ޚަބަރު

އެމެރިކާއާ ނުލާ އީރާނާ މަޝްވަރާކުރާތީ ޢުމާނަށް ޓްރަމްޕްގެ އިންޒާރު


އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައާ ގުޅުވައި ހުރްމުޒް ކަނޑުއޮޅީގައި އެމެރިކާއިން ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންތަކަށް ޢުމާނުން ހުރަސްއަޅައިފި ނަމަ، އެ ޤައުމަށް ހަމަލާދޭނެ ކަމުގެ އިންޒާރު ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާ ވެސް ތަކުރާރު ކުރައްވައިފިއެވެ. ނަމަވެސް، ޢުމާނަކީ އީރާނާ އެކު މަޝްވަރާކުރުމުގައި މުހިންމު ބައިވެރިއެއް ކަމަށާއި އެ ޤައުމަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދިނުމަކީ ބުއްދިވެރި ކަމެއް ނޫން ކަމުގައި އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުގެ މަތިގެ، ސެނެޓުގައި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީ ތަމްސީލު ކުރައްވާ މެންބަރު މާކް ކެލީ ވިދާޅުވިއެވެ. ހަނގުރާމަ ހުއްޓުމަކަށް ގެނެވޭނެ ސާފު މަގެއް ފެންނަން ނެތް ކަމުގައި މަސްރަޙުގެ ދާރިސުން ބުނަމުންދާއިރު، ޞުލްޙައިގެ މަޝްވަރާތައް ނިންމުމަށް އީރާނާއި އެމެރިކާއިން އެއްބަސްވެފައިވާ 60 ދުވަހުގެ މުއްދަތު އޮގަސްޓު 17 ވަނަ ދުވަހު ވަނީ ހަމަވެފައެވެ.

ފޮކްސް ނޫހުގެ ޕުރޮގުރާމަކަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ، އަވަސް އަރުވައިލައިގެން އީރާނާއެކު އެއްބަސްވުމެއް އެކުލަވައިލުމަށް ބޭނުންފުޅުނުވި ނަމަވެސް، އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރާ (އައިއާރްޖީސީ) މުއާޞަލާތު ކުރެވޭނެ މަގެއް ހުޅުވިފައިވާ ކަމުގައެވެ. މެއި މަހުގައި ވެސް ޓްރަމްޕް ވަނީ ޢުމާނަށް ހަމަލާދެއްވާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. އޭނާ މި މޭރުމުން އިންޒާރު ދެއްވާފައިވާއިރު، ހުރްމުޒް ކަނޑުއޮޅި ދަތުރުފަތުރަށް ހުޅުވައިލުމަށް އައު މަގުތަކެއް ކަނޑައެޅުމަށް ޢުމާނާއި އީރާނުން ވަނީ އެއްބަސްވެފައެވެ. މިއީ، ހައްސާސް ދަނޑިވަޅެއް ނަމަވެސް، ދެ ފަރާތުގެ ދެމެދުގައި މަޝްވަރާތައް ކުރިއަށްދާނެ ކަމުގެ ޔަގީން ކަން އީރާނުން ވަނީ ދީފައެވެ.

ސީއެންއެންއަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕަށް ފާޑުވިދާޅުވަމުން ސެނެޓުގެ މެންބަރު ކެލީ ވިދާޅުވީ، އީރާނާ ދެކޮޅަށް ޓްރަމްޕް ހަނގުރާމަ ފަށްޓަވާފައި ވަނީ އިސްތިރާޖީ ރޭވުންތެރިކަމަކާ ނުލައި ކަމުގައެވެ. އަދި، އީރާނަށް މެދުކެނޑުމެއް ނެތި ވައިގެ ހަމަލާ ދިނުމަކީ އެއްވެސް ކަމަކަށް އޮތް ޙައްލު ނޫން ކަމަށާއި، ހަނގުރާމަ ނިމުމަކަށް ނުގެނެވިއްޖެ ނަމަ އެމެރިކާގައި ޕެޓްރޯލާއި، ޑީސަލާއި، ކާބޯތަކެއްޗާއި ގަސްކާނާގެ އަގުތައް އިންތިހާއަށް އުފުލިި، ޓްރަމްޕް ހައްދަވަމުން ގެންދަވާ ގޯސްތަކުގެ އަގު އެމެރިކާގެ ޢާންމު ރައްޔިތުން ދައްކަން ޖެހޭނެ ކަމުގައި ވެސް އޭނާ އިންޒާރު ކުރެއްވިއެވެ.

މި ދަނޑިވަޅުގައި، ހުރްމުޒް ކަނޑުއޮޅިން ނިކުތުމަށް ދަތުރު ކުރަމުން ދިޔަ އުޅަނދަކަށް ހަމަލާ ދީފައިވާ ކަމުގައި ކަނޑު ދަތުރުފަތުރުގެ ވިޔަފާރީއާ ބެހޭ އިނގިރޭސިވިލާތުގެ އިދާރާއިން (ޔޫކޭއެމްޓީއޯ) ވަނީ ރިޕޯޓު ކޮށްފައެވެ. މި ހާދިސާގައި އެ އުޅަނދުގެ އިންޖީނު ރޫމަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެއް ފަޅުވެރިއަކު ޒަޚަމުވި ކަމުގައި އެ އިދާރާއިން ބުނެއެވެ. އެ އުޅަނދުގައި ތިބި ފަޅުވެރިންނަށް ޢުމާނުގެ ކޯސްޓުގާޑުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ކަނޑު ދަތުރުފަތުރުގެ މަޢުލޫމާތު ބަލަހައްޓާ މެރިންޓްރެފިކުން ބުނީ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ކަނޑުއޮޅިން ދަތުރު ކޮށްފައި ވަނީ އެންމެ ތިން އާގުބޯޓު ކަމުގައެވެ. އެމެރިކާގެ އިންޒާރުތަކާ ގުޅިގެން އެ ކަނޑުއޮޅި ހުޅުވައިލުމަށް އީރާނުން ދަނީ ހުރަސް އަޅަމުންނެވެ.