ޚަބަރު

ޓީޖީއެސްޓީ އިތުރުވެ، އާމްދަނީއަށް 10.4 އިންސައްތައިގެ ކުރިއެރުމެއް


  • އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 27.1 ބިލިޔަން ރުފިޔާ ލިބުނު

  • ޓީޖީއެސްޓީގެ ގޮތުގައި 7.2 ބިލިޔަން ރުފިޔާ ލިބުނު

ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ޓީޖީއެސްޓީ އިތުރުވުމާއެކު، ދައުލަތަށް ލިބުނު އާމްދަނީ 10.4 އިންސައްތަ އިތުރުވެފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ރިޕޯޓުން ދައްކާގޮތުގައި މިމަހުގެ 13ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 27.1 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 24.5 ބިލިޔަން ރުފިޔާގެ އާމްދަނީއާއި އަޅާބަލާއިރު 10.4 އިންސައްތައިގެ އިތުރުވުމެކެވެ.

މާލީ ވުޒާރާއިން ވިދާޅުވީ، މިދިޔަ ހަފުތާގައި އާމްދަނީ އިތުރުވީ ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ޓީޖީއެސްޓީ އިތުރުވުމުގެ ސަބަބުން ކަމަށެވެ. އެގޮތުން މިމަހުގެ 13ވަނަ ދުވަހުގެ ނިޔަލަށް ޓީޖީއެސްޓީގެ ގޮތުގައި ޖުމްލަ 7.2 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 6.8 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 6.5 އިންސައްތައިގެ ކުރިއެރުމެކެވެ.

މި މުއްދަތުގެ ތެރޭގައި މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޖުމްލަ ޓެކްސް ނުވަތަ ޖީއެސްޓީގެ އާމްދަނީ ވަނީ 7.9 އިންސައްތަ އިތުރުވެފައެވެ. އެގޮތުން ޖީއެސްޓީގެ އާމްދަނީ 9.9 ބިލިޔަން ރުފިޔާއިން 10.7 ބިލިޔަން ރުފިޔާއަށް ވަނީ އިތުރުވެފައެވެ. މީގެ އިތުރުން، އާންމު މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ނުވަތަ ޓީޖީއެސްޓީ އާމްދަނީވެސް ވަނީ، 3.1 ބިލިޔަން ރުފިޔާއިން 3.4 ބިލިޔަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ، 10.8 އިންސައްތައިގެ އިތުރުވުމެކެވެ.

މިމަހުގެ 13ވަނަ ދުވަހުގެ ނިޔަލަށް ވިޔަފާރީގެ ފައިދާއިން ނަގާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 4.5 ބިލިޔަން ރުފިޔާއިން، 5.4 ބިލިޔަން ރުފިޔާއަށް ނުވަތަ 20.6 އިންސައްތަ އިތުރުވެފައެވެ. އަދި އިމްޕޯޓް ޑިއުޓީ 1.8 ބިލިޔަން ރުފިޔާއިން 2.1 ބިލިޔަން ރުފިޔާއަށް މަތިވެފައިވާއިރު، ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީވެސް މިމުއްދަތުގެ ތެރޭގައި ވަނީ 1.3 ބިލިޔަން ރުފިޔާއަށް އަރާފައެވެ.

މިއާއެކު، މި މުއްދަތުގެ ތެރޭގައި ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ ވަނީ، 21.1 ބިލިޔަން ރުފިޔާއަށް އަރާފައެވެ. މިއީ، މިދިޔަ އަހަރުގެ މި މުއްދަތުގައި ޓެކުހުގެ ގޮތުގައި ލިބުނު 18.8 ބިލިޔަން ރުފިޔާގެ އާމްދަނީއާ އަޅާބަލާއިރު 11.9 އިންސައްތަ އިތުރު އަދަދެކެވެ. އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 5.5 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 5.4 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 1.9 އިންސައްތައިގެ ކުރިއެރުމެކެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިމަހުގެ 13ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ޚަރަދު ހުރީ، 28.1 ބިލިޔަން ރުފިޔާގައެވެ. މިއީ، 2025 ވަނަ އަހަރުގެ މި މުއްދަތުގައި ޚަރަދުވި 23.5 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު، 19.3 އިންސައްތައިގެ އިތުރުވުމެކެވެ. އެގޮތުން ރިކަރަންޓް އެކްސްޕެންޑިޗަރ 20.3 ބިލިޔަން ރުފިޔާއިން 24.5 ބިލިޔަން ރުފިޔާއަށް އިތުރުވެފައިވާއިރު، ތަރައްޤީގެ މަޝްރޫއުތަކަށް ކުރި ޚަރަދު ނުވަތަ ކެޕިޓަލް އެކްސްޕެންޑިޗާ ވަނީ 3.3 ބިލިޔަން ރުފިޔާއިން 3.6 ބިލިޔަން ރުފިޔާއަށް މަތިވެފައެވެ.

ކެޕިޓަލް އެކްސްޕެންޑިޗާތަކަށް ބަލާއިރު، ބިމާއި އިމާރާތްތަކަށް ކުރި ޚަރަދު 46.2 އިންސައްތަ އިތުރުވެފައިވާއިރު، ހަރުމުދާ ހޯދުމަށް ކުރި ޚަރަދު ވަނީ 19.4 އިންސައްތަ މަތިވެފައެވެ. މީގެ އިތުރުން، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް، ޕީއެސްއައިޕީއަށް ޚަރަދުވެފައިވަނީ 3.6 ބިލިޔަން ރުފިޔާއެވެ. މިއީ، 2025 ވަނަ އަހަރު ޚަރަދުކުރި 5.2 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 30.0 އިންސައްތައިގެ ދަށްވުމެކެވެ.

މާލީ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިމަހުގެ 13ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުގެ ޕްރައިމަރީ ސާޕްލަސް ހުރީ، 2.4 ބިލިޔަން ރުފިޔާގައެވެ. އަދި ދައުލަތުގެ ބަޖެޓުގެ ޖުމްލަ ބެލެންސް މިހާރު ހުރީ، 950.3 މިލިޔަން ރުފިޔާގެ ޑެފިސިޓެއްގައެވެ.