ކުޅިވަރު

އުރުގުއޭގެ ގައުމީ ޓީމު ވެސް އިންޑިޔާ އަށް


ބްރެޒިލަށް ފަހު އުރުގުއޭގެ ގައުމީ ޓީމު ވެސް އިންޑިޔާގައި މެޗެއް ކުޅެން ތައްޔާރު ވެއްޖެ އެވެ.

އިންޑިޔާއިން މި މެޗު ކުޅުމަށް ހަމަޖައްސާފައިވަނީ އަންނ އޮކްޓޫބަރު މަހުގެ ހަ ވަނަ ދުވަހު އެވެ. ދެ ފަހަރު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ އުރުގުއޭގެ ޓީމު އިންޑިޔާ އަށް ދާން ތައްޔާރުވާއިރު އެ ގައުމުގެ ވަސީލަތްތައް ބަލަން އެ ގައުމުގެ ވަފުދެއް ވަރަށް އަވަހަށް އިންޑިޔާ އަށް ދާނެ އެވެ.

އިންޑިޔާއިން ދުނިޔޭގެ މަތީ ފަންތީގެ ގައުމުތަކާއެކު މެޗުތަކެއް ކުޅެން ހަމަޖައްސަމުންދަނީ ދެ ބޭނުމެއްގަ އެވެ. އެއީ މާލީ ފާއިދާ އަށާއި އެ ގައުމުގެ ފުޓްބޯޅަ ވެސް އިސްތިހާރު ކުރުމުގެ ބޭނުމުގަ އެވެ.

މި ގޮތުން ބްރެޒިލާއެކު މެޗު ކުޅޭނީ އަންނަ އޮކްޓޫބަރު މަހުގެ ތިން ވަނަ ދުވަހު އެވެ. މި މެޗަށްޓަކައި އިންޑިޔާއިން ވަނީ އާސިއާން ކަޕު ކުޅެން ލިބުނު ފުރުސަތު ވެސް ދޫކޮށްލައިފަ އެވެ. އަދި ޕެނަމާއާއެކު ވެސް މެޗެއް ކުޅުމަށް ވަނީ ހަމަޖައްސާފަ އެވެ.

ނަމަވެސް ސާކް ސަރަހައްދުގެ އެއްވަނަ ގައުމު ކަމަށްވާ އިންޑިޔާގެ ތެރޭގައި މިކަމާ ވަނީ ހިޔާލު ތަފާތުވުންތައް އުފެދިފަ އެވެ. ކުރީގެ ކެޕްޓަން ބައިޗުން ބުޓިޔާ ގޮވާލާފައިވަނީ ބްރެޒިލް މެޗު ބޮއިކޮޓް ކުރުމަށެވެ. ނަމަވެސް އޭނާ އަށްވުރެ ކުރިން ކެޕްޓަން ކުރި އައިއެމް ވިޖެއަންގެ ނަޒަރުގައި މި މެޗުތަކުން އިންޑިޔާގެ ފުޓްބޯޅަ އަށް ފައިދާތަކެއް ކުރާނެ އެވެ.