ޚަބަރު

އޭޝިއަން ގޭމްސްގައި 7 ކުޅިވަރެއްގައި ރާއްޖެއިން ވާދަކުރާނެ


  • އޭޝިއަން ގޭމްސްގައި ރާއްޖެއިން ވާދަކުރަނީ ސާފިން، ސްވިމިން، ޓޭބަލް ޓެނިސް، އެތްލެޓިކްސް، ބެޑްމިންޓަން، ޝޫޓިން އަދި ބީޗް ވޮލީގައި

  • މުބާރާތް ކުރިއަށްދާނީ އަންނަމަހުގެ 19 އިން އޮކްޓޯބަރުމަހުގެ 4 އަށް ޖަޕާނުގެ އައިޗީ އަދި ނަގޯޔާގައި

ހަތް ކުޅިވަރަކުން އޭޝިއަން ގޭމްސްގައި ރާއްޖޭގެ އެތްލީޓުން ޤައުމު ތަމްސީލުކުރާނެކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ހާމަކޮށްފިއެވެ.

އެމްއޯސީގެ ފަރާތުން މިކަން ހާމަކުރެއްވީ އެކޮމިޓީގެ ސެކްރެޓެރީ ޖެނެރަލް ތަމޫހް އަހްމަދު ސަޢީދު ޕީއެސްއެމް ނިއުސްގެ ކުޅިވަރު ވިންދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ. އަންނަމަހުގެ 19 އިން އޮކްޓޯބަރުމަހުގެ 4 އަށް ޖަޕާނުގެ އައިޗީ އަދި ނަގޯޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތަށް ރާއްޖެއިން ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން ތަމޫހް ވިދާޅުވީ މިމުބާރާތުގައި ރާއްޖެއިން ހަތް ކުޅިވަރެއްގައި ވާދަކުރާނެކަމަށެވެ.

އެގޮތުން ރާއްޖެއިން ވާދަކުރާނެ ކުޅިވަރުތަކަކީ ސާފިން، ސްވިމިން، ޓޭބަލް ޓެނިސް، އެތްލެޓިކްސް، ބެޑްމިންޓަން، ޝޫޓިން އަދި ބީޗް ވޮލީކަމަށް ތަމޫހްވަނީ މައުލޫމާތުދެއްވާފައެވެ. އަދި މުބާރާތުގައި ވާދަކުރާނެ ޤައުމީ އެތްލީޓުން މިހާރު ހޮވާފައިވާކަމަށާއި، އެ އެތްލީޓުންގެ ދަތުރުފަތުރުގެ ކަންކަން ހަމަޖެއްސުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށް ތަމޫހް ވިދާޅުވިއެވެ.

"މިފަހަރު ރާއްޖެއިން މިބައިވެރިވަނީ ހަތް ކުޅިވަރެއްގައި. އެއީ ސާފިން، ސްވިމިން، ޓޭބަލް ޓެނިސް، އެތްލެޓިކްސް، ބެޑްމިންޓަން، ޝޫޓިން އަދި ބީޗް ވޮލީ. މިކުޅިވަރުން އެތްލީޓުން ނަގާ އެ އެތްލީޓުންގެ ދަތުރުފަތުރުގެ ކަންކަން މިހާރު ކުރިއަށްދަނީ" ތަމޫހް ވިދާޅުވިއެވެ.

އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ އެތްލީޓުން ފުރުމަށް ހަމަޖެހިފައިވަނީ އެކި ތާރީޚުތަކުގައިކަމަށާއި އެހެންކަމުން އެ އެތްލީޓުންގެ ޓިކެޓްގެ ކަންކަމާއި ދަތުރުފަތުރުގެ ކަންކަން ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާކަމަށް ތަމޫހް ވިދާޅުވިއެވެ.

"އެކި އެތްލީޓުން މިފުރަނީ އެކި ތާރީޚުތަކުގައި. އެހެންވީމަ ޓިކެޓް ނެގުމުގެ ކަންތައްތަކައިގެން މިހާރު ކުރިއަށް މިދަނީ. ޓީމުތައް މިހާރު ވަނީ ސެލެކްޓްވެފައި ކުޅިވަރުތަކުން" ތަމޫހް ވިދާޅުވިއެވެ.

މީގެ އިތުރުން މުބާރާތުގައި އެތްލީޓުން ވާދަކުރާއިރު، އިދާރީގޮތުން ފުރިހަމަކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ހުންނަކަމަށް އެމްއޯސީއިން ވިދާޅުވިއެވެ. އޭގެ ތެރޭގައި ކުޅުންތެރިންގެ ރެޖިސްޓްރޭޝަންގެ ކަންކަމާއި އެކޮމޮޑޭޝަންގެ އިތުރުން މުބާރާތުގެ ކުރިން ޖަޕާނަށް ދިއުމަށް ފުރިހަމަކުރަންޖެހޭ އެންމެހާ ކަންކަން ފުރިހަމަކުރުމުގެ މަސައްކަތްކުރަމުންދާކަމަށް އެމްއޯސީއިން ހާމަކުރެއްވިއެވެ.

20 ވަނަ އޭޝިއަން ގޭމްސް 2026 ނުވަތަ އައިޗީ – ނަގޯޔާ 2026 ގައި މިފަހަރު 45 ޤައުމަކުން އެތްލީޓުން ވާދަކުރާނެއެވެ. މުބާރާތް ކުރިއަށްދާނީ އައިޗީގެ 24 ސްޓޭޑިއަމެއްގަޔާއި ނަގޯޔާގެ 15 ސްޓޭޑިއަމެއްގައެވެ.