ޔުއޭފާ ޗެމްޕިއަންސް ލީގުގައި މިދިޔަ ސީޒަންގައި ފާހަގަ ކޮށްލޭވެ މޮޅު ކުޅުމެއްދައްކާ ގިނަ ބަޔެއްގެ ސަމާލުކަން ހޯދި ނޯވޭގެ ބޯޑޯ ގްލިމްޓް މިފަހަރުގެ މުބާރާތުންވެސް ޖާގަހޯދައިފިއެވެ.
މިމުބާރާތުގެ ލީގު ފޭސްއިން ބޯޑޯ ގްލިމްޓް ޖާގަހޯދީ ޗެމްޕިއަންސް ލީގު ޕްލޭ އޮފްގައި ޑަޗް އެރެޑިވިސީގެ އެންއީސީ ނެއިމެގެން އާއި ބައްދަލުކޮށް ކުޅުނު ދެމެޗަށްފަހު 6 ލަނޑު އެއް ލަނޑުގެ އެގްރިގޭޓް ނަތީޖާ އަކުން ކުރި ހޯދައިގެންނެވެ. މިދެޓީމުގެ މެދުގައި ކުޅުނު ފުރަތަަމަ ލެގު 3 ލަނޑު އެއް ލަނޑުން އެންއީސީގެ ދަނޑުގައި ބޯޑޯ ގްލިމްޓް މޮޅުވިއިރު އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެޓީމު ކާމިޔާބު ކޮށްފައިވަނީ 3 ލަނޑު ސުން ލަނޑުންނެވެ.
މިމެޗުގައި އެންއީސީއިން ކާމިޔާބީއެއް ހޯދުމަށް އޮތް ހަނިފުރުސަތުވެސްވަނީ މެޗުފެށުނުތާ ތިންވަނަ މިނެޓުގައި އެޓީމުގެ ކީޕަރު ޕެނަލްޓީ އޭރިއާ ބޭރުން ބޯޅައިގާ އަތް ލުމުގެ ސަބަބުން ދެއްކި ރަތް ކާޑާއެކު ގެއްލިގެން ގޮސްފައެވެ.
ބޯޑޯ ގްލިމްޓްގެ އިތުރުން އަޒަރުބައިޖާންގެ ސަބާހް އާއި އޮސްޓްރިއާގެ ލަސްކްވެސް ވަނީ ޗެމްޕިއަންސް ލީގުގެ ލީގު ފޭސް އިން ޖާގަ ހޯދާފައެވެ. ސަބާހް ޗެމްޕިއަންސް ލީގުން ޖާގަހޯދީ ޕްލޭ އޮފްގައި އިސްރާއީލްގެ ހަޕޮއެލް ބީރު ޝެވާ އާއި ބައްދަލުކޮށް 6 ލަނޑު 4 ލަނޑުގެ އެގްރިގޭޓް ނަތީޖާ އަކުން ކުރި ހޯދައިގެންނެވެ.
މިދެޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގު 2 ލަނޑު އެއް ލަނޑުން ބީރު ޝޭވާ މޮޅުވިއިރު ސަބާހްގެ ދަނޑުގައި ކުޅުނު ދެވަނަ ލެގު އެޓީމުން ކާމިޔާބު ކުރީ 5 ލަނޑު 2 ލަނޑުންނެވެ. މިފަހަރުގެ މުބާރާތުން ސަބާހްއަށް ޖާގަ ލިބިގެން ގޮސްފައިމިވަނީ ވަރަށް ހަނިގޮތަކަށެވެ. މިދެޓީމުގެ މެދުގައި ކުޅުނު މެޗުގެ 90 މިނެޓުގެ ކުޅުން ނިމުނުއިރުވެސް ދެޓީމު އޮތީ 2 ލަނޑު 2 ލަނޑުން އެއްވަރުވެފައެވެ.
ސަބާހްއިން މިމެޗު އިތުރު ގަޑިއަށް ގެންގޮސްފައިވަނީ އިތުރު ވަގުތުގެ 4 ވަނަ މިނެޓުގައި ޓެލޫރު މުޓައްލިމޯވް ޖަހައިދިން ލަނޑުންނެވެ. އަދި ސަބާހްއަށް މިކުރިމަތިލުމުގައި ކުރި ލިބިގެންދިޔައީ އިތުރު ވަގުތުގެ ގޮތުގައި ކުޅުނު 30 މިނެޓުގައި ކާމިޔާބު ކުރި 2 ލަނޑާއެކުއެވެ. އަދި ބީރު ޝޭވާ މެޗު ނިންމާލާފައިވަނީ ދެ ރަތް ކާޑާއެކު 9 ކުޅުންތެރިންނާއި އެކުއެވެ. މިނަތީޖާ އާއެކު މިފަހަރުގެ މުބާރާތުގައި މުޅިން އަލަށް ޗެމްޕިއަންސް ލީގުން ދެޓީމު ފެނިގެންދާނެއެވެ. އެއީ ސަބާހް ގެ އިތުރުން އިޓާލިއަން ސެރީއާގެ ކޯމޯއެވެ.
ޗެމްޕިއަންސް ލީގުން ލަސްކް ޖާގަހޯދީ ސެލްޓިކާއި ބައްދަލުކޮށް 5 ލަނޑު 4 ލަނޑުގެ އެގްރިގޭޓް ނަތީޖާ އަކުން ކުރި ހޯދައިގެންނެވެ. މިދެޓީމުގެ މެދުގައި ކުޅުނު ފުރަތަަމަ ލެގު ސެލްޓިކްގެ ދަނޑުގައި ކުޅެ 3 ލަނޑު ސުން ލަނޑުން ސެލްޓިކް ކާމިޔާބު ކޮށްފައިވާއިރު ދެވަނަ ލެގު ލަސްކް ކާމިޔާބު ކޮށްފައިވަނީ 5 ލަނޑު އެއް ލަނޑުންނެވެ.
މިމެޗުގައި މެޗުގެ 21 ވަނަ މިނެޓުގައި ސެލްޓިކުން ކާމިޔާބު ކުރި ލަނޑާއެކު އެޓީމުން މެޗުގެ 32 ވަނަ މިނެޓާއި ހަމައަށް 4 ލަނޑު ސުން ލަނޑުގެ އެގްރިގޭޓް ނަތީޖާ އަކުން ކުރީގައި އޮތް ނަމަވެސް ފުރިހަމަ ވަގުތު ހަމަވިއިރު 4 ލަނޑު އެއް ލަނޑުން ލަސްކް ކުރި ހޯދުމާއި ގުޅިގެން އިތުރު ވަގުތުގެ 30 މިނެޓް ކުޅެން ޖެހުނެވެ. އަދި އިތުރު ވަގުތުގައި ލަސްކް އިން ކާމިޔާބު ކުރި ލަނޑާއެކު އެޓީމަށް ޗެމްޕިއަންސް ލީގުގެ ޖާގަ ކަށަވަރު ވެގެންދިޔައެވެ.
މިމުބާރާތުގެ ޕްލޭ އޮފްގެ 4 މެޗު މިރޭވެސް ކުޅެވިގެންދާނެއެވެ. އަދި ޔުއޭފާ ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގެ ގުރުއަތުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ އެވެ.