ޚަބަރު

އެމްޓީސީސީ ހިޔާ މަޝްރޫޢަށް ބިމެއް ހަމަޖެއްސުމަށް އެޗްޑީސީއާ ބައްދަލުކޮށްފި


  • ދެ ކުންފުނީގެ އެމްޑީން ބައިވެރިވެވަޑައިގެންނެވި

  • ބިން ހަމަޖެހުމުން ވިީހާވެސް އަވަހަށް މަސައްކަތް ފެށޭނެ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީ ހިޔާ މަޝްރޫޢަށް ބިމެއް ހަމަޖެއްސުމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ.

މި ބައްދަލުވުމުގައި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރު، ޑީސީޕީ (ރިޓަޔަރޑް) އަޙްމަދު ސައުދީއާއި، ކުންފުނީގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު، ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޢަލީ ޒުހައިރުއާއި، އެކުންފުނީގެ ބައެއް އިސްވެރިންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެމްޓީސީސީއިން ވިދާޅުވީ، ހިޔާ މަޝްރޫޢުގެ ދަށުން އެކުންފުނީގެ ޓަވަރުތައް ވުޖޫދަށް އައިސްފައި ނުވުމަކީ އެކުންފުނީގެ މުވައްޒަފުން އިންތިހާއަށް މާޔޫސްވެ ހިތާމަކުރާ ކަމެއް ކަމަށެވެ. އަދި އެކުންފުނީގެ ބޯޑާއި މެނޭޖްމެންޓުން އެކަން ޤަބޫލުކޮށް، މިއީ މުވައްޒަފުންގެ ހެވާއި ލާބަޔަށްޓަކައި ކޮންމެހެންވެސް ކޮށްދެންޖެހޭ ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

އެމްޓީސީސީގެ އަމާޒަކީ، އެ ކުންފުނީގެ މުވައްޒަފުން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުން ކަމަށާއި، މިއީ ހިޔާ މަޝްރޫޢުގެ ދަށުން ބޯހިޔާވަހިކަމަށް އުއްމީދު ކޮށްގެން ތިބި މުވައްޒަފުންނަށް ލިބޭނެ ވަރަށް އުފާވެރި ޚަބަރަކަށްވާނެ ކަމަށްވެސް އެ ކުންފުނިން ވިދާޅުވެއެވެ.

އެމްޓީސީސީން ވިދާޅުވީ، އެކުންފުނީގެ މެނޭޖްމަންޓުގެ އަމާޒަކ،ީ ބިން ހަމަޖެހުމާއެކު މި މަޝްރޫއު ވީހާވެސް އަވަހަކަށް ފެށޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ.

އެމްޓީސީސީގެ އެމްޑީގެ އިސްނެންގެވުމުގެ ދަށުން، ހިޔާ މަޝްރޫޢު އަލުން ކުރިއަށް ގެންދިޔުމަށް ބިމެއް ހަމަޖައްސަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އެދުމާއިއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ އެ ކުންފުންޏަށް ބިމެއް ހަމަޖައްސަވައިދެއްވުމަށް އެޗްޑީސީއާ ހަވާލުކުރައްވާފައެވެ.