ކުދި ވިޔަފާރިތަކާ ގުޅުންހުރި ރެގިއުލޭޓަރީ ފްރޭމްވަރކްތައް ރިވިއުކޮށް، ގެންނަންޖެހޭ މުހިންމު އިސްލާހުތައް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޟިޔާއު ވިދާޅުވެއްޖެއެވެ. ޟިޔާއު މިހެން ވިދާޅުވީ ވިޔަފާރިވެރިންގެ ދުވަހުގެ މުނާސަބަތުގައި، ނެރުއްވި ބަޔާނުގައެވެ.
ބީސީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޟިޔާއު ވިދާޅުވީ، ދުނިޔެއަށް އަންނަމުންދާ ހަލުވި ބަދަލުތަކާއެކު، ވިޔަފާރީގެ ވައްޓަފާޅިއަށްވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމަށެވެ. ޓެކްނޮލޮޖީގެ ކުރިއެރުމާއެކު، ފަންނުވެރިންނާއި، ޑިޒައިނަރުން، ޑިވެލޮޕަރުން އަދި ފްރީލާންސަރުން ފަދަ ހުނަރުވެރި ފަރާތްތަކަށް، އީޖާދީ ޚިޔާލުތައް ދެމެހެއްޓެނިވި ވިޔަފާރިތަކަކަށް ބަދަލުކުރުމުގެ ފުރުޞަތު މިއަދު ފަހިވެފައިވާކަމަށެވެ. ޚާއްޞަކޮށް، ރާއްޖެ ފަދަ ޖަޒީރާ ޤައުމަކަށް ޑިޖިޓަލް އަދި ކްރިއޭޓަރ އިކޮނޮމީ އަކީ، ޒުވާނުންނަށް ބައިނަލްއަޤްވާމީ ބާޒާރުތަކަށް ވާޞިލުވުމަށް ލިބިގެންދާ އަގުހުރި ރަނުގެ ފުރުޞަތެއްކަމަށް ޟިޔާއު ވިދާޅުވިއެވެ.
ސަރުކާރުގެ ޑިޖިޓަލް ސިޔާސަތާއެކު، ޤާއިމް ކުރުމަށް މަސައްކަތް ކުރަމުންދާ "އުފެއްދުންތެރި އިޤްތިޞާދު" ނުވަތަ ކްރިއޭޓަރ އިކޮނޮމީ ވެގެންދާނީ ދިވެހި ޒުވާނުންނާއި އުފެއްދުންތެރިންގެ މުސްތަޤްބަލް އުޖާލާވެ ކުރިމަގު އަލިވެގެންދާނެ މުހިންމު ކަމަކަށްކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި، ޒުވާން ވިޔަފާރިވެރިންނަށް އިތުރު ދޮރުތަކެއް ހުޅުވިގެންދާނެ ކަމެއްކަން ވަނީ ފާހަގަކޮށްފައެވެ.
ބީސީސީއިން މިދަނީ، ދިވެހި އިޤްތިޞާދު، އުފެއްދުންތެރި އިޤްތިޞާދަކަށް ފަހިކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ޤާއިމްކުރާ "ކްރިއޭޓަރ ހަބް"ގެ ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ދިވެހި އުފެއްދުންތެރިންނަށް ލިބޭނެ މަގު ފަހިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ވިދާޅުވިއެވެ. އެ ކޯޕަރޭޝަންގެ އަމާޒަކީ ކްރިއޭޓަރ ހަބް މެދުވެރިކޮށް، އުފެއްދުންތެރިންނަށް ބޭނުންވާ އެހީތެރިކަމާއި ވަސީލަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުންކަމަށް ޟިޔާއު ވިދާޅުވިއެވެ.
ބީސީސީ އަބަދުވެސް ދެމިއޮންނާނީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ، އިރުޝާދާއި، ތަމްރީނާއި، މާކެޓް ފުރުޞަތުތައް ފަހިކޮށްދީ، މި ޤައުމީ ތަޞައްވުރު ޙަޤީޤަތަކަށް ހެދުމުގައިކަމަށް ވިދާޅުވިއެވެ. އެގޮތުން ކުދި ވިޔަފާރިތަކާ ގުޅުންހުރި ރެގިއުލޭޓަރީ ފްރޭމްވަރކްތައް ރިވިއުކޮށް، ގެންނަންޖެހޭ މުހިންމު އިސްލާހުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ޟިޔާއު ވިދާޅުވިއެވެ.
"ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަހި ގޮތްތަކެއް ހޯދައި ދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ބީސީސީން މިދަނީ، ކުދި ވިޔަފާރިތަކާ ގުޅުންހުރި ރެގިއުލޭޓަރީ ފްރޭމްވަރކްތައް ރިވިއުކޮށް، ގެންނަންޖެހޭ މުހިންމު އިސްލާހުތައް ގެނައުމަށް ކުރަންޖެހޭ މަސައްކަތް ވެސް ކަމާ ގުޅުންހުރި ފަރާތްތަކާ ގުޅިގެން ކުރަމުން. އަދި މެދުފަންތީގެ ވިޔަފާރިތައް އިތުރު ހަރުފަތަކަށް ގެންދިއުމަށް އެފަރާތްތަކަށް ބޭނުންވާ ކަންކަން ދެނެގަނެ، އެކަންކަން ފަހި ކުރުމަށް އިސްކަން ދީގެން ޚާއްޞަ މަސައްކަތްތަކެއްވެސް މިދަނީ ކުރަމުން. މިއީ އިޤްތިޞާދުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދައުރު ފުޅާ ކުރުމަށް ކުރެވޭ މުހިންމު މަސައްކަތަކަށް ވެގެންދާނެ." ޟިޔާއު ވިދާޅުވިއެވެ.
ވިޔަފާރިވެރިޔަކު ހުރި ރަށަކީ ނުވަތަ ތަނަކީ އޭނާއަށް ލިބެންޖެހޭ ފުރުޞަތުތަކަށް އެޅޭ ހުރަހަކަށް ވެގެން ނުވާނެކަމަށް ވިދާޅުވިއެވެ. އެހެންކަމުން މި ފުރުޞަތުގައި، ވިޔަފާރީގެ ވިސްނުމުގައި ތިބި ޒުވާނުންނަށް، މިއަދު ފަހިވަމުންދާ ފުރުޞަތުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި ކުރިއަށް ދިއުމަށް ބީސީސީގެ އެމްޑީ އިބްރާހިމް ޟިޔާއު ވިދާޅުވިއެވެ.