ޚަބަރު

ސިޔާސީ ފިކުރަށް ބަލައިގެން ކުންފުނިތަކުން މުވައްޒަފުން ވަކިނުކުރާނެ: މާލީ ވަޒީރު


  • އެމްޑީޕީ ސަރުކާރުގައި މުވައްޒަފުންގެ އަދަދު %100 އިތުރުވި

  • ސަރުކާރު ކުންފުނިތަކުގެ މާލީ ހާލަތު ރަނގަޅުކުރުމަށް މެދުނުކެނޑި މަސައްކަތް ކުރަމުން ދާނެ

ކުންފުނިތައް "ރައިޓް ސައިޒް" ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ސިޔާސީ ފިކުރަށް ބަލައިގެން ސަރުކާރު ކުންފުނިތަކުން އެއްވެސް މުވައްޒަފަކު ވަކި ނުކުރާނެ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެމްޑީޕީއަށް ނިސްބަތްވާ މުވައްޒަފުންނަށް އިންޒާރުދީ ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކުރަމުންދާ ކަމަށް މެންބަރު ވަނީ ތުހުމަތު ކުރައްވާފައެވެ. މަޖިލީހުގައި ވާހަކަދައްކަވަމުން މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ނިސްބަތްވާ ސިޔާސީ ޕާޓީއާއި، ފާޅުކުރާ ސިޔާސީ ޚިޔާލަކާ ގުޅިގެން އެމުވައްޒަފު ވަޒީފާއިން ވަކި ކުރުމަކީ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތެއް ނޫން ކަމަށެވެ. އަދި އެފަދަ އެއްވެސް އެންގުމެއް މާލީ ވުޒާރާއިން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އަންގާފައިނުވާނެ ކަމަށެވެ.

ސަރުކާރުގެ ހިއްސާ ތަމްސީލުކުރާ އިދާރާގެ ހައިސިއްޔަތުން، ކުންފުނިތަކަކީ މާލީ ގޮތުންނާއި ހިންގުމުގެ ދާއިރާއިން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާކަން ކަށަވަރުކުރުމުގެ މަސްއޫލިއްޔަތު އެވުޒާރާގައި އެބައޮތް ކަމަށެވެ. ދައުލަތުގެ މާލީ ހާލަތަށް ރިއާޔަތްކޮށް، ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ޕީސީބީ މެދުވެރިކޮށް ތަފާތު އެކި ފަހަރުމަތިން އިރުޝާދު ދީފައިވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"މިފަދަ ޕޮލިސީ ޑައިރެކްޝަންތައް ފިޔަވައި ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން މަދުކުރުމާއި ވަކިކުރުމާއި އަދި މިފަދަ އެނޫންވެސް ކުންފުނީގެ ދުވަހުން ދުވަހަށް ހިންގުމާ ގުޅޭ އެއްވެސް ކަމެއްގައި ވަކި ގޮތަކަށް ވަކި ކަމެއް ކުރުމަށް މިނިސްޓްރީގެ ފަރާތުން އަންގާފައިނުވާނެ ވާހަކަ ދަންނަވަން،" ވަޒީރު ވިދާޅުވިއެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކާ އަޅާބަލާއިރު ޕަބްލިކް ސެކްޓަރުގައި މަސައްކަތް ކުރާ އެޤައުމުގެ ރައްޔިތުންގެ އަދަދު އާބާދީގެ ނިސްބަތުން ވަރަށް މަދުކަމަށާއި ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު އަދަދެއް އެސެކްޓަރގައި މަސައްކަތް ކުރާކަން ވަޒީރު ފާހަގަ ކުރެއްވިއެވެ. މިއީ ހައްލުކުރަންޖެހޭ ކަމެއްކަން ފާހަގަކުރައްވާ، ޤައުމުތަކުގެ އިޤްތިސާދު މެނޭޖްކުރާގޮތަށް ރާއްޖޭގެ އިޤްތިސާދު މެނޭޖްކޮށް އިތުރު ހަރުފަތަކަށް ގެންދަންޖެހޭ ކަމަށް ވިދާޅުވިއެވެ.

"ރައިޓްސައިޒް ކުރާއިރު ގިނަ މުވައްޒަފުން ވައްދާފައި ހުރި ދުވަސްވަރުގެ މުވައްޒަފުން ގިނައިން ރިޑަންޑަންޓްވާނީވެސް. އެހެންވީމަ އެއްވެސް ގޮތަކަށް ވަކި ގޮތަކަށް ބަލައިގެނެއް ނޫން އެކަން ގެންދާނީކީ. ރިޑަންޑަންސީގެ ތެރެއިން އެމީހަކު ކުރާ މަސައްކަތަކާއި އެމީހަކު ކުރަންޖެހޭ މަސައްކަތާ އަޅާބަލާފައި. އަދި ރިޑަންޑަންޓް ކުރާއިރުވެސް އަޅުގަނޑުމެން ކޮންމެހެން އެބޭފުޅަކު ދޫކޮށްލާނީއެއް ނޫނޭ. އެބޭފުޅަކަށް ފުރުސަތު ދޭނަމޭ، ކާއެއްޗެއް ދިނުމުގެ ބަދަލުގައި ކެވޭނެ ގޮތްތައް މަސައްކަތް ކުރާނެ ފުރުސަތު ފަހިކޮށްދޭނަމޭ،" މާލީ ވަޒީރު ވިދާޅުވިއެވެ.

ޕީސީބީގެ ތަފާސްހިސާބުތައް ހިއްސާކުރައްވަމުން ވަޒީރު ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު ނިމުނު އެމްޑީޕީ ސަރުކާރުގައި %100 އިތުރުވެފައިވާ ކަމަށެވެ. 2018ވަނަ އަހަރު ނިމުނުއިރު ކުންފުނިތަކުގައި 18،676 މުވައްޒަފުން މަސައްކަތް ކުރަމުން އައިއިރު 2023ވަނަ އަހަރުގެ ނިޔަލަށް އެ އަދަދު 36،729 އަށް އިތުރުވެފައިވާ ކަމަށެވެ. އަދި މިހާރު މިއަދަދު ހުރީ 41,667 ގައިކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ، ސަރުކާރު ކުންފުނިތަކުގެ މާލީ ހާލަތު ރަނގަޅުކޮށް، ދައުލަތުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ކުރަމުންދާ މަސައްކަތްތައް ސަރުކާރުން މެދުކެނޑުމެނެއްނެތި ކުރިއަށް ގެންދަވާނެ ކަމަށެވެ.