އީރާނުގެ ދިފާޢީ އުފެއްދުންތެރިކަމުގެ ޞިނާޢަތު ފާއިތުވި އަހަރުތަކުގެ ތެރޭގައި ވަރަށްބޮޑަށް ކުރިއަރައި، މިހާރު 1,000 އަށްވުރެ ގިނަ ބާވަތުގެ އެންމެ ފަހުގެ ޒަމާނީ ހަތިޔާރު އުފެއްދުމުގެ ޤާބިލުކަން ހޯދާފައިވާ ކަމުގައި އެ ޤައުމުގެ ދިފާޢީ ވުޒާރާގެ ތަރުޖަމާނު ބްރިގެޑިޔަރ ޖެނެރަލް ރިޒާ ތަލައިނީކް ހާމަކުރައްވައިފިއެވެ. ޞިހްޔޫނީން ރުއްސުމަށް ފެބުރުވަރީ 28 ގައި އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމައިގެ ރައްދުގައި އީރާނުގެ އަސްކަރިއްޔާއިން މީގެ ތެރެއިން ގިނަ ޢަދަދެއްގެ ހަތިޔާރު ކާމިޔާބުކަމާއެކު ބޭނުން ކުރަމުންދާ ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި، ދުޝްމަނުން ވަރުގަދަ ހަމަލާތަކެއް ދިން ނަމަވެސް، އީރާނުގެ އަސްކަރިއްޔާއިން އެ ޤައުމުގެ ދިފާޢީ ޤާބިލުކަން ދަމަހައްޓައި، އެމެރިކާއާއި ޔަހޫދީ ފައުޖުގެ ނިރުބަވެރި ހަމަލާތަކަށް ރައްދުދިނުމުގައި ސާބިތުކަމާއެކު ދެމިއޮތް ކަމުގައި އޭނާ ވިދާޅުވިއެވެ.
އީރާނުގެ އިސްލާމީ އިންޤިލާބުގެ ކުރިން އެ ޤައުމުގެ ދިފާޢީ އުދެއްދުންތެރިކަމުގެ ޞިނާޢަތުން އުފައްދަމުން ދިޔައީ އެންމެ 31 ބާވަތެއްގެ ހަތިޔާރެވެ. އޭގެ ތެރޭގައި ގިނައީ، އާދައިގެ ޖީ-3 މަރުކާގެ ބަޑި ފަދަ ކުދި ހަތިޔާރު ކަމުގައި ތަލައިނީކް ވިދާޅުވިއެވެ. ނަމަވެސް، މިއަދު އީރާނުގެ ޒުވާނުން ޚިދުމަތްކުރާ ދިފާޢީ އުފެއްދުންތެރިކަމުގެ ޞިނާޢަތުން އުފައްދަމުންދާ ހަތިޔާރާއި ގޮވާތަކެއްޗަކީ، ދުނިޔޭގެ ބޮޑެތި ބާރުތަކާ ވާދަކުރެވޭ ފެންވަރުގެ ފުރިހަމަ ތަކެތި ކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި، މިއީ ވޭތުވެދިޔަ ދަހަރުތަކުގައި ދިފާޢީ ދާއިރާގެ ސިފަ މުޅިން ބަދަލުކޮށްލި ބޮޑު އިންޤިލާބެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
މީގެ ތެރެއިން، މިސައިލްގެ ޤާބިލުކަމުގައި އީރާނުން ހޯދާފައިވާ ކުރިއެރުންތައް ފާހަގަކުރެވެއެވެ. ތަލައިނީކް ވިދާޅުވީ، މިސައިލް އުފެއްދުމުގެ ދާއިރާއިން އެންމެ ކުރިއަރާފައިވާ 10 ޤައުމުގެ ތެރޭގައި މިހާރު އީރާން ހިމެނޭ ކަމުގައެވެ. އީރާނުގެ ދިފާޢީ ޞިނާޢަތުން އެންމެ އިސްކަމެއް ދީފައިވާ ދާއިރާއަކީ، މިސައިލްތަކުގެ ރާސްތާ އިތުރުކުރުމާއި، އަމާޒަށް ވާސިލުވުމުގެ ޤާބިލުކަން އިތުރުކުރުމެވެ. މިއީ، ކުރީގެ ދަހަރުތަކާ އަޅައިބަލާއިރު ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ތަލައިނީކް ސިފަކުރެއްވިއެވެ. މީގެ އިތުރުން، އީރާނުން އަމިއްލައަށް ފަރުމާކޮށް އުފައްދާ ހަނގުރާމަވެރި، ޖާސޫސީ އަދި އެއްކޮޅަށް ދަތުރުކޮށް ހަމަލާދޭ ބާވަތުގެ 'ވަން-ވޭ-އެޓޭކް' ޑްރޯންތަކަކީ ވެސް ދިފާޢީ ޤާބިލުކަމުގެ މުހިންމު އެއް ބަޔަށްވެފައިވާ ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ. އީރާނުން އުފައްދާ ބާރުގަދަ އަސްކަރީ ޑްރޯންތައް ބޭރުގެ ބައެއް ޤައުމުތަކަށް އެކްސްޕޯޓު ކުރަމުންދާ ކަން މަސްރަޙުގެ ދާރިސުން ފާހަގަކުރެއެވެ.
މި ކުރިއެރުންތަކުގެ އަސްލަކީ، އީރާނާ ދެކޮޅަށް ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައި، އެ ޤައުމަށް މުދާ އެތެރެކުރުމަށް ހުރަސްއަޅާފައި އޮތް އަހަރުތަކުގައި، އަމިއްލަ ދިފާޢީ އުފެއްދުންތެރިކަން ފުޅާކޮށް، ލިބިފައިވާ ތަޖުރިބާ ކަމުގައި ތަލައިނީކް ފާހަގަކުރެއްވިއެވެ. ނަތީޖާއަކީ، އެހެން ބަޔަކަށް ބަރޯސާވުމުގެ ބަދަލުގައި މިއަދު އީރާނުގެ ދިފާޢީ ދާއިރާއަކީ ފުރިހަމަ ދިފާޢީ ނިޒާމުތަކެއް އުފެއްދުމުގެ ޤާބިލުކަން ހޯދާފައިވާ، ހަނގުރާމައިގެ ޢަމަލީ މައިދާނުގައި އެ ހަތިޔާރު ކާމިޔާބުކަމާއެކު ބޭނުންކުރުމުގެ ޤާބިލުކަން ހުރި ދާއިރާއެއްގެ ގޮތުގައި ވެސް އޭނާ ސިފަކުރެއްވިއެވެ. އެމެރިކާގެ ހަނގުރާމައިގެ ރައްދުގައި އީރާނުން ގަލްފުގެ ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގެ އިތުރުން ޞިހްޔޫނީންގެ ދައުލަތުގެ ރަށްތަކަށް ވަރުގަދަ ހަމަލާތަކެއްދީ، ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަން މަސްރަހުގެ ދާރިސުން ފާހަގަކުރެއެވެ.