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ މުހިންމު އެއް މާކެޓެވެ. މިމަހުގެ 12 ގެ ނިޔަލަށް ރަޝިއާއިން ރާއްޖެއަށް 192،453 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ ޖުމްލަ ފަތުރުވެރިންގެ %14.7 އެވެ. އަދި މި އަދަދާއެކު ރަޝިއާ ވަނީ، ރާއްޖެއަށް ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ މާކެޓުގެ މަގާމު ދަމަހައްޓާފައެވެ. 2025 ވަނަ އަހަރު އެ މާކެޓުން 278،761 ފަތުރުވެރިން ރެކޯޑު ކުރެވިފައިވާއިރު، މިއިން ދައްކުވައިދެނީ ރަޝިއާގެ ދަތުރުވެރިންނާއި ދިވެހިރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުންކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.