ޖަޕާނާއި އެމެރިކާ އަދި ދެކުނު ކޮރެއާގެ މެދުގައި އޮތް ގުޅުމާއި އެއްބާރުލުމަކީ ސަރަޙައްދުގެ ޞުލްޙައާއި ހަމަޖެހުމަށް ކޮންމެހެން މުހިންމު ގުޅުމެއްގެ ގޮތުގައި ޖަޕާނުގެ ދިފާޢީ ވަޒީރު ކޮއިޒުމީ ޝިންޖިރޯ ސިފަކުރައްވައިފިއެވެ. އޭނާ މި މޭރުމުން ވިދާޅުވެފައި މި ވަނީ، އޮސްޓްރޭލިޔާގެ ވެރިރަށް ކެންބަރާގައި އެ ޤައުމުގެ ދިފާޢީ ވަޒީރު ރިޗަރޑް މާލްޒްއާއެކު ބޭއްވެވި ބައްދަލުވުމަކަށް ފަހު ވާހަކަފުޅު ދައްކަވަމުންނެވެ. ކޮއިޒުމީ ވިދާޅުވީ، ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ކުރިމަތިވެފައިވާ އެންމެ ހައްސާސް އަދި ނާޒުކު ސަލާމަތީ ޙާލަތާ މި ވަގުތު ޖަޕާނުން ކުރިމަތިލުންދާ ކަމުގައެވެ.
އެމެރިކާއާއި ދެކުނު ކޮރެއާއެކު އޮތް ގުޅުންތަކުގެ މުހިންމު ކަމުގެ ވާހަކަ ކޮއިޒުމީ ދައްކަވާފައި މި ވަނީ، އެމެރިކާއާއި ދެކުނު ކޮރެޔާއިން ގުޅިގެން ބާއްވާ އަސްކަރީ ތަމްރީނުތައް ކުޑަކުރުމަށް ނިންމަވާފައިވާ ކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާނު ކުރެއްވުމާ ގުޅިގެންނެވެ. ތަމްރީނުތައް ހަނިކުރުމަށް ނިންމާފައިވާ ކަން ޓްރަމްޕް އިޢުލާނު ކުރެއްވީ، ތަމްރީނުތަކުގެ އެންމެ ފަހު ބުރު ފެށުމަށް ކުޑަތަންވެފައިވަނިކޮށެވެ. މީގެ އިތުރުން، އީރާނާ ދެކޮޅަށް އެމެރިކާއިން ފެށި ޣައިރުޤާނޫނީ ހަނގުރާމައިގައި ދެކުނު ކޮރެއާއިން އެމެރިކާއަށް އެހީތެރިކަން ފޯރުކޮށްދީފައި ނުވާ މައްސަލައިގައި ޓްރަމްޕް ގެންދަވަނީ ދެކުނު ކޮރެޔާއަށް ފާޑުވިދާޅުވަމުންނެވެ. މި ދަނޑިވަޅުގައި ޓްރަމްޕް ގެންދަވަނީ އުތުރު ކޮރެއާގެ ޒައީމް ކިމް ޖޮންގ އުންއާއެކު އޮތް ގުޅުމަށް ތަޢުރީފު ކުރައްވަމުންނެވެ. އެ ގުޅުމުގެ ސަބަބުން ސަރަޙައްދީ ހަމަޖެހުން ޤާއިމުވަމުންދާ ކަމުގައި ޓްރަމްޕް ވިދާޅުވިއެވެ.
ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން މާލްޒް ވަނީ ޓްރަމްޕްގެ މި ވާހަކަފުޅަށް އިޝާރާތް ކުރައްވާފައެވެ. އޭނާ ވިދާޅުވީ، އުތުރު ކޮރެޔާގެ ނިއުކްލިޔަރ އަދި މިސައިލް ޕުރޮގުރާމަކީ އޮސްޓްރޭލިޔާއިން އަބަދު ވެސް ކަންބޮޑުވާ މައްސަލަތަކެއް ކަމުގައެވެ. އަދި، ދުނިޔެއަށް މި ވަގުތު ކުރިމަތިވެފައިވާ ގިނަ ގޮންޖެހުންތަކުގެ އަސްލަކީ އުތުރު ކޮރެޔާ ކަމުގައި އޭނާ ސިފަކުރެއްވިއެވެ. މި ދަނޑިވަޅުގައި ޓްރަމްޕް ވަނީ އެމެރިކާއާއި އުތުރު ކޮރެޔާއާ ދެމެދު ރަސްމީ މަޝްވަރާތަކެއް ބޭއްވުމަށް އޭނާ ހުށަހެޅުއްވި ހުށަހެޅުމަށް ކިމް އިޖާބަދީފައިވާ ކަން ހާމަކުރައްވާފައެވެ.
ކިމްއާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ޓްރަމްޕް މަސައްކަތް ކުރައްވަމުން ގެންދަވާއިރު، އެމެރިކާއާއި ދެކުނު ކޮރެޔާއާ ދެމެދު އޮތް ގުޅުން ދަނީ ހީނަރުވަމުންނެވެ. މި ކަމުގެ އެންމެ ބޮޑު އަސްލަކީ، ދެކުނު ކޮރެޔާއިން އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގާ ޓެކުސް ބޮޑުކުރުމަށް ޓްރަމްޕް ނިންމެވުމެވެ. ނަމަވެސް، ދެކުނު ކޮރެއާގެ ކުންފުނިތަކުން އެމެރިކާގައި ވުނަކުރާ މިންވަރު އިތުރު ކުރެއްވުމަށް ވެސް ޓްރަމްޕް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. މި ގޮތުން، ޓްރަމްޕް ޚާއްޞަ އިސްކަމެއް ދެއްވާ އެއް ދާއިރާއަކީ، އެމެރިކާގައި ބޯޓު ބަނުމުގެ ޞިނާޢަތު އަލުން އިޢާދަ ކުރެއްވުމަށެވެ. ދެކުނު ކޮރެއާއަކީ މި ކަމުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ މުހިންމު ބައިވެރިއެއްގެ ގޮތުގައި ޓްރަމްޕް ދެކެވަޑައިގަންނަވައެވެ.