ޚަބަރު

ދަރަނި ދެއްކުމަށް 1.3 ބިލިޔަން ޑޮލަރު، ފާއިތުވި 2 ސަރުކާރަށްވުރެ އިތުރު


  • ދަރަނި ދެއްކުމަށް ރިޒާވްގެ %56 ބޭނުންކުރޭ

  • ދަރަނި ދެއްކުމާއިއެކު އިޤްތިޞާދު ދަނީ މެނޭޖުކުރަމުން

މި ސަރުކާރުން މިހާތަނަށް ދަރަނި ދެއްކުމަށް ޑޮލަރުން ޚަރަދުކޮށްފައިވާ އަދަދު ފާއިތުވި 2 ސަރުކާރަށްވުރެ އިތުރުކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ޑޮލަރުގެ މައްސަލަ ހައްލުކޮށް ބޭރު ފައިސާއިން ލިބޭ އާމްދަނީ އިތުރުކުރުމަށް ބޭރު ފައިސާގެ ޤާނޫނު ތަންފީޒު ކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ، ކުރައްވަމުންނެވެ. މި ސަރުކާރުން މިހާތަނަށް ވަނީ ކުރީ ސަރުކާރުތަކުން ނަގާފައިވާ ލޯނުތައް ދެއްކުމަށް ބޮޑު ހޭދައެއް ކޮށްފައެވެ. ދިވެހި ސަރުކާރުން 2021ވަނަ އަހަރު ބައިނަލްއަޤުވާމީ މާލީ ބާޒާރަށް ދޫކޮށްފައިވާ 500 މިލިޔަން އެމެރިކާ ޑޮލަރުގެ ސުކޫކުވެސް މި ސަރުކާރުން ވަނީ، ދައްކާ ޚަލާސްކޮށްފައެވެ.

މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވީ، ޑޮލަރުގެ ޢާމްދަނީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ ބޭނުންކުރަނީ ޤައުމުގެ މުހިންމު ކަންކަމަށް ޚަރަދު ކުރުމަށް ކަމަށެވެ. އެގޮތުން ރާއްޖެއިން ބޭރަށް ފުރާ މީހުންނަށް ޑޮލަރު ދޫކުރުމާއި، ބޭސްފަރުވާއަށް ފުރާ މީހުންނަށް ޑޮލަރު ދޫކުރުމާއި، ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ފީ ދައްކައިދިނުމާއި، ދިވެހި ވިޔަފާރިތަކާއި ދިވެހި ރައްޔިތުންނަށް ޑޮލަރު ފޯރުކޮށްދޭ މިންވަރު އިތުރުކުރުމުގެ އިތުރުން ތެލާއި ގޭސް ފަދަ ޒަރޫރީ ތަކެތި ގަތުމަށް ޑޮލަރުން ހޭދަކުރުން ހިމެނޭކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޒަރީރު ވިދާޅުވީ، ދަރަނި ދެއްކުމަށް ރިޒާވްގެ %56 ބޭނުންކުރަމުންދާ ކަމަށެވެ. މި ސަރުކާރުގެ ފުރަތަމަ 2 އަހަރާއި ބައިގެ ތެރޭގައި އޭގެ ކުރީގެ 2 ސަރުކާރުން ދަރަނި ދައްކަން ހޭދަކޮށްފައިވާ އަދަދަށްވުރެ ބޮޑު އަދަދެއް ހޭދަކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ރައީސް ޔާމީންގެ ސަރުކާރުގައި 2 އަހަރު ބައިގެ ތެރޭގައި ދެއްކިފައިވަނީ 191 މިލިޔަން ޑޮލަރު. ރައީސް ސާލިޙުގެ ސަރުކާރުގައި ދެއަހަރު ބައިގެ ތެރޭގައި ލޯނުގެ ގޮތުގައި ދައްކާފައިވަނީ، 428 މިލިޔަން ޑޮލަރު. އެހެންނަމަވެސް އަޅުގަނޑުމެން މި ސަރުކާރުން ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ މިހާތަނަށް އާއިރު 1.293 ބިލިޔަން ޑޮލަރު ދަރަނި ދެއްކުމަށް ހޭދަކުރެވިފައިވޭ. އެހެންވީމަ މިއީ ކުރިން ދިޔަ ސަރުކާރުތަކާއި ބަލާއިރު ވަރަށް ބޮޑު އަދަދެއް ދަރަނި ދައްކަން ޑޮލަރުން ހޭދަކުރަން މިޖެހުނީ." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މިކަމުގެ ސަބަބުން ދިމާވާނެ ދަތިތަކާއި ޚަރަދުތައް މެނޭޖުކުރުމުގައި ދިމާވާނެ ދަތިތައްވެސް ސަރުކާރުން ވަރަށް ގާތުން ބަލައި ފިޔަވަޅު އަޅަމުންދާ ކަމަށެވެ. އެންމެ ބޮޑު އިސްކަމެއްދީގެން ކުރާ މަސައްކަތަކީ، ދަރަނި ދެއްކުމާއި އަދި ޒަރޫރީ ތަކެތި ހުސްނުވެ ރައްޔިތުންނަށް ލިބޭނެ އިންތިޒާމްތައް ހަމަޖައްސައިދިނުން ކަމަށެވެ.

ސަރުކާރުން ވިދާޅުވީ، ކުރިއަށް އޮތްތާގައިވެސް މަސައްކަތް ކުރަމުން ދާނީ ސަރުކާރާއި ދައުލަތުގެ އެންމެހައި އިދާރާތަކުގެ އެއްބާރުލުމާއެކު، ދައުލަތުގެ ރިޒާވު އިތުރަށް ވަރުގަދަކުރުމަށް އެކުލަވާލަންޖެހޭ އެންމެހައި ސިޔާސަތުތައް ރާވައި ތަންފީޒުކުރުމުގެ މަސައްކަތް ކުރުން ކަމަށެވެ.