"ވާރލްޑް ޓްރެވަލް އެވޯޑްސް އޭޝިއާ، އޯޝިއޭނިއާ އެންޑް އިންޑިއަން އޯޝަން 2026" ގެ އޮފިޝަލް އޭވިއޭޝަން ޕާޓްނަރެއްގެ ގޮތުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލް ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، ވީއެމްސީއާއެކު ސޮއިކޮށްފިއެވެ.
މިއީ ފަތުރުވެރިކަމުގެ ދާއިރާގެ ބައިނަލްއަގުވާމީ މިބޮޑު ހަފްލާ ފުރިހަމަކަމާއެކު ރާއްޖޭގައި ބޭއްވުމަށް ވަމުންދާ ތައްޔާރީތަކުގެ ތެރެއިން ވެވުނު މުހިންމު އެއްބަސްވުމެކެވެ. މިއެއްބަސްވުމުގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖަރ އޮފް ބިޒްނަސް ޑިވެލޮޕްމަންޓް އައިޝަތު ޝިރާނީ ނާސިރެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ އޮފް އެއަރ ސަރވިސް ޑިވެލޮޕްމަންޓް، ނަޝާޔާ ޢަބްދުލް ވާޙިދެވެ.
މިއެއްބަސްވުމުގެ ދަށުން، ވާރލްޑް ޓްރެވަލް އެވޯޑްސްއަށް އެއްބާރުލުން ދިނުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ބްރޭންޑިންގ އަދި ޕްރޮމޯޝަނަލް އެކި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެސަބަބުން ފަތުރުވެރިކަމާއި ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތައް ގުޅިގެން މަސައްކަތްކުރުމަށް މަގުފަހިވެ، އެވޯޑް ހަފްލާގެ އިންތިޒާމުތައް އިތުރަށް ހަރުދަނާވެ، ދެ ދާއިރާގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިވެގެންދާނެއެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރ އެއަރ ސަރވިސް ޑިވެލޮޕްމަންޓް، ނަޝާޔާ އަބްދުލްވާޙިދު ވިދާޅުވީ، ވާރލްޑް ޓްރެވަލް އެވޯޑްސްއަށް އެއްބާރުލުން ދިނުމުގެ ގޮތުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާއެކު މި ޕާޓްނަޝިޕް ގާއިމްކުރެވިގެންދިއުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ރަސްމީ އޭވިއޭޝަން ޕާޓްނަރުގެ ހައިސިއްޔަތުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ހޫނު މަރުހަބާއެއް ކިޔައި، ފުރިހަމަ ތަޖުރިބާއެއް ފޯރުކޮށްދިނުމާއެކު، ބައިނަލްއަގުވާމީ މައިދާނުގައި ދިވެހިރާއްޖެ އިސްތިހާރުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އެމްއޭސީއެލްގެ ފަޚުރެއް ކަމަށްވެސް ވިދާޅުވިއެވެ. މީގެއިތުރުން މި އެއްބާރުލުމަކީ ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖޭގެ ނަން އިތުރަށް ވަރުގަދަކޮށް، ފަތުރުވެރިކަމުގެ ސިނާޢަތް މެދުކެނޑުމެއްނެތި ކުރިއެރުވުމަށް ދެފަރާތުން ދޭ އަހައްމިއްޔަތު ރަމްޒުކޮށްދޭ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ވާރލްޑް ޓްރެވަލް އެވޯޑްސްއަކީ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހޯދާ މަތީ ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަންކުރުމަށް ބާއްވާ، ދުނިޔޭގެ މަގުބޫލު މަންޒިލްތަކާއި، ފަތުރުވެރިކަމާ ބެހޭ ޖަމްޢިއްޔާތަކާއި، ހޮސްޕިޓަލިޓީ ބްރޭންޑްތައް އެއްވެއުޅޭ އެންމެ ޝަރަފުވެރި އެއް ހަރަކާތެވެ. މިއެވޯޑްސްގެ އޭޝިއާ، އޯޝޭނިއާ އެންޑް އިންޑިއަން އޯޝަން 2026 ގެ ހަފްލާ ރާއްޖޭގައި ބޭއްވުމަކީ، ސިނާޢަތުގެ މުހިންމު ފަރާތްތަކަށް ރާއްޖެ އިސްތިހާރުކޮށް، ޕްރޮފެޝަނަލް ނެޓްވޯކްތައް ވަރުގަދަކޮށް، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ މަންޒިލްގެ ގޮތުގައި ރާއްޖޭގެ މަގާމު ދެމެހެއްޓުމަށް ލިބޭނެ އަގުހުރި ފުރުސަތެކެވެ.
މި ޕާޓްނަރޝިޕާއެކު، ދުނިޔޭގެ ފެންވަރުގެ ފަތުރުވެރިކަމުގެ ބޮޑެތި ހަރަކާތްތައް ރާއްޖޭގައި ބޭއްވުމަށާއި، ބައިނަލްއަގުވާމީ ފަރާތްތަކަށް ރާއްޖެ އިސްތިހާރުކުރުމުގެ އިތުރުން، ދުނިޔޭގެ އެންމެ މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމަށް ވިޒިޓް މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ހަލުވިކަމަކާއި ކުރިއެރުމެއް ލިބޭނެކަމަށް ވިޒިޓް މޯލްޑިވްސްއި ވިދާޅުވެއެވެ.