ޚަބަރު

ފެނަކައިގެ ޕްރޮކިއުމެންޓް، ޕީސީބީގެ އުސޫލުތަކާއި އެއްގޮތްކުރަނީ


  • އުސޫލާއި ޚިލާފަށް 2021އިން 2023އަށް 438 އެއްބަސްވުމެއް ހަދާފައިވޭ

ފެނަކައިގެ ޕްރޮކިއުމެންޓް އުސޫލު މުރާޖަޢާކޮށް، ޕީސީބީގެ އުސޫލުތަކާއި އެއްގޮތް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފެނަކަ ކުންފުނިން ވިދާޅުވެއްޖެއެވެ. އެކުންފުނިން ވަނީ، އައު ޕްރޮކިއުމެންޓް އުސޫލަށް މުވައްޒަފުންގެ ޚިޔާލު ހޯދުމަށް ސިމްޕޯޒިއަމްއެއް ބާއްވާފައެވެ.

ފެނަކައިގެ ޕްރޮކިއުމަންޓް ނިޒާމު އިތުރަށް ހަރުދަނާކޮށް ޒަމާނީ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އެ ކުންފުނީގެ ޕްރޮކިއުމަންޓް ސިޔާސަތު މުރާޖައާ ކުރުމަށް ބޭއްވި ސިމްޕޯޒިއަމްގެ މައިގަނޑު މަޤުޞަދަކީ އަލަށް އެކުލަވައިލާ ޕްރޮކިއުމަންޓް ސިޔާސަތާ ގުޅޭގޮތުން މަޝްވަރާކޮށް، މުވައްޒަފުންގެ ޚިޔާލާއި ތަޖުރިބާ ހޯދުމެވެ. އަދި މި ސިޔާސަތަކީ ޤަވާއިދުތަކަށް ފެތޭ، ކުންފުނީގެ އޮޕަރޭޝަނަލް މަސައްކަތްތަކާ އެލައިންވާ ސިޔާސަތެއްކަން ކަށަވަރު ކުރުމެވެ. މި ސިމްޕޯޒިއަމްގައި ކުންފުނީގެ 50 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވިއެވެ.

މި ސިމްޕޯޒިއަމްގައި ޕްރޮކިއުމަންޓް ޕްލޭން ކުރުމާއި، ބިޑު ކުރުމާއި އިވެލުއޭޝަން މަރުހަލާތަކާއި، ކޮންޓްރެކްޓް ހަވާލުކުރުމާއި މެނޭޖްކުރުން، ޝަކުވާ ހުށަހެޅުމުގެ ނިޒާމު އަދި ރެކޯޑް ބެލެހެއްޓުން ފަދަ މުހިންމު ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. މީގެ އިތުރުން، މިހާރު އަމަލުކުރަމުންދާ ނިޒާމުގައި ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކޮށް، އައު ސިޔާސަތުގެ ދަށުން އެކަންކަން ހައްލުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ބައިވެރިން ޚިޔާލު ބަދަލު ކޮށްފައިވެއެވެ.

މި ބައްދަލުވުމުގައި އަމަލީގޮތުން ޕްރޮކިއުމަންޓް މަސައްކަތްތަކުގައި އުޅޭ މުވައްޒަފުންގެ ފަރާތުން ފަންނީ ލަފަޔާއި އިރުޝާދު ލިބިފައިވެއެވެ. މީގެ ސަބަބުން ސިޔާސަތު ތަންފީޒު ކުރުމުގައި ކުރިމަތިވެދާނެ ދަތިތައް ދެނެގަނެވި، ކުންފުނީގެ ބޭނުންތަކަށް ފެތޭ، ހަރުދަނާ އަދި ނަތީޖާ ނެރެވޭނެ ފަދަ ސިޔާސަތެއް އެކުލަވައިލުމަށް މަގުފަހިވެގެންދާނެ ކަމަށް ފެނަކައިން ވިދާޅުވިއެވެ.

ކުންފުނީގެ ޕްރޮކިއުމަންޓް ސިޔާސަތު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ)ގެ އުސޫލުތަކާ އެއްގޮތް ކުރުމަށާއި، ދެފުށް ފެންނަ ޒިންމާދާރު އަދި ހަރުދަނާ އެކަށޭނަ ނަތީޖާ ނެރެވޭނެ ފަދަ ނިޒާމެއް ގާއިމުކުރުމަށް ކުރާ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމުގެ ޔަޤީންކަން ފެނަކައިން ދީފައިވެއެވެ.

ފެނަކަ ކުންފުނީގެ ޕްރޮކިއުމެންޓް އުސޫލާއި ޚިލާފަށް ގިނަ މަސައްކަތްތައް ހަވާލުކުރި މައްސަލަ ވަނީ، ފެންމަތިވެއެވެ. އޮޑިޓަރ ޖެނެރަލްގެ އޮފީހުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ "މުދަލާއި ޚިދުމަތް ހޯދުން، ކުންފުނީގެ މާލީ ޙާލަތާއި ހިސާބުތައް ބެލެހެއްޓުމާގުޅޭ ޚާއްޞަ އޮޑިޓް" ރިޕޯޓުގައިވާ މައްސަލަތައް ރައްޔިތުންގެ މަޖިލީހުގެ މާލީއްޔަތު ކޮމެޓީން ދިރާސާ ކުރުމަށްފަހު އޮޑިޓް އޮފީހުން ފާހަގަކުރި މައްސަލަތައް ހައްލުކޮށް ޕްރޮކިއުމެންޓް އުސޫލު އިސްލާހު ކުރުމަށާއި، އެ ރިޕޯޓާއި ގުޅިގެން ފާހަގަވި މައްސަލަތައް ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން މިމަހުގެ 11 ވަނަ ދުވަހު ވަނީ ފާސްކޮށްފައެވެ.

އޮޑިޓް ރިޕޯޓުން ފާހަގަވި ގޮތުގައި، 2021 އިން 2023 ދެމެދު ޖުމްލަ 673 އެއްބަސްވުމެއްގެ ދަށުން 2.23 ބިލިޔަން ރުފިޔާގެ މަސައްކަތް ހަވާލުކުރިއިރު، އޭގެ ތެެރެއިން 438 އެއްބަސްވުމަކީ އާންމު ބީލަމުގެ އުސޫލުން ބޭރުން ހެދިފައިވާ އެއްބަސްވުންތަކެކެވެ. މި މަޝްރޫޢުތަކުގެ އަގު 1.3 ބިލިޔަން ރުފިޔާއަށް އަރައެވެ.