ޚަބަރު

ނޭޕާލުގެ ކޯރެއް ބަންޑުންވެ ގިނަ ބަޔަކު މަރުވެ، ބޮޑެތި ގެއްލުންތަކެއް


ނޭޕާލުގެ ހިމާލަޔާ ފަރުބަދަތަކުގެ ސަރަޙައްދުގައި ކޯރެއް ބަންޑުންވުމުގެ ސަބަބުން ގިނަ އަވަށްތަކެއްގައި ފެންބޮޑުވެ، މަދުވެގެން 8 މީހުން މަރުވެއްޖެއެވެ.

މި ޙާދިސާގައި މަގުތަކާއި، ބްރިޖުތަކުގެ އިތުރުން އިންޖީނުގެތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ނޭޕާލް ސަރުކާރުން މިހާރު ވަނީ ޙާލުގައި ޖެހިފައިވާ މީހުން ސަލާމަތްކުރުމަށްޓަކައި އަސްކަރީ ހެލިކޮޕްޓަރުތައް އެ ސަރަޙައްދަށް ފޮނުވައިފައެވެ.

ޗައިނާގެ ރަސްމީ ނިއުސް އޭޖެންސީ، ޝިންހުއާއިން ބުނެފައިވާ ގޮތުގައި، ދެ ޤައުމުގެ ބޯޑަރު ސަރަޙައްދުގައިވާ ގިޔޮރެންގް ކައުންޓީގައި ބިންގަނޑު ކަނޑައިގެންގޮސް ޓިބެޓުން ވެސް ގިނަ ބަޔަކު މަރުވެ، ބައެއް މީހުން ވަނީ ގެއްލިފައެވެ.

މީގެއިތުރުން ޝިގަޓްސޭ ސަރަޙައްދުގެ މަގުތަކަށާއި މުވާޞަލާތީ ޚިދުމަތްތަކުގެ އިތުރުން ކަރަންޓުގެ ޚިދުމަތަށް ވަނީ ބުރޫއަރައިފައެވެ.

މި ކާރިޘާއާ ގުޅިގެން ޗައިނާގެ ރައީސް ޝީ ޖިންޕިންގ ވަނީ ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ހަލުވިކުރުމަށާއި، ކާރިޘާތަކުގެ އިންޒާރު ދޭ ނިޒާމުތައް އިތުރަށް ހަރުދަނާކުރުމަށް އަންގަވައިފައެވެ.

ނޭޕާލުގެ ރަސުވާ ސަރަޙައްދުގައި ފެންގަނޑު އާދަޔާ ޚިލާފަށް ބޮޑުވެފައިވާތީ، މީހުން ސަލާމަތްކުރުމަށް ހެލިކޮޕްޓަރު ޖެއްސުމުގައި ބޮޑެތި ދަތިތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. އެ ސަރަޙައްދުގެ އެޑްމިނިސްޓްރޭޓަރު ނަރެންދުރަ ޕަރިޔާރު ވިދާޅުވީ، މަރުވި މީހުންގެ ޢަދަދު އަދިވެސް އިތުރުވުމުގެ ފުރުޞަތު އެބައޮތް ކަމަށެވެ. އަދި ބޯޓޭ ކޯޝީ ކޯރުގެ އައްސޭރީގައި ދިރިއުޅޭ ރައްޔިތުން ރައްކާތެރި އުސް ސަރަޙައްދުތަކަށް ބަދަލުވުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.

މަންޒަރު ދުށް ފަރާތްތަކާ ޙަވާލާދީ މަޢުލޫމާތު ލިބޭ ގޮތުގައި، މި ޙާދިސާ ހިނގީ ވަރަށް ކުއްލި ގޮތަކަށެވެ. އަދި ކޯރު ބަންޑުންވުމުގެ ކުޑައިރުކޮޅެއް ކުރިން ބާރު އަޑުފައްގަނޑެއް އިވިގެންދިޔަ ކަމަށް އެމީހުން ބުނެއެވެ. ނޭޕާލް އަސްކަރިއްޔާއިން ހާމަކުރި ގޮތުގައި ފެންގަނޑު ކޮންމެވެސް ވަރަކަށް ހިނދުމުގެ ކުރިން އެ ސަރަޙައްދަށް ހެލިކޮޕްޓަރު ޖެއްސޭނެ ފުރުޞަތެއް ނެތެވެ.

މި ޙާދިސާގެ ސަބަބުން ނޭޕާލުގެ 430 މެގަވޮޓުގެ ފެނުން ކަރަންޓު އުފެއްދުމުގެ ނިޒާމަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވެއެވެ. މިއީ އެ ޤައުމުގައި ފެނުން ކަރަންޓު އުފެއްދުމުގެ ޤާބިލުކަމުގެ ގާތްގަނޑަކަށް 12 އިންސައްތައަށް ވުރެ ބޮޑު މިންވަރެކެވެ. ކާރިޘާއާ ގުޅިގެން ބޮޑުވަޒީރު ބަލެންދުރަ ޝާހުގެ ސަރުކާރުން ވަނީ ފުލުހުންނާއި ސިފައިން މެދުވެރިކޮށް، ނުރައްކާ އޮތް ސަރަޙައްދުތަކުން މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފައެވެ.

ފެންބޮޑުވާން ދިމާވި މައިގަނޑު ސަބަބު އަދި ކަށަވަރުވެފައި ނުވި ނަމަވެސް، ވޭތުވެދިޔަ އަހަރު މި ކޯރުގެ ސަބަބުން ހިނގި ފެންބޮޑުވުމުމުގެ ޙާދިސާއަކީ ޓިބެޓުގައިވާ ގްލޭޝިއަރ ކޯރެއް ފުރިގެން ބަންޑުންވުމުގެ ސަބަބުން ދިމާވި ޙާދިސާއެކެވެ. އެ ފަހަރުގެ ކާރިޘާގައި 9 މީހުން މަރުވެ، ނޭޕާލާއި ޗައިނާ ގުޅުވައިދޭ މުހިންމު ބުރިޖެއްވެސް ވަނީ ހަލާކުވެފައެވެ. ޓިބެޓުން ފެށިގެން ނޭޕާލް ހުރަސްކޮށް އިންޑިއާއާ ހަމައަށް ދެމިގެންދާ މި ކޯރުގެ އައްސޭރިފަށުގެ ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުންނަށް ވަނީ ސަމާލުވާން އިލްތިމާސްކޮށްފައެވެ.