ވެކްސިން ފޯރުކޮށްދިނުމުގެ އިތުރުން، ބޭހާއި ޞިއްޙީ ސާމާނު ހޯދުމުގެ ނިޒާމު ހަރުދަނާ ކުރުމަށް ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއާއި ސްޓޭޓް ފާމާއާ ދެމެދު މަޝްވަރާކޮށްފިއެވެ.
ސީރަމް އިންސްޓިޓިއުޓްގެ ޑިރެކްޓަރ އޮފް އިންޓަނޭޝަނަލް ބިޒްނަސް، މިސްޓަރ ސަންދީޕް މުލޭ ރާއްޖެއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ބޭއްވި މި ބައްދަލުކުރެއްވުމުގައި ރާއްޖެއަށް ބޭނުންވާ ވެކްސިނާއި އެހެނިހެން އަސާސީ ފާމަސޫޓިކަލް އުފެއްދުންތައް އިތުބާރާއެކު ފޯރުކޮށްދިނުން އިތުރަށް ހަރުދަނާ ކުރުމަށް ހުރި ފުރުސަތުތައް ދެނެގަނެ، އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
ސްޓޭޓް ފާމާއިން ވިދާޅުވީ މި ބައްދަލުވުމުގައި، ވެކްސިން ފޯރުކޮށްދިނުމުގެ އިތުރުން ބޭހާއި ސިއްހީ ސާމާނު ހޯދުމުގެ ނިޒާމު ހަރުދަނާ ކުރުމާއި، ކުރިމަގުގައި ހިންގުމަށް ރާވާފައިވާ އާންމު ޞިއްޙަތުގެ އެކި ޕްރޮގްރާމްތަކުގައި ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށެވެ.
ސީރަމް އިންސްޓިޓިއުޓަކީ، ދުނިޔޭގެ އެންމެ ބޮޑު އެއް ވެކްސިން އުފައްދާ ކުންފުންޏެވެ. އަދި ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާއާއި އދގެ އެހީގައި ހިންގާ ވެކްސިން ޕްރޮގްރާމްތަކަށް އެންމެ ގިނައިން ވެކްސިން ދޭ އެއް ފަރާތަކީވެސް އެ ކުންފުންޏެވެ. އެގޮތުން އެ ކުންފުނިން ދަނީ، އާންމު ޞިއްޙަތު ރައްކާތެރި ކުރުމަށް ބޭނުންވާ ގިނަ ބާވަތްތަކެއްގެ ފެންވަރު ރަނގަޅު ވެކްސިން އުފައްދަމުންނެވެ.
މި ބައްދަލުވުމަކީ ބައިނަލްއަގުވާމީ ސަޕްލަޔަރުންގެ ވިއުގަ އިތުރަށް ހަރުދަނާކޮށް، ދުނިޔޭގެ ފުންނާބުއުސް ފާމަސޫޓިކަލް ކުންފުނިތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމަށް ސްޓޭޓް ފާމާއިން ކުރަމުންދާ މަސައްކަތުގެ މުހިންމު ފިޔަވަޅެކެވެ. މި މަސައްކަތުގެ އެންމެ ބޮޑު ބޭނުމަކީ، ރައްޔިތުންނަށް ބޭނުންވާ ފެންވަރު ރަނގަޅު ރައްކާތެރި ބޭހާއި ވެކްސިން ދަތިކަމެއްނެތި ދެމެހެއްޓެނިވި ގޮތެއްގައި ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.