ލ. މާވަށުގެ ބިންހިއްކުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާލައިފިއެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީންއެވެ.
އާބާދީގައި 2200 މީހުން ދިރިއުޅެމުން އަންނަ ލ.މާވަށަކީ ބިމުގެ ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ރަށެކެވެ. ރަށު ކައުންސިލުން ވިދާޅުވާ ގޮތުގައި އެރަށުގައި އެއްވެސް ކަމަކަށް ދޫކުރާނެ ބިމެއް ނެތެވެ. ދިރިއުޅުމަށް އެންމެ ފަހުން ބިން ދޫކޮށްފައިވަނީ މީގެ 20 އަހަރުކުރިންކަމަށް ކައުންސިލުން ވިދާޅުވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުތަކުގައި މާވަށަށް ވަޑައިގަތުމުން އެރަށު ރައްޔިތުންގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ރަށަށް ކުރިމަތިވެފައިވާ ބިމުގެ ޖާގައިގެ ދަތިކަމުގެ ޝަކުވާއެވެ. އެރަށުގައި ސަރުކާރުން އެންމެ ފުރަތަމަ ނިންމީ 15 ހެކްޓަރުގެ ބިން ހިއްކާށެވެ. ނަމަވެސް ރައްޔިތުންގެ ކަންބޮޑުވުން އޮތް މިންވަރު ބެއްލެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާވަނީ އިތުރު 15 ހެކްޓަރު އިތުރުކޮށްދެއްވާ، ޖުމްލަ 30 ހެކްޓަރުގެ ބިން މާވަށުގައި ހިއްކުމުގެ މަސައްކަތް ކުރުމަށް ނިންމަވާފައެވެ.
Project Update: Design and Build of Dredging and Reclamation Works at L. Maavah
— MTCC Plc (@MTCCPlc) August 17, 2026
We have completed Phase 1 of land reclamation works.
Follow more updates at: https://t.co/RjAFCf3rnI#MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC pic.twitter.com/JccwB1kEBH
އެ މަސައްކަތުގެ ދަށުން ބިން ހިއްކުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިހާރު ވަނީ ނިންމާލާފަައެވެ. މާވަށު ކައުންސިލްގެ ރައީސް އަހުމަދު މޫސާ ޕީއެސްއެމްނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މާވަށު ބިން ހިއްކުމުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 15 ހެކްޓަރުގެ ބިން އެއްކޮށް ހިއްކާ ނިންމާފައިވާކަމަށެވެ. ދެވަނަ ފިޔަވަހީގައި ހިމެނޭ 15 ހެކްޓަރުގެ ބޮޑުބައެއްވެސް ނިމިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
މާވަށު ބިން ހިއްކުމުގެ މަޝްރޫޢު ނިމުމުން އެސަރަޙައްދުގެ ލޭންޑް ޔޫސް ޕްލޭން ހެދުމަށްފަހު އެންމެ އިސްކަމެއް ދިނުމަށް ހަމަޖެހިފައިވަނީ ބޯހިޔާވަހިކަމުގެ މަޝްރޫޢެއް އެސަރަޙައްދުގައި ކުރިއަށްގެންދިޔުމަށެވެ. އެގޮތުން އެންމެފަހުން ރައީސް އެރަށަށް ކުރެއްވި ދަތުރުފުޅުގައި އަލަށް ހިއްކާ ސަރަޙައްދުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ކުރިއަށްގެންދަވާނެކަމަށާއި އެސަރަޙައްދުގައި ބޮޑު ފުޓުބޯޅައަށް ޚާއްސަ ދަނޑެއް ތަރައްޤީކޮށްދެއްވާނެކަމަށްވަނީ ވިދާޅުވެފައެވެ.
މިމަސައްކަތް ނިމިގެންދާއިރު އެސަރަޙައްދުގައި މާވަށުގެ ރައްޔިތުން މޫދަށް އެރިލާނެ ސަރަޙައްދެއްވެސް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. ރާއްޖޭގެ އެހެން ރަށްރަށާއި ޚިލާފަށް މޫދަށް އެރިލާނެ ސަރަޙައްދެއް ނެތް މާވަށުގެ ރައްޔިތުންގެ ދުޅަހެޔޮކަމަށް އެއީ މުހިއްމުކަމެއްގެ ގޮތުގައި ކައުންސިލުން ފާހަގަކުރައްވައެވެ.