ޚަބަރު

ޔޫއެސް އޯޕަން މިކްސް ޑަބަލްސް ޗެމްޕިއަންކަން މުޗޯވާ އާއި މެންސިކަށް


  • މިދެ ކުޅުންތެރިން ފައިނަލް މެޗު ކާމިޔާބު ކުރީ ބެންޗިޗް އާއި ކޯބޯލީ އާއި ބައްދަލުކޮށް

ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ މިކްސް ޑަބަލްސްގެ ޗެމްޕިއަންކަން ޗެކް ރިޕަބްލިކްގެ ދެ ކުޅުންތެރިން ކަމަށްވާ ކެރޮލީނާ މުޗޯވާ އާއި ޔާކޫބް މެންސިކް ކާމިޔާބު ކޮށްފިއެވެ.

މިދެކުޅުންތެރިން މިކްސް ޑަބަލްސްގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ސްވިޓްޒަލަންޑްގެ ބެލިންޑާ ބެންޗިޗް އާއި އިޓަލީވިލާތުގެ ފުލާވިއޯ ކޯބޯލީގެ ޓީމާއި ބައްދަލުކޮށް އެއް ސެޓު އެއް ސެޓުން އެއްވަރުވުމުން ޓައި ބްރޭކަކަށް ގޮސްގެންނެވެ. މިދެޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ސެޓު މުޗޯވާ އާއި މެންސިކް ހަޔެއް ތިނަކުން ކާމިޔާބު ކުރިއިރު ޖެހިގެން އައި ދެވަނަ ސެޓު ބެންޗިޗް އާއި ކޯބޯލީ ކާމިޔާބު ކޮށްފައިވަނީ އެކެއް ހަޔަކުންނެވެ.

މިމެޗުގެ ޓައި ބްރޭކް މުޗޯވާ އާއި މެންސިކް ކާމިޔާބު ކޮށްފައިވަނީ ދިހައެއް ހަޔަކުންނެވެ. ޓައި ބްރޭކްގައި މެންސިކްގެ ބާރު ސާރވް ތަކުގެ ސަބަބުން މާގިނައިރުތަކެއް ނުވެ އަށެއް ހަތަރެއްގެ ލީޑެއް އެޓީމުން ނެގިއެވެ. އަދި މުޗޯވާ މިމެޗުގައި ކުރި އެންމެ ރަނގަޅު ސާރވާއެކު މެޗު ޕޮއިންޓަށް ފުރުސަތު ތަނަވަސްވެގެންދިޔައިރު މެޗު ނިމިގެންދިޔައީ މެންސިކްގެ ބާރު ސާރވަކުންނެވެ.

މިމެޗުގެ ކުރިން ކުޅުނު ސެމީ ފައިނަލުން މުޗޯވާ އާއި މެންސިކް ސަލާމަތްވީ ކިރިޔާއެވެ. ރަޝިއާގެ ދެ ކުޅުންތެރިން ކަމަށްވާ މީރާ އަންޑްރީވާ އާއި އަންޑްރޭ ރުބްލޭވް އާއި ބައްދަލުކުރި މެޗުގައި ދެފަހަރަށް މެޗު ޕޮއިންޓް ދިފާއު ކުރަން ޖެހުނެވެ. މެޗަށްފަހު ވާހަކަ ދައްކަމުން މުޗޯވާ ބުނީ މިއީ އެއް ކުލައިން ޖަރޒީ ލުމުގެ ނަތީޖާ ކަމަށެވެ.

މިމެޗަށް ނިކުތީ އެއްގޮތަކަށްވެސް މެޗު ކާމިޔާބު ކުރެވޭނެކަމަށް ވިސްނައިގެން ނޫން ކަމަށާއި އޭގެ ބަދަލުގައި ހިތްހަމަ ޖެހިލައިގެން ރަނގަޅު މެޗެއް ކުޅުމަށް ކަމުގައި މުޗޯވާ ބުންޏެވެ. އަދި މިއީ ހަތަރު ކުޅުންތެރިންނަށް ޔޫއެސް އޯޕަންގެ ސިންގަލްސް މެޗުތައް ފެއްޓަންވާއިރަށް ލިބިގެންދިޔަ ރަނގަޅު ފެށުމެއް ކަމަށްވެސް އޭނާ ބުންޏެވެ.

16 ޓީމު ވާދަކުރި ޔޫއެސް އޯޕަންގެ މިކްސް ޑަބަލްސް އިވެންޓް ފަށާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. މިއީ މިމުބާރާތުގެ މިކްސް ޑަބަލްސް އިވެންޓަށް ބަދަލު ގެނައިފަހުން ބޭއްވި ދެވަނަ މުބާރާތެވެ. ކުޅިބެލުންތެރިންގެ ޝައުގު އިތުރު ކުރުމުގެ ގޮތުން މިދިޔަ ސީޒަންގައި ޔޫއެސް އޯޕަންއިންވަނީ ސިންގަލްސް ކުޅޭ މަޝްހޫރު ކުޅުންތެރިންގެ ޓީމުތަކަށް ބޮޑަށް ފުރުސަތު ދީގެން ކުޅޭގޮތަށް ނިންމާފައެވެ.

މިކަމަށް އާންމުކޮށް މިކްސް ޑަބަލްސް ކުޅޭ ބައެއް ކުޅުންތެރިންގެ ފާޑުކިޔުން އަމާޒުވެގެންދިޔަ ނަމަވެސް މިގެނައި ބަދަލާއެކު މެޗުތައް ބަލަން ވަންނަ މީހުންގެ އަދަދު ވަރަށް ބޮޑު ތަނުން އިތުރު ވެގެންދިޔައެވެ. މިފަހަރުގެ މުބާރާތުގައިވެސް ނޯވަކް ޖޯކޮވިޗް އާއި އަރީޔާ ސަބަލެންކާ ޓީމް ހެދިއިރު ކާލޯސް އަލްކަރާޒް އާއި ސެރީނާ ވިލިއަމްސް އެކުގައި ކުޅުތަންވެސް ފެނިގެންދިޔައެވެ.