ކުޅިވަރު އިންތިޒާމުކޮށް ބެލެހެއްޓުމުގެ ނިޒާމުގައި ކޮރަޕްޝަނަށް ހުރި ހިރާސްތައް ދެނެގަތުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ހެދި ދިރާސާ ރިޕޯޓުން ފާހަގަވި މައިގަނޑު 4 މައްސަލަ ހައްލުކުރުމަށް ލަފާދީފައިވާނެކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފިއެވެ.
އޭސީސީން މިކަން ހާމަކޮށްފައިވަނީ ކުޅިވަރު އިންތިޒާމުކޮށް ބެލެހެއްޓުމުގެ ނިޒާމުގައި ކޮރަޕްޝަނަށް ހުރި ހިރާސްތައް ދެނެގަތުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އާންމުކޮށްފައިވާ ދިރާސާ ރިޕޯޓާ ގުޅޭގޮތުން މައުލޫމާތުދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިންނެވެ.
އޭސީސީން ވިދާޅުވީ ކުޅިވަރު އިންތިޒާމުކޮށް ބެލެހެއްޓުމުގެ ނިޒާމުގައި ކޮރަޕްޝަނަށް ހުރި ހިރާސް ދެނެގަތުމުގެ ދިރާސާ ރިޕޯޓް މިމަހުގެ 18 ވަނަ ދުވަހު އެކޮމިޝަނުން އާންމުކޮށްފައިވާއިރު އެ ދިރާސާއިން މައިގަނޑު ހަތަރު މައްސަލައެއް ފާހަގަކުރެވުނުކަމަށެވެ. އެގޮތުން އެ ދިރާސާއިން ފާހަގަކުރެވުނު މައިގަނޑު މައްސަލަތަކުގެ ތެރޭގައި މާލީ ޖަވާބުދާރީކުރުވުން ހީނަރުވުމާއި، ކުޅިވަރު ޖަމިއްޔާ ޖަމާއަތްތައް ޤަވާއިދުން އޮޑިޓް ނުކުރުމާއި، ކުޅިވަރުގެ އެކި ކަންކަމުގެ ނުފޫޒު ފޯރުވުމާއި މަސްލަހަތު ފުށުއެރުމުގެ މައްސަލައިގެ އިތުރުން ކުޅިވަރު ޖަމިއްޔާ ޖަމާޢަތްތަކުގެ ގަވަރނަންސް ހަރުދަނާ ނުވުމުގެ މައްސަލައެވެ.
ކުޅިވަރު ޖަމިއްޔާ ޖަމާޢަތްތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަނީ ހަތަރު ބުރަކަށް ބަހާލައިގެން، ޕްރޮގްރާމު ބޭސްކޮށްކަމަށްވާއިރު ކޮންމެ ޕްރޮގްރާމެއް ނިމުމުން ރިޕޯޓް ހުށަހެޅުމަށް އަންގައިފައިވީ ނަމަވެސް އެސޯސިއޭޝަންތަކުން ޤަވާއިދުން ރިޕޯޓްތައް ހުށަހަޅަމުން ނުދާކަމަށް އޭސީސީން ބުންޏެވެ.
އެހެންކަމުން މިކަން ހައްލުކުރުމަށް ކުޅިވަރު އެސޯސިއޭޝަންތަކާ ޖަމިއްޔާތަކަށް އާމްދަނީ އަދި އެހީ ލިބޭ ގޮތްތައް ބަޔާންކުރުމަށް ޤާނޫނުން ލާޒިމްކުރުމާއެކު އަހަރީ ރިޕޯޓް ހުށަނާޅާނަމަ އެފަރާތްތަކަށް ފިޔަވަޅު އެޅޭތޯ ކަށަވަރުކުރުމަށް ލަފާދީފައިވާނެކަމަށް އޭސީސީން ވިދާޅުވެއެވެ. މީގެ އިތުރުން ކުޅިވަރު ޖަމިއްޔާ ޖަމާއަތްތަކުގެ ބަޖެޓިން އަދި އެކައުންޓިން އެއްހަމައެއްގެ މަތިން ގެންގުޅެ ބަލަހައްޓާނެ ނިޒާމެއް ކަނޑައެޅުމަށްވެސް އޭސީސީން ވަނީ ލަފާދެއްވާފައެވެ.
ކުޅިވަރު ޖަމިއްޔާ ޖަމާޢަތްތަކުން މާލީ އަދި އިދާރީ ލިޔެކިޔުންތައް ފުރިހަމަކަމާއެކު ރައްކާތެރިކޮށް ބެލެހެއްޓުމަށް އޭސީސީއިން ލަފާދީފައިވާއިރު، ކުޅިވަރު ޖަމިއްޔާ ޖަމާޢަތްތަކުގެ އޮޑިޓް ޤަވާއިދުން ކުރުމަށާއި ވެރިންނާއި ފައިސާއާއި ގުޅުންހުރި މުވައްޒަފުންގެ މާލީ ބަޔާންތައް ފުރިހަމަކުރޭތޯ ކަށަވަރުކުރުމަށްވެސް އޭސީސީއިން ވަނީ އިރުޝާދުދެއްވާފައެވެ.
ހަމައެއާއެކު ފައިސާއާ ގުޅޭ ވަޒީފާތަކުގައި ތިބި މުވައްޒަފުންނަށް އެންޓި ކޮރަޕްޝަނާ ގުޅުންހުރި މަޢުލޫމާތުތައް ފޯރުކޮށްދީ ފައިނޭންޝަލް މެނޭޖްމަންޓްގެ އެހީތެރިކަން އެންމެ ފުރިހަމަގޮތުގައި ހޯދައިދިނުމަށް އޭސީސީއިން ވަނީ އެދިވަޑައިގެންފައެވެ.
މިދިރާސާއިން ހާމަވިގޮތުގައި ކުޅިވަރު ޖަމިއްޔާ ޖަމާޢަތްތަކުން ހިންގާ ބައެއް އެކަޑަމީތަކަކީ ހިންގުމުގެ ނިޒާމް ބަލިކަށި އެކަޑަމީތަކަކަށްވުމުން، މިތަންތަނުން ތަމްރީނުވަމުން އަންނަ ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުގެން ނުދާކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން އެކަޑަމީތަކުގެ ހިންގުން ފުރިހަމަ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންގޮސް ޤަވާއިދުން މިތަންތަން އިންސްޕެކްޓްކުރެވޭނެ ނިޒާމެއް ޤާއިމުކުރުމަށް އޭސީސީން ވަނީ ލަފާދެއްވާފައެވެ.
އޭސީސީއިން ވިދާޅުވީ މިފަދަ މައްސަލަތަކުގެ ސަބަބުން ކުޅިވަރުގެ ހިންގުމުގެ ނިޒާމު ބޮއްސުންލާ، އޮންނަ އުސޫލާއި އެއްގޮތަށް ކަންކަން ނުކުރުމުން މޮޅެތި އެތްލީޓުން އުފެއްދުމަށް ދަތިވެގެންދާނެކަމަށެވެ. އެހެންކަމުން ރިޕޯޓުން ފާހަގަކުރެވުނު ކަންކަމަށް ރިޢާޔަތްކޮށް ކުޅިވަރު ޖަމިއްޔާ ޖަމާޢަތްތަކުން މަސައްކަތްކޮށްދިނުމަށް އޭސީސީއިން ވަނީ އެދިފައެވެ.