ޚަބަރު

ޓެކްސް ޤާނޫނަށް ގެންނަ އިސްލާހުން ވިޔަފާރިވެރިންނަށް ކުރިއެރުން


  • މިހާރު އޮންނަގޮތުން ދިވެހި ވިޔަފާރިވެރިންނަށް ގޮންޖެހުންތަކާ ކުރިމަތިވޭ

  • ބިލުގެ ސަބަބުން ވިޔަފާރިވެރިންގެ މެދުގައި ހަމަހަމަކަން ޤާއިމުވާނެ

ރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން މަޝްރޫއުތަކުގައި ބޭރުގެ ކޮންޓްރެކްޓަރުންނަށް ދޭ ފައިސާއިން ނަގާ ވިތުހޯލްޑިންގ ޓެކްސްއަށް ބަދަލުގެނައުމަކީ ދިވެހި ވިޔަފާރިވެރިންނަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވިދާޅުވެއްޖެއެވެ.

"އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު"އަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލަށް ބަޙުސްކުރައްވަމުން މެމްބަރުން ވަނީ ކޮންސްޓްރަކްޝަން މަޝްރޫއުތަކުގެ ކޮންޓްރެކްޓުތަކަށް ވާދަކުރުމުގައި މިހާރު ހަަމަހަމަ ފުރުޞަތުތަކެއް ނެތްކަން ފާހަގަކުރައްވާފައެވެ. އެކަމުގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭކަމަށްވެސް މެމްބަރުން ފާހަގަކުރެއްވިއެވެ.

ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު އައްބާސް ވިދާޅުވީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް، ޚާއްސަކޮށް ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި މަސައްކަތްކުރާ ކޮންޓްރެކްޓަރުންނަށް ބޭރުގެ ކޮންޓްރެކްޓަރުންނާއި އެއްހަމައެއްގައި ފައިހަމަކޮށްލެވޭނެކަމަށެވެ. އޭގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރެވޭނެކަމަށް މެމްބަރު ވިދާޅުވިއެވެ. މިފަދަ އިސްލާހުތަކަކީ ރާއްޖޭގެ އިޤްތިސާދުގެ މުޅި ކުރިއެރުމަށްވެސް މުހިންމު އިސްލާހުތަކެއްކަމަށް މެމްބަރު އައްބާސް ވިދާޅުވިއެވެ.

"މިއީ ބޭނުންވާ އިސްލާހުތަކަކީ. ރާއްޖޭގެ ވިޔަފާރިވެރިންނަށް ފުރުސަތު ލިބި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދިރުވާ އާލާކުރުން."ވެލިދޫ ދާއިރާގެ މެމްބަރު އައްބާސް ވިދާޅުވީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް، ޚާއްސަކޮށް ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި މަސައްކަތްކުރާ ކޮންޓްރެކްޓަރުންނަށް ބޭރުގެ ކޮންޓްރެކްޓަރުންނާއި އެއްހަމައެއްގައި ފައިހަމަކޮށްލެވޭނެކަމަށެވެ. އޭގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރެވޭނެކަމަށް މެމްބަރު ވިދާޅުވިއެވެ. މިފަދަ އިސްލާހުތަކަކީ ރާއްޖޭގެ އިޤްތިސާދުގެ މުޅި ކުރިއެރުމަށްވެސް މުހިންމު އިސްލާހުތަކެއްކަމަށް މެމްބަރު އައްބާސް ވިދާޅުވިއެވެ.

"މިއީ ބޭނުންވާ އިސްލާހުތަކަކީ. ރާއްޖޭގެ ވިޔަފާރިވެރިންނަށް ފުރުސަތު ލިބި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދިރުވާ އާލާކުރުން."ވެލިދޫ ދާއިރާގެ މެމްބަރު އައްބާސް ވިދާޅުވިއެވެ.

އެ ބިލަށް ވާހަކަދައްކަވަމުން އިހަވަންދޫ ދާއިރާގެ މެމްބަރު އަޙްމަދު ނަޞީރު ވިދާޅުވީ، ރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން މަޝްރޫއުތަކުގައި ބޭރުގެ ކޮންޓްރެކްޓަރުންނަށް ދޭ ފައިސާއިން ނަގާ ވިތުހޯލްޑިންގ ޓެކްސްއަށް މިހާރު ގެންނަ ބަދަލާއިއެކު ދިވެހި ކޮންޓްރެކްޓަރުންނާއި ދިވެހި ކޮންޓްރެކްޓަރުންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދާދިނުމަށް މަގުފަހިވާނެކަމަށެވެ. މި ބަދަލުތަކާއި، ފަތުރުވެރިކަމުގެ ދާއިރާގެ ޤާނޫނުތަކަށް ގެންނަ ބަދަލުތަކުގެ ހަޤީގީ ފައިދާ ފެންނާނީ 2-4 އަހަރުތެރޭގައިކަމަށް މެމްބަރު ފާހަގަކުރެއްވިއެވެ. މި ބަދަލުގެ ސަބަބުން ކުރީ ސަރުކާރތަކުން ޤައުމާއިމެދު ވެފައިވާ އިހުމާލުން ލިބިފައިވާ ގެއްލުމުން އަރައިގަނެވޭނެކަމަށްވެސް މެމްބަރު ނަޞީރު ވިދާޅުވިއެވެ.

"ފަހަރެއްގެ އާއްމު ރައްޔިތުން ހިތަށް އަރާފާނެ މި ބިލް ފާސްކުރާތަނުން ގިނަ އަދަދެއްގެ ޑޮލަރު ނުވަތަ އާމްދަނީ ލިބިގެންދާނެކަމަށް. މި ހުރިހާ ބަދަލުތަކެއް ގެންނަން ޖެހެނީ މީގެކުރީގެ ސަރުކާރުތަކުން ޤައުމާއި މެދު އިހުމާލުވެ ދަރުވާލާފައި އޮތީމަ." އިހަވަންދޫ ދާއިރާގެ މެމްބަރު އަޙްމަދު ނަޞީރު ވިދާޅުވިއެވެ.

ބިލަށް ބަޙުސްކުރައްވަމުން ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ޙުސައިން ވިދާޅުވީ މި ބިލް ފާސްވުމުން ހަމަހަމަ އުސޫލަކުން ކަންކަން ކުރެވޭނެ މަގުފަހިވާނެކަމަށެވެ. މިހާރު ކަންކަން ހިނގާގޮތުން ބޭރުގެ ކޮންޓްރެކްޓަރުން ރާއްޖޭގައި ވިޔަފާރިކުރާއިރު އެއްވެސް ޓެކްސްއެއް ދައްކަން ނުޖެހުމަކީ އެންމެ ރަނގަޅު ގޮތްނޫންކަމަށް މެމްބަރު އިބްރާހީމް ވިދާޅުވިއެވެ. ވިޔަފާރީގެ ކަންކަން ބައްޓަންކުރަންވާނީ ދިވެހިންނަށް ފުރުސަތުތައް އިތުރުވާގޮތަށްކަމަށް މެމްބަރު ވިދާޅުވިއެވެ.

"އެހެންނޫންނަމަ އަޅުގަނޑުމެންނަށް ފެނިގެންދާނީ ދިވެހިން ނިކަމެތިވެގެންދާތަން. އަޅުގަނޑުމެންނަކީ ތަރައްޤީވަމުންދާ ޤައުމަކަށްވާއިރު މިއަދުގެ ހާލަތު އޮތްގޮތުން ވިތްހޯލްޑިން ޓެކްސް އިތުރުކުރުމަކީ ކުރަން މުހިންމުކަމެއް." ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ޙުސައިން ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް މިބިލު ހުށަހެޅުއްވީ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރެވެ. ޤާނޫނު މިހާރު އޮތްގޮތުން ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް، ދިވެހިރާއްޖޭގައި ހުރި ދާއިމީ މަރުކަޒެއް މެދުވެރިކޮށް ލިބޭ އާމްދަނީއަކުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް ދައްކާފައިވާނަމަ، އެގޮތުން ވިތުހޯލްޑިންގ ޓެކްސް ދައްކަންޖެހުނު އާމްދަނީގެ އަދަދަކީ އެފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އުނިކުރެވިދާނެ އަދަދެއް ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި ޓެކްސް ދައްކާ ފަރާތުން އެގޮތަށް އަމަލުކުރަން އިހްތިޔާރުކޮށްފިނަމަ، އެ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އެ އާމްދަނީއާ ގުޅިގެން އިތުރު އެއްވެސް އަދަދެއް އުންޏެއް ނުކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ.