ޚަބަރު

އިނގުރައިދޫ ބަލިކޮށް ރ. އަތޮޅުގެ ޗެމްޕިއަންކަން ދުވާފަރަށް


  • ދުވާފަރު މޮޅުވީ 1-3ގެ ނަތީޖާއަކުން

  • ފައިނަލް މެޗު ކުޅުނީ އިނގުރައިދޫ ދަނޑުގައި

އެފްއޭއެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕުގެ ރ. އަތޮޅުގެ މުބާރާތުގެ ޗެމްޕިއަންކަން ދުވާފަރުން ހޯދައިފިއެވެ.

ރާއްޖޭގެ ފުޓްސަލްގައި އެންމެ ވާދަވެރި ދެ ޓީމުގެ ގޮތުގައި އޮތް ރ. އަތޮޅަށް ނިސްބަތްވާ ދުވާފަރާއި އިނގުރައިދޫގެ ކުރިމަތިލުމުގައި ދުވާފަރުން ކުރިހޯދީ 1-3ގެ ނަތީޖާއަކުންނެވެ.

އިނގުރައިދޫގެ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ވެސް ދުވާފަރުންނެވެ. ފުރަތަމަ ހާފުގައި، 10ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު އިސާމެވެ.

ހާފު ނިމުމުގެ ކުރިން އިނގުރައިދޫއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު، މެޗުގެ 20ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަލީ ހާފިޒް (ހާއްޕެ) އެވެ.

މެޗުގައި ދެވަނަ ފަހަަރަށް ދުވާފަރަށް ލީޑުނަގައިދިން ލަނޑު، ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިބްރާޙީމް އަނާން އަލީއެވެ.

އަދި މެޗުގެ އެންމެ ފަހު މިނެޓުގެ ތެރޭގައި އަނާން ވަނީ ދުވާފަރަށް މެޗުގައި ލީޑުފުޅާކޮށްދިން ލަނޑު ޖަހައިދީފައެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް އޭނާއެވެ.

މި މެޗުގައި ދުވާފަރު ޓީމުން، ރާއްޖޭގެ ފުޓުބޯޅައިގެ ފުރަތަމަ ޑިވިޝަނުގައި އަދި ޤައުމީ ޓީމަށްވެސް ކުޅެފައިވާ އިސްމާއީލް އީސާ (މެސީ) ފެނިގެންދިޔައިރު އިނގުރައިދޫ ޓީމުން، ދިވެހި ފުޓްސަލްގެ "ކިންގް" އެއްގެ ގޮތުގައި ނިސްބަތްކުރެވޭ އަލީ ހާފިޒް (ހާއްޕެ) ފެނިގެންދިޔައެވެ.

އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕުގައި ރ. އަތޮޅުން ބައިވެރިވީ މި ދެ ޓީމު އެކަންޏެވެ. އެހެންކަމުން އެ އަތޮޅުން އެފްއޭއެމް ޒޯން ޗެމްޕިއަންޝިޕަށް ކޮލިފައިވާ ޓީމެއް ކަނޑައަޅަން ޖެހުނީ ފައިނަލް މެޗެއް މި ދެ ޓީމުގެ ދެމެދުގައި ކުޅެގެންނެވެ.