ޚަބަރު

އެމިލިއާނޯ މާޓިނޭޒް ޗެލްސީއަށް


އެސްޓަން ވިލާއަށް ކުޅެމުންދާ އާޖެންޓީނާގެ ގޯލުކީޕަރު އެމިލިއާނޯ މާޓިނޭޒް ޗެލްސީއަށް ވިއްކާލުމަށް ދެ ކްލަބުން އެއްބަސްވެއްޖެއެވެ.

2022 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕް އާޖެންޓީނާއަށް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި އެމިލިއާނޯ މާޓިނޭޒް އެސްޓަން ވިލާއިން ވިއްކާލަން ނިންމާފައިވަނީ މި ސީޒަނަށް ޓީމު އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ޖަޕާނުގެ ގޯލުކީޕަރު ޒިއޮން ސުޒުކީ ޕާމާ އިން 30 މިލިއަން ޕައުންޑްގެ ފީއަކަށް އެ ކްލަބަށް ގެނައުމާއި ގުޅިގެންނެވެ.

ޗެލްސީގެ ކޯޗު ކަމާއި ޝަބީ އަލޮންސޯ ހަވާލުވުމަށްފަހު އެ ޓީމަށް ގިނަ ބަދަލުތަކެއް ގެނެސްފައިވާއިރު ގޯލުކީޕަރުންނަށް ބަދަލުތަކެއް ގެނެސްފައެއް ނުވެއެވެ.

ނަމަވެސް ޗެލްސީން ގޯލުކީޕަރެއްގެ ވާހަކަ ދައްކަން ފަށާފައިވަނީ ލީގުގެ ފުރަތަމަ މެޗުގައި ފުލަމް އާއި ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ގޯލުކީޕަރު ސަންޗޭޒް އަތުން ގޯސްތަކެއް ހެދިފައިވާކަމަށް ގިނަ ބަޔަކު ބުނެފައިވަނިކޮށެވެ.

މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި އެމިލިއާނޯ މާޓިނޭޒް ޗެލްސީއަށް ވިއްކާލުމަށް އެސްޓަން ވިލާ އިން އެއްބަސްވެފައިވަނީ 7.5 މިލިއަން ޕައުންޑްގެ ފީއަކަށެވެ.

މިހާރު ކުރިއަށްދާ ޓްރާންސްފަރ ބާޒާރުގައި އެސްޓަން ވިލާ އާއި ޗެލްސީ އާއި ދެމެދު ވަނީ ގިނަ މުއާމަލާތްތަކެއް ކުރެވިފައެވެ. އެގޮތުން އެ ޓީމުގެ މޯގަން ރޮޖާރސް 117 މިލިއަން ޕައުންޑަށް ޗެލްސީން ގަނެފައިވާއިރު އަލެހަންދްރޯ ޖަނާޗޯ ޗެލްސީން ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން އެސްޓަން ވިލާއަށް ދޫކޮށްފައެވެ. އަދި ޗެލްސީގެ ފޯވަޑް ނިކޮލަސް ޖެކްސަން ވެސް އެސްޓަން ވިލާއަށް ވިއްކާލުމަށްފަހު މި ހަފްތާގައި އެ ކްލަބުގެ މެޑިކަލް ހެދުމަށްފަހު ޓީމާއި ގުޅޭނެއެވެ.

މާޓިނޭޒް ހޯދުމަށް ކުރިން އިޓަލީގެ ޔުވެންޓަސް އިން މަސައްކަތް ކުރި ނަމަވެސް އެކަން ހުއްޓުމަކަށް އައިސްފައިވަނީ އޭނާގެ އަތުގެ އިނގިއްޔަކަށް ލިބިފައިވާ އަނިޔާގެ ސަބަބުންނެވެ.