މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމްޕީބީއޭ 10-ބޯލް ޗެމްޕިއަންޝިޕް 2026" ރަސްމީކޮށް ފަށައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފެށި މި މުބާރާތުގައި ޖުމްލަ 128 ކުޅުންތެރިން ވާދަކުރެއެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެން 114 ކުޅުންތެރިންނާއި އަންހެން 14 ކުޅުންތެރިންނެވެ. މުޅި މުބާރާތުގައި ޖުމްލަ 126 މެޗު ކުޅޭނެއެވެ.
އެމްޕީބީއޭ 10-ބޯލް ޗެމްޕިއަންޝިޕް 2026 ގްރޭންޑް ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އޯގަސްޓް 25 ވާ އަންގާރަ ދުވަހުގެ ރެއެވެ.
މުބާރާތް ކުރިއަށްދަނީ ވާދަވެރި "ވިނާސް އެންޑް ލޫޒާސް ބްރެކެޓް" ފޯމެޓަށެވެ.
މިއީ އެމްޕީބީއޭގެ ގައުމީ ރޭންކިން މުބާރާތެކެވެ. އަދި މުބާރާތުގައި ކުޅުންތެރިން ދައްކާ ކުޅުމަށް ބަލައި ރޭންކިން ޕޮއިންޓް ލިބިގެންދާނެކަމަށް މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަނުން ފާހަގަކުރިއެވެ.