ޚަބަރު

ކުންފުނިތަކުން ވަކިކުރާ މުވައްޒަފުންނަށް ވިޔަފާރި ފަށަން ޚާއްޞަ ފަންޑެއް


  • އެސްއެމްއީ ޑިޖިޓަލްގައި 600 މިލިޔަން ރުފިޔާގެ ފަންޑެއް ޤާއިމުކޮށްފައިވޭ

  • އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް ފަންޑުން އެހީތެރިކަން ދޭނެ

ސަރުކާރު ހިއްސާވާ ކުންފުނިތައް "ރައިޓް ސައިޒް" ކުރުމަށް ކުރާ މަސައްކަތުގެ ދަށުން ކުންފުނިތަކުން ވަކިކުރާ މުވައްޒަފުންނަށް އަމިއްލަ ވިޔަފާރި ފަށަން ފަންޑެއް ޤާއިމުކޮށްފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން މާލީ ވަޒީރު ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުވައްޒަފުން ވަކިކުރުމަށް ނިންމާފައިވަނީ އެ މުވައްޒަފުންނަށް އިތުރު ގޮތްތައް ހޯދައިދިނުމަށްފަހު ކަމަށެވެ.

ވަޒީރު ހަސަން ޒަރީރު ވިދާޅުވީ، ދައުލަތުގެ ކުންފުނިތައް މާލީގޮތުން ހަރުދަނާކުރަން އެ ކުންފުނިތައް "ރައިޓް ސައިޒް" ކުރާއިރު ވަކިވާ މުވައްޒަަފުންނާއި ދައުލަތުގެ ވަޒީފާއަކުން އަމިއްލައަށް ވަކިވާ މުވައްޒަފުންނަށް އެހީތެރިވުމުގެ ގޮތުން މަސައްކަތްތައް ރާވާފައިވާ ކަމަށެވެ. "ކުމެވި"ގެ ނަމުގައި އެސްއެމްއީ ޑިޖިޓަލްގައި 600 މިލިޔަން ރުފިޔާގެ ފަންޑެއް މިހާރު ޤާއިމުކޮށްފާއިވާ ކަމަށާއި އެ ފަންޑަކީ ވަޒީފާއިން ވަކިވާ އަދި ވަކިކުރާ މުވައްޒަފުން އަލަށް ވިޔަފާރި ފަށަން ހުޅުވާލަދޭ ދޮރެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ، އެ ފަންޑަށް އެދި ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ޕްރޮޕޯސަލްތަކަށް ބަލައި، ފަންޑު ހަމަޖެހޭނެ ކަމަށެވެ. އަދި ލޯނު ހޯދަން ތައްޔާރުކުރަން ޖެހޭ ޕްރޮޕޯސަލް ބީސީސީ މެދުވެރިކޮށް ތައްޔާރު ކޮށްދޭނެ ކަމަށްވެސް ވިދާޅުވިއެވެ.

"600 މިލިއަން ރުފިޔާގެ ފަންޑެއް ގޤާއިމްކުރެވިފައިވާ ވާހަކަ އަޅުގަނޑު ދެންނެވީ އެއީ ކުދި ވިޔަފާރިތަކަށް އަދި އަލަށް ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށް ފެސިލިޓޭޓް ކޮށްދިނުމަށް. އެހެންވީމާ ކޮންމެ ބޭފުޅަކުވެސް އެ ބޭފުޅަކު އަމިއްލަ މަސައްކަތެއް ކުރައްވަން ބޭނުންފުޅުވާނަމަ އެކަމަށް ޕްރޮޕޯސަލް ހުށަހެޅީމާ [ލިބޭ ގޮތަށް] އަޅުގަނޑުމެން އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް މި ފެސިލިޓީ މި ތައާރަފްކުރީ." ޒަރީރު ވިދާޅުވިއެވެ.

މާލީ ވަޒީރު ވިދާޅުވީ، މި ފަންޑުގެ ފައިސާއަކީ އެސްއެމްއީ ޑިޖިޓަލްގައި މިހާރުވެސް ހުރި ފައިސާ ކަމަށެވެ.

މި މަސައްކަތަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ އަދި ހިންގުމުގެ ދެމެހެއްޓެނިވިކަން ކަށަވަރު ކުރުމަށް އެ ކުންފުނިތައް ރީސްޓްރަކްޗަރ ކުރަމުންދާ ދަނޑިވަޅެއްގައި، އިޤްތިސާދީ ފުރުސަތުތައް ފުޅާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ބައެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި މި ސިޔާސަތާއެކު ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ ވަޒީފާއަށް ބަރޯސާވުމުގެ ބަދަލުގައި، އަމިއްލަ ވިޔަފާރިތައް އުފައްދައި އާމްދަނީ ހޯދުމުގެ ފުރުސަތު ޒުވާނުންނަށް ފުޅާކޮށްދެވޭނެ ކަމަށްވެސް މާލީ ވަޒީރު ޙަސަން ޒަރީރު ވިދާޅުވިއެވެ.