ކުޅިވަރު

ކޮންމެ ޓީމަކުން ބަލަނީ ވިނީޝިއުސް އަށް ބުލީކުރަން: މޮރީނިއޯ


ކޮންމެ ޓީމަކުން ވެސް ބަލަނީ ރެއާލް މެޑްރިޑުގެ ފޯވަޑް ވިނީޝިއުސް އަށް ބުލީ ކުރަން ކަމަށާއި ސްޕެނިޝް ލީގުގެ އާ ސީޒަން ފެށުނީ ވެސް އެފަދައިން ކަމަށް ރެއާލްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި އެސްޕަނިޔޯލް އަތުން 2-1އިން ކިރިޔަ ކިރިޔާ މޮޅުވި މެޗަށް ފަހު ވާހަކަ ދައްކަމުން މޮރީނިއޯ ބުނީ މެޗު ފެށުނީއްސުރެ ވިނީޝިއުސްއާ ދިމާކުރުން އޮތް ކަމަށެވެ.

"އަހަރެން އޭނާ ގާތުގައި ބުނިން އޭނާ ލަނޑު ޖަހައިފިއްޔާ އުފާފާޅު ކުރުމުގައި ސަމާލުވާން. ސަބަބަކީ މިއީ ސައިބަ ބުލީ ވެސް ކުރާ ޒަމާނެއްވީމާ އޭނާ ހިމާޔަތް ކުރަން ވެގެން. އަހަރުމެން ޖެހޭ އޭނާ އަށް އިތުރަށް މި ކަމުގެ ތަމަރީނުދީ ހޭލުންތެރި ކުރުވަން،" ކޯޗު ބުންޏެވެ.

ނަމަވެސް އެސްޕަނިޔޯލްގެ ކޯޗު ވަނީ މޮރީނިއޯގެ މި ވާހަކަތަކާ ދެކޮޅު ހަދައިފަ އެވެ. އޭނާ ބުނީ މެޗުގައި އެފަދަ އެއްވެސް ކަމެއް ނުހިނގާ ކަމަށެވެ. އަދި ރެއާލް މެޑްރިޑް މޮޅުވީ ފްރާންސްގެ ފޯވަޑް ކީލިއަމް އެމްބާޕޭގެ މޮޅުކަމުން ކަމަށެވެ.

"އޭނާގެ ނުރައްކާތެރި ދުވުންތަކާހެދި އަހަރުމެންނަށް ފަހު ވަގުތު ހޯސް ހެދުނީ. އެ މީހުން ޖެހި ދެ ގޯލަކީ ވެސް އަހަރުމެންގެ މިސްޓޭކްސް،" ކޯޗު ބުންޏެވެ.

މޮރީނިއޯ ބުނީ މެޗުން އޭނާގެ ޓީމު މޮޅުވުން ހައްގު ކަމަށާއި އަދި އެސްޕަނިޔޯއިން ކުޅުނު ދިފާއީ ކުޅުމަށް ބަލާއިރު އެ މީހުން ބަލިވުން ވެސް ހައްގު ނޫން ކަމަށެވެ.

"އެ މީހުންގެ ވޯލްޑް ކަޕް ކުޅުނު އެއްވެސް ކުޅުންތެރިއަކު ނެތް. އެހެންވީމާ މިދިޔަ ދެ ހަފުތާގައި އެ މީހުން ޕްރެކްޓިސް ކުރީ އެކީގައި. އެ މީހުންގެ ފިޒިކަލް ފިޓްސް ނިކަން ދެކިބަލަ. އަހަރުމެން ޓީމު ހަމަވީ ވަރަށް ފަހުން. މިއި ތަފާތެއް،" ވޯލްޑް ކަޕަށް ދިޔަ ކުޅުންތެރިން ޕްރެކްޓިސް ކުރަން ފެށިލެއް ލަސްކަން ފާހަގަ ކުރަމުން މޮރީނިއޯ ބުންޏެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ޖެހީ ނުވަ ވަނަ މިނިޓްގައި ޖޫޑް ބެލިންހަމެވެ. މޮރީނިއޯ ބުނީ އޭނާ މެޗުގައި ސްޓާޓް ކުރުވުމާމެދު ވިސްނަން ޖެހުނު ކަމަށާއި ނަމަވެސް ދިފާއީ ގޭމެއް ބެލިންހަމަށް ނުދޭނެ ކަމަށެވެ.

"އޭނާ އަށް ކުޅެވިދާނެ ދިފާއީކޮށް ވެސް. އެކަމަކު އޭރުން އަހަރުމެންގެ އެޓޭކުން ހުސްކަން ފެނޭ. އޭނާގެ ރަސްމީ ޕޮޒިޝަނަކީ އެޓޭކް ކުރުން،" މޮރީނިއޯ ބުންޏެވެ.

ލީގުގައި ރެއާލް އަށް ދެން އޮންނާނީ ރެއާލް ސޮސިއެޑާޑްގެ މެޗެވެ.