ޖަރުމަނުވިލާތުގައި ކޮންމެ އަހަރެއްގެ ފުޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން ކުޅޭ ޖަރމަން ސުޕަރ ކަޕް ބަޔާން މިޔުނިކުން ކާމިޔާބު ކޮށްފިއެވެ.
ޖަރމަން ސުޕަރ ކަޕް ބަޔާން ކާމިޔާބު ކޮށްފައިވަނީ ވާދަވެރި ބޮރޫޝިއާ ޑޯޓްމުންޑާއި ބައްދަލުކޮށް 2 ލަނޑު އެއް ލަނޑުންނެވެ. ޖަރމަން ސުޕަރ ކަޕަކީ ކޮންމެ ސީޒަނެއްގެ ޖަރުމަނު ބުންޑެސްލީގާގެ ޗެމްޕިއަނުންނާއި ޖަރމަން ކަޕްގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ މެޗެކެވެ. ނަމަވެސް މިދިޔަ ސީޒަަންގައި މިދެ ތަށިވެސް ބަޔާން ކާމިޔާބު ކޮށްފައިވުމުން ޑޯޓްމުންޑަށް މިޖާގަ ލިބިގެން ގޮސްފައިވަނީ ދެ ވަނަ ޓީމުގެ ހައިސިއްޔަތުންނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބަޔާންއިންނެވެ. މިދިޔަ ސީޒަންގެ ޖަރމަން ކަޕްވެސް ކާމިޔާބު ކޮށްފައިވާ ބަޔާން އިން މިމެޗުގައި ކާމިޔާބު ކުރި ފުރަތަމަ ލަނޑު މެޗުގެ 28 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ މިސީޒަންގައި އެޓީމަށް އަލަށް ގުޅުނު ނަތާނިއަލް ބްރައުންއެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބަޔާންގެ ލީޑު ފުޅާކޮށްދިނީ މިދިޔަ ސީޒަންގައި އެޓީމަށް މޮޅު ކުޅުމެއް ދައްކުވައިދިން ފަރަންސޭސިވިލާތުގެ މައިކަލް އޮލީސޭއެވެ.
މިމެޗުގައި ޑޯޓްމުންޑްއިން އެޓީމުގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްފައިވަނީ މެޗުގެ 75 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ފަބިއޯ ސިލްވާއެވެ. މިމެޗުގެ ފުރަތަމަ ހާފުގައި ޑޯޓްމުންޑްގެ ރެމީ ބަންސެބައިނީ ލަނޑެއް ކާމިޔާބު ކުރި ނަމަވެސް އެލަނޑުވަނީ ވީއޭއާރުން ބެލުމަށްފަހު އޮފް ސައިޑް ކަމަށް ދައްކާފައެވެ.
ޑޯޓްމުންޑް އިން ކާމިޔާބު ކުރި ލަނޑާއެކު މެޗުގެ ފަހު 15 ވަރަކަށް މިނެޓް ދިޔައީ ވަރަށް ފޯރި ގަދަ ކޮށެވެ. ނަމަވެސް މިއާއެކުވެސް އެޓީމަށް ލަނޑެއް ކާމިޔާބު ކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކުރެވޭގޮތެއް ނުވިއެވެ. މިމެޗުގެ 90 ވަނަ މިނެޓުގައި ޑޮޓްމުންޑްގެ ބަންސެބައިނީ ބަޔާންގެ ފޯވަޑް އިސްމާއީލް ސައިބާރީއަށް ކުރި ފައުލަކާއި ގުޅިގެންވަނީ ރަތް ކާޑު ދައްކާފައެވެ.
ޔޫރަޕްގެ ރަން ބޫޓު މިދިޔަ ބުދަ ދުވަހު ލިބުނު ބަޔާންގެ ފޯވަޑް ހެރީ ކޭން މިމެޗުގައި ކުޅުނު ނަމަވެސް އޭނާއަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.