ޚަބަރު

އިންޑިއާ ކައިރިއަށް އާގުބޯޓެއް ފެތި، ގެއްލުނު 22 ފަޅުވެރިން ހޯދަނީ


ސައުވީސް ފަޅުވެރިންނާއެކު ދަތުރު ކުރަމުން ދިޔަ އާގުބޯޓެއް އިންޑިއާގެ އިރުމަތީ އައްސޭރިފަށް ފެތި، ކަނޑުވި 22 ފަޅުވެރިން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަން އިންޑިއާގެ ކޯސްޓުގާޑުން ހާމަކޮށްފިއެވެ. ޕެނަމާގައި ރަޖިސްޓަރީ ކޮށްފައިވާ 'އޯޝަން ވިނަރ' ގެ ނަން ދީފައިވާ މި އާގުބޯޓު ފެތުނު ހާދިސާގައި އޭގައި ތިބި ހުރިހާ ފަޅުވެރިން ކަނޑުވެފައިވާއިރު، މިހާތަނަށް ސަލާމަތް ކުރެވިފައި ވަނީ އެންމެ ދެ މީހުންނެވެ. އެއީ، ޗައިނާގެ ދެ ރައްޔިތުންނެވެ.

ސަލާމަތްކުރެވުނު ފަޅުވެރިން ބުނީ، ބޯޓު ފެތިފައި ވަނީ، ބޯޓު ފެތެން ފެށުމުގެ ކުރިން އެއް ފަޅިއަށް ވަރަށް ބޮރަށް އަރިއަޅައިލި ކަމުގައެވެ. އަދި، ބޯޓު ފެތެން ފެށުމުން، އޭގައި ތިބި ހުރިހާ ފަޅުވެރިން ކަނޑަށް ފައިބާފައިވާ ކަމުގައި އެ ދެ ފަޅުވެރިންނާ ޙަވާލާދީ އިންޑިއާގެ ކަނޑު ދަތުރުފަތުރާ ބެހޭ އިދާރާގެ ޑިރެކްޓަރ ޖެނެރަލް ޝިޔާމް ޖަގައްނާތަން ހާމަކުރެއްވިއެވެ. ބޯޓު ފެތުނު ފަހުން 12 ގަޑިއިރު ފާއިތުވެފައިވާއިރު، ދިރިތިއްބާ އިތުރު ފަޅުވެރިން ފެނުމުގެ އުންމީދު ހަނި ކަމުގައި ޖަގައްނާތަން ވިދާޅުވިއެވެ. ނަމަވެސް، އެ މީހުން ސަލާމަތް ކުރުމަށް އިންޑިޔާގެ ކަނޑުގެ ސިފައިންނާއި ކޯސްޓުގާޑުން ގުޅިގެން މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

ކަނޑުވެފައިވާ ފަޅުވެރިންގެ ތެރޭގައި ހިމެނެނީ ޗައިނާގެ 18 ރައްޔިތުންނާއި، މިޔަންމާގެ ތިން މީހުންގެ އިތުރުން ބަންގްލަދޭޝްގެ ރައްޔިތެކެވެ. ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތުގައި ކޯސްޓުގާޑަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމުގައި އިންޑިއާގެ ކަނޑުގެ ސިފައިން ބުނެއެވެ. އަދި، ޝްރީ ވިޖަޔާ ޕޫރަމް ބަނދަރުން އިތުރު މަނަވަރުތައް އެ ސަރަޙައްދަށް ފޮނުވާނެ ކަމުގައި ވެސް އިންޑިއާގެ ކަނޑު ސިފައިން ބުނެއެވެ.

އިންޑިއާއިން ދަގަނޑު ބަރުކޮށްގެން ޗައިނާއަށް ދަތުރުކުރުމަށް އިންޑިއާގެ އިރުމަތީ ޕާރާދީޕް ބަނދަރުން މި އާގުބޯޓު ފުރާފައި ވަނީ އޮގަސްޓު 21 ވަނަ ދުވަހު ކަމުގައި އިންޑިއާގެ ކަނޑު ދަތުރުފަތުރާ ބެހޭ އިދާރާއިން ބުނެއެވެ. ބޯޓު އަރިއަޅައިލައި، ފެތެން ފަށާފައި ވަނީ އެ ބަނދަރާ 240 ނޯޓިކަލް މޭލު ދުރުންނެވެ. ނަމަވެސް، ބޯޓު އަރިއަޅައިލަން މެދުވެރިވި ސަބަބު އަދި މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމުގައި އިންޑިއާގެ އިދާރާތަކުން ބުނެއެވެ.