ޚަބަރު

ކުޑަފުށި މޮޅުވުމުން ގްރޫޕް ވާދަވެރިވެއްޖެ


  • ޗެމްޕިއަން ޖޯލި ބީން ކުރިއަށް އޮތް މެޗުން މޮޅުވުން މަޖުބޫރު

އިތާ އިންޓަރ ރިސޯރޓް ވޮލީބޯޅަ މުބާރާތުގައި ކުޑަފުށި މޮޅަކުން ފެށުމުން ގްރޫޕް ބީ ވާދަވެރިވެއްޖެއެވެ. މީދޫ އެކުވެރި ކްލަބްގެ ވޮލީބޯޅަ މުބާރާތުގައި ކުޑަފުށި ފުރަތަމަ މެޗު ކާމިޔާބުކުރީ ދަ ސްޓެންޑާޑްއާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ.

މެޗުގެ ސެޓްތައް ކުޑަފުށިން ގެންދިޔައީ 25-19, 25-18 އަދި 25-21 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ކުޑަފުށީގެ އަހުމަޒު އަޒީމް އެވެ. ފުރަތަމަ މެޗުގައި ދަ ސްޓެންޑާޑް އިން ޗެމްޕިއަން ޖޯލި ބީން ބަލިކޮށްފައިވާތީ ތިން ޓީމް ހިމެނޭ ގްރޫޕްގެ ވާދަވެރިކަން ވަނީ ވަރަށް ބޮޑުވެފައެވެ. ގްރޫޕްގެ ފަހު މެޗުގައި ކުޑަފުށި ނިކުންނާނީ މިދިޔަ ތިން އަހަރުގެ ޗެމްޕިއަން ޖޯލި ބީންއާ ދެކޮޅަށެވެ. އެމެޗުން ކުޑަފުށި މޮޅުވެއްޖެނަމަ ޗެމްޕިއަން ޓީމް ކަޓާނެއެވެ.

މުބާރާތުގައި މިރޭ ވާދަކުރާނީ ބަނޑޮހާއި ކޯރާ ކޯރާއެވެ. މިދެޓީމް މިހާރުވެސް އޮތީ ލީގު ބުރު ޔަގީންކޮށްފައެވެ.