މެދުއިރުމަތީގައި އުފެދިފައިވާ ނުތަނަވަސްކަން ޙައްލުކުރުމުގެ ގޮތުން، އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ، ޕާކިސްތާނުގެ އަސްކަރިއްޔާގެ ވެރިޔާ ފީލްޑް މާޝަލް ޢާޞިމް މުނީރާއި ޤަޠަރުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު މުޙައްމަދު ބިން ޢަބްދުއްރަޙްމާން އަލްޘާނީއާ ފޯނުން ގުޅުއްވައި މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ.
އީރާނުގެ ޚާރިޖީ ވުޒާރާއިން މަޢުލޫމާތު ދިން ގޮތުގައި، އަންގާރަ ދުވަހު ޕާކިސްތާނުގެ އަސްކަރީ ވެރިޔާއާއެކު ކުރެއްވި މި މަޝްވަރާތަކުގައި، ސަރަޙައްދީ ޞުލްޙައާއި ހަމަޖެހުން ދެމެހެއްޓުމަށްޓަކައި، ދެ ޤައުމުގެ މެދުގައި ގުޅުން ބަދަހިކޮށް، މަޝްވަރާތައް މެދުކެނޑުމެއްނެތި ކުރިއަށްގެންދިއުމަށް ވަނީ އެއްބަސްވެފައެވެ.
ހަމައެއާއެކު، ޤަޠަރުގެ ޚާރިޖީ ވަޒީރާއެކު ކުރެއްވި މަޝްވަރާގައި، މަސްރަޙު އިތުރަށް ގޯސްވިޔަނުދީ، ޚާރިޖީ ގުޅުންތަކުގެ އެހީގައި މައްސަލަތައް ޙައްލުކުރުމުގެ މުހިންމުކަމުގެ މައްޗަށް ދެބޭފުޅުން އަލިއަޅުވައިލެއްވިއެވެ.
ޤަޠަރުގެ ޚާރިޖީ ވުޒާރާއިން ހާމަކުރި ގޮތުގައި، މި މަޝްވަރާގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލެއްވީ ހުރްމުޒް ކަނޑުއޮޅިން ވަގުތީ ދަތުރުފަތުރުގެ ފުރުޞަތު ހުޅުވައިލުމަށާއި، ކަނޑުގައި އަޅާފައިވާ މައިންތައް ނެގުމާ ގުޅޭގޮތުން އޮމާނާއި އީރާނާ ދެމެދު އެކުލަވާލެވުނު އޮނިގަނޑަށެވެ.
އަދި ބައިނަލްއަޤްވާމީ ކަނޑުދަތުރުފަތުރުގެ މިނިވަންކަން ކަށަވަރުކޮށްދޭ، އިންޞާފުވެރި ދެމެހެއްޓެނިވި ޙައްލެއް ހޯދުމަށް ކުރެވޭ ޚާރިޖީ މަސައްކަތްތަކަށް ޤަޠަރުގެ ފުރިހަމަ އެއްބާރުލުން އޮތްކަން އަލްޘާނީ ވަނީ ޔަޤީންކޮށްދެއްވާފައެވެ.
މި އެއްބަސްވުންތަކާ ހަމައަށް ވާޞިލްވެވުނީ އޮމާނުގެ ޚާރިޖީ ވަޒީރު ބަދްރު އަލްބުސަޢީދީ ތެހެރާނަށް ވަޑައިގެން، އީރާނުގެ ޚާރިޖީ ވަޒީރާ ބައްދަލުކުރެއްވުމަށްފަހުގައެވެ.
ނަމަވެސް، މި ޚާރިޖީ މަސައްކަތްތައް ކުރިއަށްދަނިކޮށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެ ސަރަޙައްދުގައިވާ ހުރިހާ މައިންތަކެއް އެމެރިކާގެ އަސްކަރިއްޔާއިން ނައްތާލާފައިވާ ކަމަށް ވިދާޅުވެފައެވެ. މީގެއިތުރުން، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން އީރާނުން ފީ ނެގުމަށާއި، ދަތުރުފަތުރު ބެލެހެއްޓުމުގެ ބާރު ތެހެރާނަށް ދިނުމަށް އެމެރިކާއިން ވަނީ ސާފުކޮށް ދެކޮޅުހަދާފައެވެ.
މި ވާހަކަތަކަށް ރައްދުދެއްވަމުން، އީރާނުގެ ނައިބު ޚާރިޖީ ވަޒީރު ކާޒިމް ޣަރީބުބާބާދީ ވިދާޅުވީ، އޮމާނާއެކު އެއްބަސްވެފައިވަނީ ހަތް މޭލު ފުޅާމިނުގެ ވަގުތީ މަގެއް ހުޅުވުމަށް އެކަނި ކަމަށާއި، މިއީ މުޅި ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުން ނޫން ކަމަށެވެ. އަދި މިހާރުވެސް އެ ސަރަޙައްދު އޮތީ ބަންދުކުރެވިފައި ކަމަށާއި، ކަނޑުއޮޅި އޮތީ އީރާނުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އަދި މައިންތައް ނައްތާލި ކަމަށް ބުނެ އެމެރިކާއިން ދައްކާ ވާހަކަތައް ދޮގުކުރައްވަމުން އޭނާ ވިދާޅުވީ، އެ ތަކެތި ހުރި ސީދާ ތަންތަން އެނގޭނީ ހަމައެކަނި އީރާނުގެ އަސްކަރިއްޔާއަށް ކަމަށެވެ. އަދި ޙުއްދައަކާ ނުލައި އެ ސަރަޙައްދަށް ވަންނަ އެމެރިކާގެ ކޮންމެ އުޅަނދަަކަށް ޙަމަލާދިނުމުގެ ޙައްޤު އީރާނަށް ލިބިގެންވާކަމުގެ އިންޒާރުވެސް އޭނާ ދެއްވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ހުރްމުޒް ކަނޑުއޮޅި ދާއިމީކޮށް ހުޅުވޭނީ އެމެރިކާއިން ވެފައިވާ އެއްބަސްވުންތަކަށް ފުރިހަމައަށް އިޙްތިރާމްކޮށް، އަސްކަރީ ޙަރަކާތްތައް ހުއްޓާލައި، އަދި އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އެއްކޮށް އުވާލުމުން ކަމަށެވެ.