ޚަބަރު

ޔޫއާރުއޭގެ ބޯޑު މެންބަރުން އިތުރުކުރުމުގެ އިސްލާހު ތަސްދީޤުކުރައްވައިފި


  • ބިލު ފާސްކުރީ އޮގަސްޓް 17ވަނަ ދުވަހު

  • ބޯޑު މެންބަރުންގެ ޢަދަދު ހަތަކަށް އިތުރުވާނެ

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް އެ އޮތޯރިޓީގެ ބޯޑު މެންބަރުންގެ އަދަދު އިތުރުކުރަން ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީޤުކުރައްވައިފިއެވެ.

އޮގަސްޓް 17ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި މި ބިލަކީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ އިދާރީ ހިންގުން ހަރުދަނާކުރުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމުގެ މަޤްސަދުގައި ހުށަހަޅުއްވާފައިވާ ބިލެކެވެ.

ބިލުގައި ހިމަނާފައިވާ ކަންތައްތަކުގެ ތެރޭގައި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ އަދަދު އިތުރުކުރުމާއި، މެންބަރުން އައްޔަނުކުރުމާއި، އެ ފަރާތްތަކުގެ ޝަރުޠުތަކާއި، މަޤާމުގެ މުއްދަތަށް ބަދަލުގެނައުން ހިމެނެއެވެ.

މި އިސްލާހާއެކު ކުރިން 5 މެންބަރުންގެ މައްޗަށް އެކުލެވޭ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑު އެކުލެވިގެންވަނީ އަލަށް އައްޔަނުކުރެވޭ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވާއެކު، 7 މެންބަރުންގެ މައްޗަށެވެ. އޮތޯރިޓީގެ ޗީފް އެގްޒެކެޓިވްގެ މަޤާމަށް މީހަކު އައްޔަނުކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ. ބޯޑަށް ޤާނޫނީ ދާއިރާގެ މެންބަރެއް އިތުރުކުރުމާއެކު، ބޯޑުގެ ބައްދަލުވުންތައް ބޭއްވުމުގެ އުސޫލުތައް މި އިސްލާހުގައި ވަނީ ކަނޑައަޅާފައެވެ.

މިހާރު ގެނައި އިސްލާހުތަކާ ގުޅިގެން، އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް އިތުރަށް ޢައްޔަންކުރަންޖެހޭ މެންބަރުން، ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި ޢައްޔަންކުރަންޖެހޭނެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ބިލު ޝާއިޢުކުރުމާއެކު މި ބިލަށް ވަނީ ޢަމަލުކުރަން ފަށާފައެވެ.