އިންގްލިޝް ޕްރިމިއަރ ލީގުގެ މެންޗެސްޓަރ ސިޓީއަށް ކުޅެމުންދިޔަ ސްޕެއިންގެ ނީކޯ ގޮންޒާލޭސް ޕްރިމިއަރ ލީގުގެ ނިއުކާސްލް ޔުނައިޓަޑަށް ސޮއިކޮށްފިއެވެ.
މަޢުލޫމާތުލިބޭގޮތުގައި ގޮންޒާލޭސްގެ ވިޔަފާރީގެ އަގު 52 މިލިއަން ޕައުންޑަށް އަރާނެއެވެ. ނިއުކާސްލްއިންވަނީ ކަރަބާއޮ ކަޕްގައި ވެސްޓް ބްރޮމްވިޗް އެލްބިއަން އާއި ރޭ ކުޅެ މޮޅުވި މެޗުގެ ކުރިން އެޓީމުގެ ސަޕޯޓަރުންނަށް ގޮންޒާލޭސް އާންމުކޮށް ދައްކާލައިފައެވެ. ދިގު ކޮންޓްރެކްޓެއްގެ ދަށުން ނިއުކާސްލްއާއި ގުޅުމަށްފަހު ވާހަކަ ދައްކަމުން ގޮންޒާލޭސް ބުނީ ނިއުކާސްލް އާއި ގުޅުމުގެ ފުރުސަތު ލިބުމުން އުފާކުރާ ކަމަށާއި މިޓީމާއި ގުޅޭގޮތުން އަބަދުވެސް އަޑުއަހަން ލިބެނީ ރަނގަޅު ވާހަކަ ކަމަށެވެ. ކަޅާއި ހުދުގެ މިޖަރޒީ އޭނާއަށް މިހާރުވެސް ވަރަށް ކަމުގޮސްފި ކަމަށާއި އަދި މިޖަރޒީގައި ކުޅެން އަރަން ކެތް މަދުވެފައިވާ ކަމަށެވެ.
ގޮންޒާލޭސް ބުނީ ސިޓީ އާއެކު ސެއިންޓް ޖޭމްސް ޕާރކްގައި ދެ ފަހަރެއްގެ މަތިން ކުޅުމުގެ ފުރުސަތު ލިބިގެން ގޮސްފައިވާ ކަމަށާއި އަދި އެދެމެޗުވެސް ވެގެން ގޮސްފައިވަނީ ވަރަށް އުނދަގޫ ދެމެޗަށް ކަމަށެވެ. އަދި މިއީ ސަޕޯޓަރުންގެ ފޯރި ގަދަ އަދި އިދިކޮޅު ޓީމުތަކަށް ކުޅެން އުނދަގޫ ސްޓޭޑިއަމް އެއްގެގޮތުގައި އޭނާ ފާހަގަ ކުރިއެވެ.
ނިއުކާސްލްގެ މުހިންމު ހަތަރު ކުޅުންތެރިން ކަމަށްވާ ކެޕްޓަން ބްރޫނޯ ގިމަރއާއޭސް، ސަންޑްރޯ ޓޮނާލީ، އެންތަނީ ގޯޑަން އަދި ކިއެރަން ޓްރިޕިއަރ މިސީޒަން ފެށުމުގެ ކުރިން އެޓީމު ދޫކޮށް ދިއުމާއި ގުޅިގެން ޓީމު ވަރުގަދަ ކުރުމަށްޓަކައި ނިއުކާސްލް އިން މިހާތަނަށް ގެނެސްފައިވަނީ ކޮންޓިނެންޓަށް ނިސްބަތްވާ ކުޅުންތެރިންނެވެ. ނަމަވެސް މިފަހަރު އެޓީމުން ބޭނުންވީ ޕްރިމިއަރ ލީގުގެ ތަޖްރިބާ ހުރި ކުޅުންތެރިއެއް ހޯދުމަށެވެ. ގޮންޒާލޭސް ޕްރިމިއަރ ލީގުގައި އަދި މާގިނަ ދުވަހު ކުޅެފައި ނުދި ނަމަވެސް އޭނާގެ އުމުރާއި ހުރިހާ އެއްޗަކަށް ބަލާއިރު އެއީ ނިއުކާސްލްއިން ބޭނުންވާ ކަހަލަ ކުޅުންތެރިއެކެވެ.
ނިއުކާސްލްގެ ކޯޗު މަތިއަސް ޖެއިސްލަރ ބުނީ ގޮންޒާލޭސް ނިއުކާސްލްގެ ކުޅުންތެރިޔަކަށް ވުމުން އުފާކުރާ ކަމަށެވެ. ގޮންޒާލޭސްގެ ސަބަބުން ޓީމަށް އިތުރު ކުރިއެރުމެއް އަންނާނެ ކަމަށާއި އޭނާއަކީ މަތީ ފެންވަރުގައި ކުޅުމުގެ ތަޖްރިބާ ހުރި ކުޅުންތެރިއެއް ކަމަށެވެ.
ގޮންޒާލެސް ކުރިން ބުނެފައިވަނީ އޭނާ ސިޓީ ދޫކޮށްލަން ބޭނުން ނުވާކަމަށެވެ. ނަމަވެސް ދާދިފަހުން އައްޔޫބް ބުއާދީ އެޓީމަށް ގެންދިއުމާއި އެލިއޮޓް އެންޑަރސަންވެސް އެޓީމުގައި ހުރުމާއެކު އޭނާއަށް ފުރަތަމަ އެގާރައިން ޖާގަ ލިބުމުގެ ފުރުސަތު ކުޑަވުމުން ވިސްނުން ބަދަލުވެގެންދިޔައީއެވެ. އަދި ލީގު ފެށުމުގެ ގޮތުން ބޯންމަތާއި ދެކޮޅަށް ކުޅުނު މެޗުގައިވެސް ގޮންޒާލޭސްގެ ބޭނުން ހިފާފައެއް ނުވެއެވެ. ގޮންޒާލޭސް އަކީ މިސީޒަންގައި ސިޓީ ދޫކޮށްދިޔަ މެދުތެރެއަށް ކުޅޭ ސީނިއަރ ކުޅުންތެރިންގެ ތެރެއިން ހަތަރުވަނަ ކުޅުންތެރިޔާއެވެ. މިސީޒަންގައި ސިޓީ ދޫކޮށްދިޔަ އަނެއް ތިން ކުޅުންތެރިންނަކީ ކެޕްޓަން ބެނާޑޯ ސިލްވަރ، ރޮޑްރީ އަދި ޓިޔާނީ ރެއިންޑަރސްއެވެ.