ޚަބަރު

އައްޑޫގައި އިންޑިއާގެ ކޮންސުލޭޓެއް ޤާއިމުކުރަން ސަރުކާރުން ގޮތެއް ނުނިންމާ


  • އިންޑިއާގެ ބެންގަލޫރުގައި ރާއްޖޭގެ ކޮންސުލޭޓެއް ގާއިމުކުރުމާ ގުޅޭގޮތުން ދެކެވެނީވެސް ޙަގީގަތާ ޚިިލާފު ވާހަކަތަކެއް

އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސުލޭޓެއް ގާއިމުކުރުމާ ގުޅޭގޮތުން ސަރުކާރުން ގޮތެއް ނުނިންމާކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ޚާރިޖީ ވުޒާރާއިން މިހެން ވިދާޅުވީ ބައެއް މީޑިއާތަކުގައި އިންޑިއާގެ ބެންގަލޫރުގައި ރާއްޖޭގެ ކޮންސުލޭޓެއް އަދި އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސުލޭޓެއް ގާއިމުކުރަން ނިންމާފައިވާކަމަށް ބުނެ ފަތުރަމުންދާ ޚަބަރުތަކާ ގުޅިގެން ނެރުއްވި ބަޔާނެއްގައެވެ.

ޚާރިޖީ ވުޒާރާއިން ވިދާޅުވީ އިންޑިއާގެ ބެންގަލޫރުގައި ރާއްޖޭގެ ކޮންސުލޭޓެއް އަދި ރާއްޖޭގެ އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސުލޭޓެއް ޤާއިމުކުރުމާއި ގުޅޭގޮތުން ބައެއް ނޫސްތަކުގައާއި މީސްމީޑިއާގައި ޝާޢިއުކޮށްފައިވާ ޚަބަރުތަކަކީ ސައްހަނޫން ޚަބަރުތަކެއްކަމަށެވެ.

މީގެ އިތުރުން މާލެ ސިޓީ ނޫން އެހެން ރަށެއްގައި ބޭރު ޤައުމެއްގެ ކޮންސުލޭޓެއް ޤާއިމުކުރުމާމެދު ދިވެހި ސަރުކާރުން ވަކި ގޮތެއް މިހާތަނަކަށް ނިންމާފައި ނުވާނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ. އަދި މިކަމަކީ ކަމާބެހޭ ހުރިހާ ފަރާތްތަކެއް ހިމެނިގެން ފުޅާދާއިރާއެއްގައި މަޝްވަރާކޮށްގެން ނިންމޭނެ ނިންމުމެއްކަމަށް ދިވެހިސަރުކާރުން ދެކޭކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން ނޫސްތަކުގައާއި މީސްމީޑިއާގައި ތެދު އަދި ޒިންމާދާރު މައުލޫމާތު ޝާއިޢުކުރުމަކީ މުޖުތަމައުގެ ހަމަޖެހުމާއި، ރައްޔިތުންގެ ހޭލުންތެރިކަމަށްޓަކައި ކޮންމެހެން ބޭނުންވާ ކަމެއްކަމަށްވެސް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.