ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (ޕީއައިއެމްއެސް) ހަސްފަތާލުގެ ކުޑަކުދިންގެ ވޯޑުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާގައި 15 ތުއްތުކުދިން ވަނީ މަރުވެފައެވެ.
މި ހާދިސާ ހިނގި ވަގުތު ނާސަރީގައި 16 ތުއްތުކުދިން ތިބި ކަމުގައި އޮފިޝަލުންނާ ޙަވާލާދީ ޕާކިސްތާނުގެ ނޫސްތަކުން ރިޕޯޓުކުރިއެވެ. ނަމަވެސް، ސަލާމަތް ކުރެވިފައި ވަނީ އޭގެ ތެރެއިން އެންމެ ކުއްޖެކެވެ. އަލިފާން ރޯވީ ނާސަރީގައި ހުރި އެއަރ ކޮންޑިޝަންއެއްގެ ކޮމްޕްރެސަރު ގޮވައިގެން ކަމުގައި އޮފިޝަލުން ބުުނެއެވެ. ޕީއައިއެމްއެސް ހަސްފަތާލުގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ ނިއްވައިލާފައެވެ.
ޕާކިސްތާނުގައި މީގެ ކުރިން ވެސް މި ފަދަ ހިތާމަވެރި އަލިފާނުގެ ހާދިސާތައް ހިނގާފައިވެއެވެ. މި ގޮތުން، ޖަނަވަރީ މަހު ކަރާޗީގައި ހުންނަ ފިހާރަބަރިއެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި 67 މީހުން މަރުވިއެވެ. ދެހާސް އެކާވީސް ވަނަ އަހަރު ކަރާޗީގައި ހުންނަ ކުޑަ ކާރުޚާނާއެއްގައި އަލިފާން ރޯވި ހާދިސާއެއްގައި ވެސް 16 މީހުން މަރުވެފައިވެއެވެ.
ކަރާޗީގައި ފަހުގެ ތާރީޚެއްގައި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނީ 2012 ވަނަ އަހަރުއެވެ. އަލިފާން ރޯވެއްޖެ ނަމަ އިމާރާތުން ބޭރަށް ނިކުންނާނެ އެއްވެސް މަގެއް ކަނޑައަޅާފައި ނެތް ކާރުޚާނާއެއްގައި ހިނގި އެ ހާދިސާގައި، އެ ތަނުގައި މަސައްކަތްކުރާ 300 މުވައްޒަފުން ވަނީ މަރުވެފައެވެ. މި ފަދަ ނުރައްކާތެރި ހާދިސާތައް ގިނައީ، އިމާރާތްކުރުމުގެ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ޢަމަލު ނުކުރުމުގެ ސަބަބުން ކަމުގައި މަސްރަޙުގެ ދާރިސުން ބުނެއެވެ.