ޚަބަރު

ސެމީއަށް ނުގޮސް އަލްކަރާޒް އާއި ސެރީނާ ބަލިވެއްޖެ


  • އަލްކަރާޒް އާއި ސެރީނާ ބަލިވީ ކޯބޯލީ އާއި ބެންޗިޗް އާއި ބައްދަލުކޮށް

އަހަރުގެ ފަހު ގްރޭން ސްލޭމް މުބާރާތް ކަމަށްވާ ޔޫއެސް އޯޕަންގެ މިކްސް ޑަބަލްސް އިވެންޓްގެ ސެމީ ފައިނަލަށް ނުގޮސް ކާލޯސް އަލްކަރާޒާއި ސެރީނާ ވިލިއަމްސްގެ ޓީމު ބަލިވެއްޖެއެވެ.

އަލްކަރާޒާއި ސެރީނާގެ ޓީމު ކުއާޓަރ ފައިނަލުގައި ބަލިވީ، ފްލާވިއޯ ކޯބޯލީ އާއި ބެލިންޑާ ބެންޗިޗްގެ ޓީމާއި ވާދަކޮށް ސީދާ ދެސެޓުންނެވެ. 2022 ވަނަ އަހަރުގެ މުބާރާތަށްފަހު ފުރަތަމަ ފަހަރަށް އަރތަރ އޭޝް ސްޓޭޑިއަމްގައި ކުޅެމުންދިޔަ ސެރީނާ އާއި އަނިޔާގެ ސަބަބުން ފަސް މަސްދުވަހު ކުޅުމާއި ދުރުގައި ހުރުމަށްފަހު އެނބުރި އައިސް ފުރަތަމަ ފަހަރަށް ވާދަވެރި މުބާރާތެއްގައި ކުޅެމުންދިޔަ އަލްކަރާޒް ވަނީ ފުރަތަމަ ސެޓުގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން ފުރަތަމަ ސެޓު ހަތަރެއް ހަތަރަކުން އެއްވަރުވެ، އެސެޓު ކޯބޯލީ އާއި ވެންޗިޗް ކާމިޔާބު ކޮށްފައިވަނީ ޓައި ބްރޭކަކަށް ގޮސްގެންނެވެ. އަދި ދެވަނަ ސެޓު މި ދެކުޅުންތެރިން ކާމިޔާބު ކުރީ ވަރަށް ފަސޭހަ ކަމާއެކު ހަތަރެއް އެކަކުންނެވެ.

މިމުބާރާތުގެ ސެމީ ފައިނަލްގައި ކޯބޯލީ އާއި ބެންޗިޗް ބައްދަލުކުރާނީ ގައެލް މޮންފީސް އާއި އެލީނާ ސްވިޓޮލީނާއާއެވެ. މިމުބާރާތުގެ ސެމީ ފައިނަލުން މޮންފީސް އާއި ސްވިޓޮލީނާ ޖާގަހޯދީ ކުއާޓަރ ފައިނަލް ފުރަތަމަ ބުރުގެ އެއްވަނައަށް ސީޑު ކުރެވިފައިވާ ނޯވަކް ޖޯކޮވިޗާއި އަރީނާ ސަބަލެންކާ އާއި ބައްދަލުކޮށް 4-1، 4-2 އަދި 10-1 އިން ކުރި ހޯދި ހެންރީ ޕަޓެން އާއި ކެޓެރީނާ ސިނިއަކޯވާ އާ ބައްދަލުކޮށްގެންނެވެ. މިމެޗު މޮންފީސް އާއި ސްވިޓޮލީނާ ކާމިޔާބު ކުރީ 5-4، 4-5 އަދި ދި10-8 އިންނެވެ.

މިމުބާރާތުގެ ދެވަނަ ސެމީ ފައިނަލުގައި ބައްދަލުކުރާނީ ޔާކޫބް މެންސިކާއި ކެރޮލީނާ މުޗޯވާގެ ޓީމާއި އަންޑްރޭ ރުބްލޭވް އާއި މީރާ އަންޑްރީވާގެ ޓީމާއެވެ. މިމުބާރާތުގެ ސެމީ ފައިނަލުން ރުބްލޭވް އާއި އަންޑްރީވާ ޖާގަހޯދީ ފުރަތަމަ ބުރުގައި މިދިޔަ އަހަރުގެ ޗެމްޕިއަން އަންޑްރިއާ ވަވަސޯރީ އާއި ސާރާ އިރާނީ އާއި ބައްދަލުކޮށް 4-1، 4-1 އަދި 11-9 އިން މެޗު ކާމިޔާބު ކޮށް އަދި ކުއާޓަރ ފައިނަލުގައި ކެސްޕަރ ރޫޑް އާއި ޑިއާނާ ޝްނައިޑަރ އާއި ބައްދަލުކޮށް ހަތަރެއް އެކެއް، ހަތަރެއް ފަހެއް އަދި ދިހައެއް ފަހަކުން މެޗު ކާމިޔާބު ކޮށްގެންނެވެ.