ޚަބަރު

ފިޓްނަސް އިންސްޓްރަކްޓާސްގެ ފުރަތަމަ ކޯސް އއ. އުކުޅަހުގައި


  • މި ކޯސް 14 ފަރާތަކުން ފުރިހަމަކުރި

  • ސަރުކާރުގެ އަމާޒަކީ ކުޅިވަރުގެ ދާއިރާއިން ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ފަންނީ މީހުން ބިނާކުރުން

އެމްއެންއައިއެސްގެ ފަރާތުން ކުރިއަށްގެންދިޔަ ފުރަތަމަ ބޭސިކް ފިޓްނެސް އިންސްޓްރަކްޓާސް ކޯސް އއ. އުކުޅަހުގައި ބާއްވައިފިއެވެ.

މި ކޯހަކީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ދަށުން ހިންގަމުން މޯލްޑިވްސް ނެޝަނަލް އިންސްޓްޓިއުޓް އޮފް ސްޕޯޓްސް (އެމްއެންއައިއެސް)ގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށް ގެންގޮސްފައިވާ މިފަދަ ފުރަތަމަ ކޯހެކެވެ. ހަތް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ކޯހުގައި ބައިވެރިވެ 14 ފަރާތަކުންވަނީ ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ކުޅިވަރާއި ގުޅުންހުރި ދާއިރާތަކުން ފަންނީ މީހުން ބިނާކުރުމަށް ސަރުކާރުން ހިފާފައިވާ އަމާޒާއެކު، ދާއިރާއާއި ގުޅުންހުރި ގިނަ ދާއިރާތަކަކުން ފަންނީ މީހުން ބިނާކުރުމަށް އެމްއެންއައިއެސްއިން ދަނީ ގިނަ ކޯސްތަކެއް ހިންގަމުންނެވެ. އެގޮތުން ރެފްރީންނާއި ކޯޗުންގެ އިތުރުން އަމްޕަޔަރުން އަދި ފަސްޓް އެއިޑް އޮފިޝަލުންނާއި ސްޕޯޓްސް އެޑްމިނިސްޓްރޭޓާސް އަދި ޓީމް މެނޭޖަރުންވެސް އެމްއެންއައިއެސްއިންވަނީ ތަމްރީނުކޮށްފައެވެ.

އެމްއެންއައިއެސް އިން ހިންގަމުންދާ ކޯސްތަކުގެ ތެރެއިން މިހާތަނަށް ސެޓްފިކެޓް ލެވެލްގެ 5 ކޯހެއް އެމްކިއުއޭގައި އެކްރެޑިޓްކޮށްފައިވާއިރު، އިތުރު ކޯސްތަކެއް އެކްރެޑިޓްކުރުމުގެ މަސައްކަތްދަނީ ކުރެވެމުންކަން ފާހަގަކޮށްލެވެއެވެ. ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ކުޅިވަރުގެ ދާއިރާއިން ހަރަކާތްތެރިވާ ފަންނީ މީހުންނަކީ ދިވެހިންނަށް ހެދުމެވެ.