ޚަބަރު

މިދިޔަ މަހު ކުޑަކުދިންނާއި އަންހެނުންނާ ގުޅޭ 200 މައްސަލަ


  • ކުޑަކުދިންނަށް އަނިޔާކުރުމުގެ 88 މައްސަލަ

  • ހެލްޕްލައިންތަކަށް 2000 ކޯލު

2026 ވަނަ އަހަރުގެ ޖުލައި މަހު، ކުޑަކުދިންނާއި އަންހެނުން އަދި ނާޒުކު ހާލަތްތަކުގައިވާ ފަރާތްތަކާ ގުޅޭ 228 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ޢާއިލާއާއި އިޖުތިމާއީ އެހީއާބެހޭ ވުޒާރާއިން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ގުޅޭ 88 މައްސަލައެއް މިދިޔަ މަހު ވަނީ ރިޕޯޓްކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ:

• ކުޑަކުދިންނަށް އަޅާނުލުން: 22 މައްސަލަ
• ޖިންސީ ގޯނާ: 17 މައްސަލަ
• ގެވެށި އަނިޔާ ފެނުން: 14 މައްސަލަ
• ނަފްސާނީ އަނިޔާ: 9 މައްސަލަ
• ޖިސްމާނީ އަނިޔާ: 7 މައްސަލަ
• ބްލެކްމެއިލް ކުރުން: 4 މައްސަލަ
• ގަނާކުރުން (ބުލީކުރުން): 4 މައްސަލަ
• އެހެނިހެން މައްސަލަތައް: 11 މައްސަލަ

ކުޑަކުދިންގެ ސުލޫކާ ގުޅޭ ގޮތުންވެސް ޖުމުލަ 15 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. މީގެ ތެރޭގައި ހިމެނެނީ:

• ރުޅިގަދަވުމުގެ 3 މައްސަލަ
• ގެއިން ފިލައިގެން ދިއުމުގެ 2 މައްސަލަ
• ސުކޫލަށް ދާން އިންކާރުކުރުމުގެ 4 މައްސަލަ
• އެހެނިހެން ސުލޫކީ 6 މައްސަލަ

މި ތަފާސްހިސާބުތަކުގައި ވާގޮތުން، ވަކި ޖިންސަކަށް ވިތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ ޖުމުލަ 54 މައްސަލައެއް ވެސް ވަނީ މިދިޔަ މަހު ހުށަހަޅާފައެވެ. މީގެ ތެރޭގައި ހިމެނެނީ 9 ފިރިހެނުންނާއި، 45 އަންހެނުންނެވެ.

• ޖިސްމާނީ އަނިޔާ: 32 މައްސަލަ
• ނަފްސާނީ އަދި އަނޫއީ އަނިޔާ: 12 މައްސަލަ
• ބިރުދެއްކުން: 3 މައްސަލަ
• ޖިންސީ އަނިޔާ: 3 މައްސަލަ
• ރޭޕް: 1 މައްސަލަ
• އެހެނިހެން: 3 މައްސަލަ

މިދިޔަ މަހު އާއިލީ މައްސަލަތަކުގެ ޖުމުލަ 26 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. މީގެ ތެރޭގައި ބެލެނިވެރިކަމުގެ ހައްގު ހޯދުމުގެ 8 މައްސަލައަކާއި، ދަރިންނާ ބައްދަލުކުރުމުގެ ފުރުސަތު ހޯދުމުގެ 6 މައްސަލައާއި، ބެލެނިވެރިކަމުގައި އިހުމާލުވުމުގެ 6 މައްސަލަ އަދި ޚަރަދު ނުދިނުމުގެ 5 މައްސަލަ ހިމެނެއެވެ. އަދި ކުޑަކުދިންގެ ހައްގުތަކަށް އަރައިގަތުމުގެ ޖުމުލަ 31 މައްސަލައެއް ހުށަހަޅާފައިވެއެވެ.

މިދިޔަ ޖުލައި މަހު، ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާއި ބެހޭ ވުޒާރާއިން ވަނީ 14 ފަރާތަކަށް ޚާއްޞަ އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދީފައެވެ. މީގެ ތެރޭގައި ހިމެނެނީ:

• ނަފްސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތައް: 7 މައްސަލަ
• ނިކަމެތި/ފަގީރު އާއިލާތައް: 3 މައްސަލަ
• ބޯހިޔާވަހިކަމެއް ނެތް ފަރާތްތައް: 2 މައްސަލަ
• ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް: 1 މައްސަލަ.
• އުމުރުން ދުވަސްވީ ފަރާތްތައް: 1 މައްސަލަ.

ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނަށް ދެވުނު އެހީތެރިކަމަށް ބަލާއިރު، 2 ފިރިހެން ކުދިން ވަނީ ބެލުމަށް އާއިލާއަކާއި ހަވާލުކޮށްފައެވެ. އަދި 3 ކުދިން ވަނީ އާއިލާއަށް އަނބުރާ ހަވާލުކޮށްފައެވެ.

މިދިޔަ މަހު ކުޑަކުދިންގެ ހެލްޕްލައިން (1412) އަށް ޖުމްލަ 1,849 ކޯލް ލިބިފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ، 943 ކުޑަކުދިން، 649 ބޮޑެތި މީހުން، އަދި 374 ނޭނގޭ ފަރާތްތަކެވެ. މި މުއްދަތުގައި އިޖުތިމާއީ އެހީގެ ހެލްޕްލައިން (1421) އަށް 185 ކުޑަަކުދިންނާއި، 155 ބޮޑެތިމީހުން އަދި 163 ނޭނގޭ ފަރަތްތައް ހިމެނޭހެން، ޖުމުލަ 503 ކޯލެއް ވަނީ ލިބިފައެވެ.

ކައުންސެލިންގ ހެލްޕްލައިންއަށް މިދިޔަ މަހު، ޖުމުލަ 1849 ކޯލް ލިބިފައިވެއެވެ. މީގެތެރޭގައި 1363 ބޮޑެތިމީހުން، 112 ކުޑަކުދިން އަދި ނޭނގޭ 374 ފަރާތް ހިމެނެއެވެ. މިދިޔަ މަހު 226 ފަރާތަކަށް ކައުންސެލިންގ ސެޝަން، 17 ފަރާތަކަށް ސައިކޯސޯޝަލް އެހީތެރިކަން، 15 ފަރާތަކަށް ބެލެނިވެރިކަމުގެ ސެޝަން އަދި 64 ތަމްރީނު ސެޝަން ނަގައިދީ، އަތޮޅުތަކުގެ 7 މައްސަލައަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

ޖުލައި މަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އިޖުތިމާއީ ރައްކާތެރިކަމާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި މިފަދަ މައްސަލަތައް ރިޕޯޓްކުރެވޭ މިންވަރު އަންނަނީ އިތުރުވަމުންނެވެ. މިއީ މުޖުތަމައުގެ ހޭލުންތެރިކަން އިތުރުވެ، އެހީތެރިކަން ހޯދުމަށް މީހުން އިސްނަގާކަމުގެ ނިޝާނެކެވެ. އެހެންކަމުން، ކަމާބެހޭ މުއައްސަސާތަކުން މިފަދަ މައްސަލަތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.