ޚަބަރު

ފީބާ އޭޝިއާ ކަޕް ކޮލިފައިން: ލަންކާ އަތުން ރާއްޖެ ބަލިވެއްޖެ


  • ޤައުމީ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ ނާފް

  • ރާއްޖޭގެ ދެވަނަ މެޗު އޮތީ ކަޒަކިސްތާނާ ދެކޮޅަށް

ފީބާ އޭޝިއާ ކަޕް ޕްރީ ކޮލިފިކޭޝަންގެ ފުރަތަމަ މެޗުގައި ރާއްޖޭގެ ޤައުމީ ބާސްކެޓް ޓީމު ސްރީލަންކާ އަތުން ބަލިވެއްޖެއެވެ.

މިމެޗު ލަންކާއިން ކާމިޔާބުކުރީ 107-65 އިންނެވެ. މިމެޗުގައި ރާއްޖެއިން އެންމެ ރަނގަޅަށް ކުޅުނީ އުންމީދީ ކުޅުންތެރިޔާ މުހައްމަދު ނާފް އިރްޝާންއެވެ. އޭނާވަނީ 15 ޕޮއިންޓް ޓީމަށް ހޯދަދީފައެވެ.

ފީބާ އޭޝިއާ ކަޕް ޕްރީ ކޮލިފިކޭޝަން ބުރުގައި 4 ގްރޫޕަކުން 18 ޤައުމެއް ވާދަކުރެއެވެ. ރާއްޖެއިން މިމުބާރާތުގައި ވާދަކުރަނީ ގްރޫޕް ބީ ގައެވެ. ރާއްޖޭގެ އިތުރުން ދެން ގްރޫޕްގައި ހިމެނޭ ޤައުމުތަކަކީ ސްރީލަންކާ، ކިރިގިސްތާނު، ކަޒަކިސްތާނުގެ އިތުރުން ފަލަސްޠީންއެވެ.

ބުރާސްފަތިދުވަހުގެ ރޭ ރާއްޖެއިން މުބާރާތުގައި ދެވަނަ މެޗާއި ކުރިމަތިލާނެއެވެ. މިމެޗުގައި ރާއްޖެއާ ދެކޮޅަށް ނުކުންނާނީ ކަޒަކިސްތާންއެވެ. އަދި ހޮނިހިރު ދުވަހުގެ ހަވީރު ރާއްޖެ އާއި ފަލަސްޠީނު ވާދަކުރުމަށްވަނީ ހަމަޖެހިފައެވެ. މިބުރުގެ ފަހު މެޗަށް ރާއްޖެއިން ނުކުންނާނީ އާދިއްތަ ދުވަހުގެ ހަވީރު ކަޒަކިސްތާނާދެކޮޅަށެވެ.

މުބާރާތުގެ ބުރުގެ ކުޅުން މިމަހުގެ 31 އާއި ހަމައަށް ކުރިއަށްދާނެއެވެ. ފީބާ އޭޝިއާ ކަޕް ޕްރީ ކޮލިފިކޭޝަންގައި ސަރަހައްދީ ޓީމުތަކާ ވާދަކޮށް މޮޅުވާ ޓީމުތަކުން މެއިން ކޮލިފިކޭޝަން ބުރަށް ދަތުރުކުރާނެއެވެ. އެޔަށްފަހު އެންމެ ވަރުގަދަ 16 ޤައުމަށް 2029 ވަނަ އަހަރު އޮންނަ ފީބާ އޭޝިއާ ކަޕުން ޖާގަ ކަށަވަރުވެގެންދާނެއެވެ.

މިމުބާރާތުގެ ކޮލިފިކޭޝަން ބުރު ހަ ވިންޑޯއަކަށް ދިގުދެމިގެންދާއިރު، ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅެމުންދަނީ އެކި ޤައުމުތަކުގައެވެ. ގްރޫޕް އޭ ގެ މެޗުތައް ދުބާއީގައި ކުޅޭއިރު، ރާއްޖެ ހިމެނޭ ގްރޫޕް ބީ ގެ މެޗުތައް ކުޅެނީ ކަޒަކިސްތާނުގެ އަލްމާޓީގެ ބުލަން ޝްލޮކް ސްޕޯޓްސް ޕެލެސްގައެވެ. އަދި ގްރޫޕް ސީ ގެ މެޗުތައް މެލޭޝިއާގައި ކުޅޭއިރު ގްރޫޕް ޑީ ގެ މެޗުތައް ކުޅެނީ މޮންގޯލިއާގައެވެ.