ތިން ދަހަރަށް ވުރެ ގިނަ ދުވަހު ނޯވޭގައި ރަސްކަން ކުރައްވައި، އިޞްލާޙީ ބަދަލުތަކެއް ގެންނެވުމުގެ އިސް މޭސްތިރީގެ ގޮތުގައި ބެލެވޭ ރަސްގެފާނު ހަރަލްޑް ފަސްވަނަ، އުމުރުފުޅުން 89 އަހަރުގައި އަވަހާރަވެއްޖެއެވެ. ނޯވޭގެ ޝާހީ ޢާއިލާއިން ވަނީ މި ކަން ކަށަވަރު ކޮށްދީފައެވެ. ޝާހީ ގަނޑުވަރުން ބުނީ، ރަސްގެފާނު ހަރަލްޑް އަވަހާރަވީ އޮސްލޯގެ ނޭޝަނަލް ހޮސްޕިޓަލުގައި ފަރުވާ ކުރައްވަމުން ގެންދަވަނިކޮށް ފަތިހުގެ ވަގުތެއްގައި ކަމުގައެވެ. ރަސްގެފާނު ހަރަލްޑަކީ ނޯވޭގެ ރައްޔިތުންގެ ލޯތްބާއި އިޙުތިރާމު ލިބިވަޑައިގަންނަވާފައިވާ، ބައްޕާފުޅުގެ ހިޔަނިން ނުކުމެވަޑައިގަންނަވައި، އަމިއްލަ ވަކި ޝަޚުޞިއްޔަތެއް ބިނާކުރެއްވި މަޤުބޫލު ރަސްކަލެއްގެ ގޮތުގައި މަސްރަޙުގެ ދާރިސުން ސިފަކުރެއެވެ.
ރަސްގެފާނު ހަރަލްޑަކީ ވިލާތުގެ ޤައުމެއްގައި އެންމެ ގިނަ ދުވަހު ރަސްކަން ކުރައްވާފައިވާ ބޭފުޅާއެވެ. ރައްޔިތުންގެ ބޮޑު މަޤުބޫލުކަމެއް ހޯއްދަވާފައިވާ ރަސްގެފާނު ހަރަލްޑަކީ ޝާހީ ޚާންދާނަށް ޒަމާނީ ބަދަލުތައް ގެންނެވުުމުގެ އިސް މޭސްތިރި ކަމުގައި މަސްރަޙުގެ ދާރިސުން ބުނެއެވެ. ނަމަވެސް، ވިލާތުގެ އެހެން ޤައުމުތަކުގެ ރަސްރަސްކަލުންނާ ޚިލާފަށް، ރަސްގެފާނު ހަރަލްޑް ވަނީ އުމުރުފުޅުން ދޮށިވި ނަމަވެސް، ރަސްކަމުގެ ތަޚުތު ދޫކޮށްލެއްވުމަށް އިންކާރު ކުރައްވާފައެވެ. ރަސްގެފާނު ހަރަލްޑް އަވަހާރަވުމާއެކު، ދަރިކަލުން އަދި ވަލީއަޙުދު ވަނީ ރަސްގެފާނު ހާކަން އަށްވަނައިގެ ގޮތުގައި ރަސްކަމާ ޙަވާލުވެ ވަޑައިގަންނަވާފައެވެ.
ވިލާތުގެ އެހެން ޝާހީ ޚާންދާނުތަކެކޭ އެއްފަދައިން، ނޯވޭގެ ރަސްރަސްކަލުންނަކީ ވެސް މަޝްހޫރު ބޭފުޅުންގެ ދަރަޖަ ލިބިވަޑައިގެންނެވި ނަމަވެސް، މައިގަނޑު ގޮތެއްގައި ރަމްޒީ ދައުރެއް އަދާކުރައްވާ ބޭފުޅުންތެކެކެވެ. 5.5 މިލިޔަން މީހުންގެ އާބާދީއެއް އޮތް ނޯވޭގެ ވެރިކަން ހިންގުމުގެ ބާރު އޮތީ އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގައެވެ. ރަސްގެފާނު ހަރަލްޑް، ރަސްކަމާ ޙަވާލުވެ ވަޑައިގެންނެވީ އެ މަނިކުފާނުގެ ބައްޕާފުޅު ރަސްގެފާނު އޫލާވް ފަސްވަނަ އަވަހާރަވުމާ ގުޅިގެން 1991 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 21 ވަނަ ދުވަހުއެވެ. ރަސްގެފާނު ހަރަލްޑްގެ ވެރިކަމުގައި ނޯވޭގެ ތެލާއި ގޭހުގެ ވިޔަފާރި ފުޅާކުރައްވައި، އިޤުތިޞާދަށް ބޮޑު ކުރިއެރުންތަކެއް ހޯއްދަވައިދެއްވިއެވެ.
ރަސްގެފާނު ހަރަލްޑް އަވަހާރަވުމާ ގުޅިގެން ނޯވޭގެ ބޮޑުވަޒީރު ޖޯނަސް ގާރ ސްޓޯރ ވަނީ، ޤައުމަށް ފުން ހިތާމައެއް ކުރިމަތިވެފައިވާ ކަމުގައި ވިދާޅުވެ، ބަޔާނެއްގެ ނެރުއްވާފައެވެ. އަދި، ރަސްގެފާނު ހަރަލްޑް ޤައުމީ ޚިދުމަތުގައި ހޭދަކުރެއްވި ދިގު ޙަޔާތާމެދު ރައްޔިތުންގެ މެދުގައި ފުން ޝުކުރުވެރިކަމެއް އުފެދިފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ. ރަސްކަމުގައި ހޭދަކުރެއްވި ތިން ދަހަރަށް ވުރެ ދިގު މުއްދަތުގެ ތެރޭގައި ރަސްގެފާނު ހަރަލްޑް ވަނީ ނޯވޭގެ ރައްޔިތުންގެ ފުރިހަމަ އިތުބާރު ހޯއްދަވައި، ރައްޔިތުންގެ މެދުގައި ރަނގަޅު ސިފަތައް އަށަގެންނެވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ.