ޚަބަރު

އީރާނުގެ އަސްކަރިއްޔާ ހަމަލާދިނުމުގެ ޙާލަތަކަށް ބަދަލުވެދާނެ


އެމެރިކާއާއި އީރާނާ ދެމެދު ވެވިފައިވާ 60 ދުވަހަށް ހަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމުގެ ސުންގަޑި އޯގަސްޓް 17 އަށް ހަމަވުމާ ގުޅިގެން، އީރާނުގެ އަސްކަރީ ސިޔާސަތު ދިފާޢީ ޙާލަތުން ހަމަލާދިނުމުގެ ޙާލަތަކަށް ބަދަލުވެދާނެ ކަމުގެ އިންޒާރު އީރާނުގެ އިންޤިލާބީ ފައުޖު، އައިއާރުޖީސީން ދީފިއެވެ.

އައިއާރުޖީސީގެ ސިޔާސީ ނައިބު، ބްރިގޭޑިއަރ ޖެނެރަލް ޔަދަﷲ ޖަވާނީ، އީރާނުގެ ދައުލަތުގެ މީޑިޔާ އައިއާރްއައިބީއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، އީރާނުގެ އަސްކަރިއްޔާ ސީދާ "ހަމަލާދިނުމުގެ" ޙާލަތަކަށް ބަދަލުވެދާނެ ކަމަށެވެ.

މީގެއިތުރުން، ތެހެރާންގެ ޕްރެސް ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުގެ އަސްކަރިއްޔާއިން މީގެކުރިން ފެނިފައިނުވާ ފަދަ އަސްކަރީ އުކުޅުތަކެއް ބޭނުންކުރާނެ ކަމަށް ބުނެ ޖަވާނީ ވަނީ އެމެރިކާއާއި ޔަހޫދީ ދައުލަތަށް ވެސް އިންޒާރު ދެއްވާފައެވެ.

ޖަވާނީ އިތުރަށް ތަފްޞީލުކޮށްދެއްވި ގޮތުގައި، އީރާނުގެ އެންމެ އިސްވެރިޔާ މުޖްތަބާ ޚާމަނާޢީ ނެރުއްވި އައި އިރުޝާދުތަކުގެ ދަށުން، އީރާނުން ހިންގާ ކޮންމެ އަސްކަރީ ޙަރަކާތެއްގައި ޢުދުވާނީ އުކުޅުތަކެއް ބޭންނުކުރާނެއެވެ. މި ބަދަލުގެ މައިގަނޑު ބޭނުމަކީ އީރާނުން އިސްވެ ތައްޔާރީ ޙާލަތުގައި ތިބެ، ދުޝްމަނުން ފަސްޖެހޭފަދަ އެންމެ ފުރިހަމަ ޙާލަތެއް އުފެއްދުންކަމަށް އޭނާ ވިދާޅުވިއެވެ.

މި އިންޒާރުތައް އައިސްފައިވަނީ ޕާކިސްތާނު މެދުވެރިވެގެން އެމެރިކާއާއި އީރާނާ ދެމެދު ވެވިފައިވާ ހަމަލާތައް މެދުކަނޑައިލުމުގެ އެއްބަސްވުމުގެ ހާލަތާމެދު ބޮޑެތި ނުތަނަވަސްކަމާއި ސުވާލުތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

ރޮއިޓަރސް ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުން އިތުރުކުރުމަށް އެއްވެސް މަޝްވަރާއެއް ކުރެވިފައިނުވާ ކަމަށް އީރާނުން ބުނަމުންދާއިރު، ޕާކިސްތާނުގެ މަސްދަރުތަކުން ބުނަނީ އެމެރިކާ އާއި އީރާނުން ވެސް މި އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ.

އަދި މެދުއިރުމައްޗާއި ތުރުކީވިލާތުގެ ބައެއް ނޫސްތަކުން، 60 ދުވަހުގެ އެއްބަސްވުން އިތުރުކުރުމަށް ދެފަރާތުން އެއްބަސްވެފައިވީ ނަމަވެސް، އިތުރުކުރާނެ ވަކި މުއްދަތެއް އަދި ކަނޑައަޅާފައި ނުވާ ކަމަށެވެ.

ބްރިގޭޑިއަރ ޖެނެރަލް ޔަދަﷲ ޖަވާނީއަކީ 2009 ވަނަ އަހަރުގެ އީރާނުގެ ރިޔާސީ އިންތިޚާބަށްފަހު ކުރި މުޒާހަރާތައް ހުއްޓުވުމުގައި ވަރުގަދަ އަދި ހަރުކަށި ފިޔަވަޅުތަކެއް އެޅުއްވި ބޭފުޅެކެވެ.