ތަޢުލީމު

ގއ. އަތޮޅު ތަޢުލީމީ މަރުކަޒަށް އިތުރު ކްލާސްރޫމްތަކެއް


ގއ އަތޮޅު ތަޢުލީމީ މަރުކަޒުގައި 3 ކްލާސްރޫމް އެޅުމުގެ މަސައްކަތް ކިއުވަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރައްވައިފިއެވެ. 

ކްލާސްރޫމް ޢިމާރާތްކުރުމުގެ މަސައްކަތް ހަވާލުކުރެއްވުމަށް އެޑިޔުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅުދައްކަވަމުން، އެޑިޔުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކްޓިވް އިބްރާޙިމް އިސްމާޢިލް ވިދާޅުވީ، 2 މިލިޔަން ރުފިޔާގެ މަޝްރޫޢުގެ ދަށުން ކްލާސްރޫމް ޢިމާރާތް ކުރުމުގެ މަސައްކަތް ނިންމައި، 2017 ވަނައަހަރުގެ މެދެއްހާ ހިސާބުގައި މި ކްލާސްރޫމްތަކުގެ ބޭނުން ކުރެވޭނެކަމަށެވެ.

މަސައްކަތް ހަވާލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކްޓިވް، އިބްރާޙިމް އިސްމާޢިލްއެވެ. ކިއުވަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް މަނިކެވެ.

ގއ.އަތޮޅު ތަޢުލީމަރުކަޒަކީ ގްރޭޑް އެކަކުން ފެށިގެން 12 އަށް ކިޔަވައި ދެއްވަމުންގެންދާ ސްކޫލެކެވެ. އަދި ޙާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތަޢުލީމް ދިނުމަށްޓަކައި ހާއްސަ ކުލާސްތަކެއް މިސްކޫލްގައި ކުރިޔަށް ގެންދަވާކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. މި ސްކޫލްގައި 600 އަށްވުރެ ގިނަ ދަރިވަރުން ދަނީ ތަޢުލީމް ޙާސިލްކުރަމުންނެވެ.