ސައުތު އޭޝިއަން އޮލިމްޕިކް ކައުންސިލް (އެސްއޭއޯސީ)ގެ އެކްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.
މިމަހުގެ 23 އިން 24 ގެ ނިޔަލަށް ޕާކިސްތާނުގެ އިސްލާމު އާބާދުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޢަބްދުއްސައްތާރާއި އެމްއޯސީގެ ސެކްރެޓެރީ ޖެނެރަލް ތަމޫހް އަހްމަދު ސަޢީދުއެވެ.
ޕާކިސްތާނުގެ ޤައުމީ އޮލިމްޕިކް ކޮމިޓީއިން އިންތިޒާމުކޮށްގެން ބޭއްވި މިބައްދަލުވުމުގައި މައިގަނޑުގޮތެއްގައި އަލިއަޅުވާލާފައިވަނީ 2027 ވަނަ އަހަރު ފެށުމަށް ތާވަލުކޮށްފައިވާ 14 ވަނަ ސައުތު އޭޝިއަން ގޭމްސްއަށް ވަމުންދާ ތައްޔާރީތަކާއި ގުޅޭ އެންމެފަހުގެ އަދާހަމަތައް ހިއްސާކޮށް މުބާރާތުގެ ކަންކަމާމެދު ޚިޔާލާއި މަޝްވަރާ ހޯދުމެވެ. މި ބައްދަލުވުމުގެ ތެރެއިން، މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ ސްޓޭޑިއަމްތަކަށް ބައްދަލުވުމުގެ ބައިވެރިން ވަނީ ޒިޔާރަތްވެސް ކޮށްފައެވެ.
14 ވަނަ ސައުތް އޭޝިއަން ގޭމްސް ބޭއްވުމަށް ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުގެ އޭޕްރިލްމަހުގެ 03 އިން 11 އަށް ޕާކިސްތާނުގެ ލާހޫރް، އިސްލާމްއާބާދު އަދި ފައިސަލްއާބާދުގައެވެ. ސާކްގެ 7 ޤައުމުން މިމުބާރާތުގައި ވާދަކުރާނެއެވެ.