ބޭރުފައިސާއިން ލިބޭ އާމްދަނީ މާރުކުރަންޖެހޭ މިންގަނޑު އިސްލާހުކުރުމަށް ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ސަރުކާރުން ހުށަހެޅުއްވި އިސްލާހުތައް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން މިބިލު މަޖިލީހަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދެވެ. މިބިލު މަޖިލީހުން ފާސްކުރީ ކޮމިޓީ މަރުހަލާގައި ބިލަށް ގެނައި އިސްލާހުތަކާއެކުގައެވެ.
ސަރުކާރުން ބިލް ހުށަހެޅުއްވި ސަބަބެއް ކަމަށް ބަޔާންކުރައްވާފައިވަނީ ބޭރު ފައިސާއާ ބެހޭ ޤާނޫނުގެ ދަށުން ބޭރު ފައިސާއިން ލިބޭ އާމްދަނީ ބޭންކަކަށް ޖަމާކުރުން ލާޒިމުވާ ފަރާތްތަކާއި ބޭރު ފައިސާއިން ލިބޭ އާމްދަނީ މާރުކުރަންޖެހޭ ފަރާތްތައް ކަނޑައެޅުމުގެ މިންގަނޑު މުރާޖަޢާކޮށް، ކެޓަގަރީ-އޭ އެސްޓަބްލިޝްމަންޓުތަކުން ބޭރު ފައިސާ މާރުކުރަންޖެހޭ ގޮތުގެ އުސޫލުތައް ހަރުދަނާކުރުން ކަމަށެވެ.
މި އިސްލާހުގައިވާ ގޮތުގައި ބޭރުފައިސާގެ އާމްދަނީ ބޭންކު އެކައުންޓަކަށް ޖަމާކުރުން ލާޒިމުވާނީ ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ އިތުރުން އެހެން ފަރާތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ޚިދުމަތަށް، ފާއިތުވި މީލާދީ އަހަރެއްގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން 25 މިލިޔަން އެމެރިކާ ޑޮލަރަށް ނިސްބަތްވާ ޢަދަދެއް ލިބޭ ފަރާތްތައް ކަމަށެވެ. މިހާރު ޤާނޫނު އޮތްގޮތުން ބޭރު ފައިސާގެ އާމްދަނީ ބޭންކް އެކައުންޓަށް ޖަމާކުރަންޖެހެނީ 15 މިލިޔަން އެމެރިކާ ޑޮލަރު ލިބޭ ފަރާތްތަކެވެ.
މި ފައިސާ ޖަމާކުރަންވާނީ އެމްއެމްއޭއިން ލައިސަންސް ލިބިގެން ހިންގާ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް ކަމަށާއި ފައިސާ ޖަމާކުރާ ބޭންކް އެކައުންޓުގެ މައުލޫމާތު އެ އޮތޯރިޓީއާ ހިއްސާކުރަންވާނެ ކަމަށްވެސް ވަނީ އިސްލާހުގައި ބަޔާންކޮށްފައެވެ.
މި އިސްލާހު ފާސްކުރުމުގެ ކުރިން ފުނަދޫ ދާއިރާގެ މެންބަރު ވަނީ އިސްލާހުތަކެއް ހުށަހަޅުއްވާފައެވެ. އެގޮތުން ކެޓަގަރީ-އޭ ގައި ހިމެނޭ ޓޫރިޒަމް އެސްޓަބްލިޝްމަންޓުތަކުން މީލާދީ މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ ޖުމްލަ އާމްދަނީގެ %40 ދިވެހި ރުފިޔާއަށް މާރުކުރަންޖެހޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ. މިހާރު ޤާނޫނުގައިވާގޮތުން އެފަރާތްތަކުން މާރުކުރަންޖެހޭނީ މަހެއްގެ ތެރޭގައި އެތަނަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން މަހެއްގެ މައްޗަށް އައިސްފައިވާ ޖުމްލަ ފަތުރުވެރިންގެ އަދަދު ނުވަތަ ޖުމްލަ އާމްދަނީގެ %20 އެވެ.
ފައިސާ މާރުކުރުމުގެ ވިޔަފާރި ހިންގަންވާނީ އެމްއެމްއޭއިން ދޭ ލައިސަންސަކާއެކުގައި ކަމަށާއި ލައިސަންސް ނެތި އަދި ގަވާއިދާ ޚިލާފަށް ފައިސާ މާރުކުރާ ފަރާތްތަކަށް އަޅާނެ ފިޔަވަޅުތައް ކަނޑައެޅުމާ ބެހޭ އިސްލާހުތައްވެސް ވަނީ ހުށަހަޅުއްވާފައެވެ.
މި ބިލަށް ކޮމިޓީ މަރުހަލާގައި ގެނެސްފައިވާ އިސްލާހުތަކުގައި އެމްއެމްއޭއިން ކަނޑައަޅާ ރޭޓާ ޚިލާފަށް ޑޮލަރު ވިއްކުމާއި އިޝްތިހާރު ކުރުމަކީ ކުށެއް ކަމަށް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ބޭރު ފައިސާ ގަނެ ވިއްކުމުގައި މުއާމަލާތްތައް ކުރަންވާނީ އޮތޯރިޓީން ކަނޑައަޅައި، އާންމުކޮށްފައިވާ ރޭޓުތައް ނުވަތަ ބޭންޑުތަކަށްވުރެ މަތިނުވާ ގޮތެއްގެ މަތިން ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި އެ ރޭޓާ ޚިލާފަށް ބޭރު ފައިސާ ވިއްކުމަކީ ނުވަތަ ވިއްކަން މަސައްކަތް ކުރުންވެސް ކުށަކަށްވާނެއެވެ.
އެމްއެމްއޭއިން ކަނޑައަޅާ ރޭޓާ ޚިލާފަށް ބޭރުފައިސާ ވިއްކައިފިނަމަ ނުވަތަ ވިއްކަން މަސައްކަތްކޮށްފިނަމަ އެ މީހަކު ކުރި ކުށުގެ ކުޑަބޮޑުމިނަށް ބަލައި 25،000 އާއި 1 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.
އެމްއެމްއޭއިން ކަނޑައަޅާފައިވާ ރޭޓާ ޚިލާފަށް ބޭރު ފައިސާ އިސްތިހާރު ކުރުމާއި ޕްރޮމޯޓްކުރުމަކީވެސް ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް އިސްލާހުގައި ވަނީ ހުށަހަޅުއްވާފައެވެ. އެގޮތުން އެއްވެސް ފަރާތަކުން ބޭރުފައިސާ ގަނެވިއްކުމަށް އޮތޯރިޓީން ރަސްމީކޮށް ކަނޑައަޅައި، އާންމުކޮށްފައިވާ ރޭޓު ނުވަތަ ބޭންޑަށްވުރެ މަތީ ރޭޓެއްގައި ނުވަތަ ކަނޑައަޅާފައިވާ ބޭންޑުގެ ބޭރުން ކުރާ ވިޔަފާރިއާ ގުޅޭ ރޭޓެއް ނުވަތަ އަގެއް އިސްތިހާރު ކުރުމާއި ޕްރޮމޯޓް ކުރުމަކީ ކުށެއް ކަމަށް ވަނީ ބަޔާންކޮށްފައެވެ.
މި އިސްލާޙުގައި އިސްތިހާރު ކުރުމާއި، ޕްރޮމޯޓް ކުރުން ކަމުގައި ބުނެފައިވަނީ ބޭރުފައިސާ އެމްއެމްއޭއިން ކަނޑައަޅާ ރޭޓަށްވުރެ މަތީ ރޭޓެއްގައި ބޭރު ފައިސާ ގަނެވިއްކުން އިސްތިހާރު ކުރުމަށްޓަކައި ނުވަތަ އެކަމަށް ހިތްވަރު ދިނުމަށްޓަކައި ނުވަތަ އެކަން ފެތުރުމަށްޓަކައި ޑިޖިޓަލް ވަސީލަތްތަކުން ނުވަތަ ޕްލެޓްފޯމަކުން ނުވަތަ އެނޫންވެސް އެހެން ގޮތަކުން އާންމުކޮށް އެނގޭނެހެން އެފަދަ މައުލޫމާތު ހާމަކުރުމާއި، ޝާޢިއު ކުރުމާއި، ފެތުރުމާއި، ތަކުރާރު ކުރުމާއި ފޯރުކޮށްދިނުން ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
މި ކުށުގެ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ، 25،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.
މީގެ އިތުރުން އެމްއެމްއޭއިން ކަނޑައަޅާ ރޭޓާ ޚިލާފަށް ބޭރު ފައިސާ ގަނެ ވިއްކުމާއި، އިސްތިހާރު ކުރުމުގައި ޤާނޫނީ ޝަޚުސެއް ޝާމިލުވާނަމަ އެފަރާތެއް 100،000 ރުފިޔާއާއި 5 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
މި އިސްލާހުތަކާއެކު ބިލު ފާސްކޮށްފައިވަނީ 47 މެންބަރުންގެ ވޯޓުންނެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.