މިއަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ދީނީ އުފެއްދުންތަކަށް ޚާއްސަ ދާއިރާއެއްވެސް ތަައާރަފްކޮށްފައިވާނެ ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ވިދާޅުވެއްޖެއެވެ.
މިދިޔަ އަހަރު ދީނީ އުފެއްދުންތައް ބައިވެރިކޮށްފައިވަނީ، އެހެނިހެން ދާއިރާތަކުގެ ގިންތިތަކުގެ ތެރޭގައެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026ގައި 16 ދާއިރާއަކުން 73 ގިންތިއެއްގައި އުފެއްދުންތަކާއި، ޚިދުމަތްތައް ދައްކާލުމުގެ ފުރުޞަތު ބީސީސީން މިހާރު ވަނީ ހުޅުވާލާފައެވެ. މި މައުރަޒުގައި ތަކެތި ބައިވެރި ކުރުމުގެ ސުންގަޑިއަކީ، މިމަހުގެ 31 ވާ ބުދަ ދުވަހެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީގެ ސްޓެރިޓިޖިކް ޑިވެލޮޕްމެންޓުގެ އެސިސްޓެންޓް ޑިރެކްޓަރ އަރީސާ މޫސާ ވިދާޅުވީ، މިއަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ތަކެތި ހުށަހެޅުމަށް އައު ދާއިރާއެއް ތައާރަފްކޮށްފައިވާނެ ކަމަށެވެ. އެގޮތުން މިއަހަރު ވަކި ދާއިރާއެއްގެ ދަށުން ދީނީ އެކިއެކި އުފެއްދުންތައް ބައިވެރިކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އަރީސާ ވިދާޅުވިއެވެ.
އަރީސާގެ ވާހަކައިގައި ވަނީ، މިދިޔަ އަހަރުގެ އުފެެއްދުންތެރިކަމުގެ މައުރަޒުގައި އެހެނިހެން ދާއިރާތަކުގެ ގިންތިތަކުގެ ދަށުން ދީނީ އެކިއެކި އުފެއްދުންތައް ބައިވެރިކުރުވުމުގެ ފުރުސަތު ދީފައިވާކަން ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މިފަދަ އުފެއްދުންތަކަށް ލިބުނު ތަރުހީބަށް ބަލައި މިއަހަރު މުޅިން އައު ދާއިރާއެއް މިކަމަށް ޚާއްސަކޮށްފައިވާނެ ކަމަށާއި، މި ދާއިރާގެ ތެރެއިންވެސް ގިންތިތަކެއް ހިމެނޭ ކަމަށް އަރީސާ ވިދާޅުވިއެވެ.
"ދީނީ އުފެއްދުންތަކުގެ ދާއިރާގެ ތެރޭގައި އަދި އިތުރު 3 ގިންތި އެބަ ހިމެނޭ. އޭގެ ތެރޭގައި ފުރަތަމަ ގިންތިއެއްގެ ގޮތުގައި މި ހިމެނެނީ ދީނީ ގޮތުން ހޭލުންތެރިކުރުވުމުގެ ގޮތުން އުފައްދާފައިވާ އޯޑީއޯ ވިޝުއަލް ކޮންޓެންޓު. ދެވަނަ ދަށު ގިންތިއެެއްގެ ގޮތުގައި މި ހިމެނެނީ ކުޑަކުދިންނަށް ދީން އުނގަންނައިދިނުމުގެ ގޮތުން އުފައްދާފައިވާ އެކި ކަހަލަ އުފެއްދުންތައް. އަދި ތިންވަނަ ގިންތިއަކަށް މި އިންނަނީ އޭގެ ކުރިން ދެންނެވުނު 2 ގިންތީގެ އިތުރުން ދީނީ މައުލޫމާތު ފޯރުކޮށްދޭ އެހެނިހެން އުފެއްދުންތައް." އަރީސާ ވިދާޅުވިއެވެ.
އަރީސާ ވިދާޅުވީ، މިދިޔަ އަހަރު އަތްތެރި މަސައްކަތްތަކުގެ ދާއިރާއިން ތަފާތު އުފެއްދުންތައް ބަލާލުމުގެ ފުރުސަތު ލިބިގެންދިޔަ ކަމަށެވެ. އަދި ކުރެހުމާއި، އެނިމޭޝަން ފަދަ ތަކެތި ހިމެނޭ ކްރިއޭޓިވް އާޓް އެންޑް ޑިޒައިންގެ ދާއިރާއަށްވެސް ބޮޑު ތަރުހީބެއް ލިބިގެންދިޔައިރު، އައިޓީ ދާއިރާގެ ތަފާތު އުފެއްދުންތަކެއްވެސް މިދިޔަ އަހަރުގެ މައުރަޒުގައި ފެނިގެންދިޔަ ކަމަށެވެ.
އަރީސާ ވިދާޅުވީ، މިކަމުގެ ސަބަބުން މި ދާއިރާއަކީވެސް ދިވެހިންގެ ފަންނުވެރިކަން އިތުރަށް ކުރިއެރުވޭނެ ދާއިރާއެއްކަން ވަރަށް ރަނގަޅަށް ހާމަވި ކަމަށެވެ. މީގެ އިތުރުން މި ދާއިރާތަކެކޭ އެއްގޮތަށް، މިއަހަރު ކްރިއޭޓިވް އިކޮނިމީގެ ދާއިރާއިންވެސް ތަފާތު އުފެއްދުންތައް ފެނިގެންދާނެ ކަމަށް އަންދާޒާކުރާ ކަމަށް އަރީސާ ވިދާޅުވިއެވެ.
މިއަހަރަކީ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާތީ، ބީސީސީގެ އަމާޒަކީ މިއަހަރުގެ މަޢުރަޒަކީ ދިވެހި އުފެއްދުންތެރިންނަށް އެފަރާތްތަކުގެ އުފެއްދުންތަކާއި ޚިދުމަތްތައް ދައްކާލުމަށާއި، މާކެޓު ކުރުމަށް ހުޅުވާލެވޭ އެންމެ ފަހި ފުރުޞަތަށް ހެދުމެވެ. މި މައުރަޒުގައި ބައިވެރިވުމަށް އެދި މިހާތަނަށް 350 އަށްވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް ބިސީސީން ވަނީ ވިދާޅުވެފައެވެ.
މިއަހަރުގެ މި މަޢުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ، އޮކްޓޫބަރ މަހުގެ 23 އިން 31 އަށެވެ. މި މަޢުރަޒަކީ، ދިވެހި އުފެއްދުންތެރިންގެ ހުނަރު ދައްކާލުމަށް ލިބޭ ބޮޑު ފުރުޞަތަކަށްވާއިރު، އެންމެފަހު ވަގުތަށް މަޑުނުކޮށް ވީހާވެސް އަވަހަށް ރަޖިސްޓްރީ ކުރުމަށް ބީސީސީން ވަނީ އިލްތިމާސް ކުރައްވާފައެވެ. މި މަޢުރަޒުގައި ބައިވެރިވުމަށް އެދި expo.mv ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނެއެވެ.