ޚަބަރު

އާމްދަނީން ޓެކްސް ނެގުމުގެ ޤަވައިދަށް އިސްލާހުތަކެއް


  • މީހުން ދިރިނޫޅޭ ރަށްރަށުން ދޭ އެކޮމޮޑޭޝަން އާމްދަނީ ގުނުމުގައި ނުހިމެނޭނެ

  • އާމްދަނީން ނަގާ ޓެކުހުގެ އެއްވެސް ރޭޓަކަށް ބަދަލު އައިސްފައިނުވޭ

މީހުން ދިރިނޫޅޭ ރަށްރަށުގައި ފޯރުކޮށްދޭ އެކޮމޮޑޭޝަނާއި ކަނޑު އުޅަނދުފަހަރުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް އެ އުޅަނދުން ފޯރުކޮށްދޭ އެކޮމޮޑޭޝަން ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި މުވައްޒަފުގެ އުޖޫރައިގެ ބައެއްގެ ގޮތުގައި ހިމަނަން ނުޖެހޭގޮތަށް އާމްދަނީން ޓެކްސް ނެގުމުގެ ޤަވައިދަށް އިސްލާހު ގެނެސްފިއެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ، މީރާއިން ވިދާޅުވީ، މި އިސްލާހާއެކު އެކްރޫއަލް ބޭސިސްއަށް ހިސާބުތައް ތައްޔާރުކުރުމާއި އޮޑިޓަރުގެ ރިޕޯޓް ހުށައެޅުމަށް ބަލަންޖެހޭ ކަންތައްތަކަށް މުހިންމު ބަދަލުތަކެއް އައިސްފައިވާކަމަށެވެ. ވިޔަފާރީގެ ނޮން-ކަރަންޓް އެސެޓްތައް ގަތް އަގު 30 މިލިޔަން ރުފިޔާއަށްވުރެ އިތުރުވެއްޖެނަމަ އާމްދަނީގެ މިންވަރަށް ބެލުމެއްނެތި އެކްރޫއަލް ބޭސިސްއަށް ހިސާބު ތައްޔާރުކޮށް އޮޑިޓަރުގެ ރިޕޯޓް ހުށައަޅަންޖެހޭނެކަމަށެވެ.

ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި "އޮޕަރޭޓިންގ ލީސް" އާ ގުޅިގެން އަދަދެއް އުނިކުރެވޭނީ ލީސްގެ މުއްދަތަށް ބަހާލައިގެން "ސްޓްރައިޓް-ލައިން ބޭސިސް" އެއްގައިކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި އިންކަމް ޓެކްސް ޤާނޫނުގެ ބޭނުމަށް "ފައިނޭންސް ލީސް" އެއް ތޯ ކަނޑައެޅުމުގައި ބަލާނެކަންތައްތައް މުޅިން އަލަށް މި އިސްލާހުގައި ވަނީ ހިމަނާފައެވެ.

މީގެއިތުރުން މީހުން ދިރިއުޅޭ ރަށެއްގައި ހުންނަ ގެސްޓްހައުސްއެއްގެ އިމާރާތްތައް ފިޔަވައި ޓޫރިސްޓް އެސްޓަބްލިޝްމަންޓްތަކުގެ އިމާރާތްތަކަށް ކެޕިޓަލް އެލަވަންސް އުނިކުރެވޭ ރޭޓް 4 އިންސައްތައިން 2.5 އިންސައްތައަށް ޓެކްސް އަހަރު 2027އިން ފެށިގެން ބަދަލުކުރުމަށް މި އިސްލާހުގައި ވަނީ ހިމަނާފައެވެ.

ހަމައެއާއެކު ޓެކްސް ދައްކާ ފަރާތްތަކުން މާލީ ހިސާބުތާއި ލިޔެކިޔުންތައް ތައްޔާރުކުރަންޖެހޭ "ފަންކްޝަނަލް ކަރަންސީ" ކަނޑައަޅާނެ ގޮތް ބަދަލުކޮށް ފަންކްޝަނަލް ކަރަންސީ ކަނޑައެޅުމުގައި ބަލާނެ އައު މިންގަނޑުތަކެއް ވަނީ ތަފްސީލްކޮށްދީފައެވެ. އާމްދަނީން ޓެކްސް ނެގުމުގެ ގަވައިދަށް މި ގެނެވުނު އިސްލާހުތަކާއި ގުޅިގެން އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ދައްކަންޖެހޭ ޓެކުހުގެ އެއްވެސް ރޭޓަކަށް ބަދަލު އައިސްފައިނުވާކަމަށް މީރާއިން ވަނީ ވިދާޅުވެފައެވެ.