ކުޅިވަރު

ސަލާހްގެ ޓީމަށް ބޮޑު ލަނޑެއް، ކޯޗުގެ އިސްތިއުފާ ގަބޫލެއް ނުކުރި


މިސުރުގެ ފޯވަޑް މުހައްމަދު ސަލާހް ކުޅެމުންދާ ތުރުކީގެ ޓްރަބްޒޮންސްޕާ ޔޫރޮޕާ ލީގަށް ކޮލިފައިނުވުމުން ކޯޗު ފާތިހް ޓެކް އިސްތިއުފާ ދިނުމުން އެކަން އެ ކުލަބުން ގަބޫލު ނުކޮށްފި އެވެ.

ޕްލޭއޯފްގެ ފުރަތަމަ މެޗުގައި 1-0އިން ބަލިވެފައި އޮތުމުން ޓްރަބްޒޮންސްޕާ ރޭގެ މެޗަށް ނުކުތީ ނަތިޖާ އަނބުރާ ލުމަށެވެ. ނަމަވެސް އައު ސީޒަނަށް ވަރަށް ބޮޑަށް ޓީމު ވަރުގަދަ ކުރި ޓީމަށް މައްސަލަ ދިމާވީ މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުގެ ރުސްލާން މަލިނޮވްސްކީ އަށް ރަތްކާޑު ދެއްކުމުންނެވެ. އޭނަ އަކީ ވެސް މި ސީޒަނަށް ޓީމު ވަރުގަދަ ކުރަން ގެނައި ކުޅުންތެރިއެކެވެ. މެޗުގެ 4-0އިން ޓްރަބްޒޮންސްޕާ ބަލިވުމުގެ ކުރިން ގާތްގަނޑަށް 60 މިނިޓަށް ފަހު ކޯޗު ޓެކް ވަނީ ސަލާހް ވެސް ބާލައިފަ އެވެ. އެއީ ދެން މެޗުން މޮޅުނުވާނެކަން އެނގުމުންނެވެ.

ލިވަޕޫލްގައި ނުވަ އަހަރު ހޭދަކުރި ފޯވަޑް މި ސީޒަނަށް ޓްރަބްޒޮންސްޕާ އަށް ގެންދިޔައީ ޓީމު ވަރުގަދަ ކުރުމަށް ބޮޑު މުސާރައާއެކުގަ އެވެ. އޭނާގެ އަހަރީ މުސާރައަކީ 8.5 މިލިއަން ޕައުންޑެވެ. މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކީޕަރު އަންދްރޭ އޮނާނާ އާއި ލިވަޕޫލަށް ކުޅުނު ފަބީނިއާ ވެސް މިހާރު ކުޅެނީ ޓްރަބްޒޮންސްޕާ އަށެވެ.

މެޗަށް ފަހު ކޯޗު ޓެކް މަގާމުން އިސްތިއުފާ ދިނުމަށްފަހު ބަޔާނެއް ވެސް ނެރުނެވެ. އޭނާ ބުނީ ފާއިތުވެދިޔަ 18 މަސްދުވަހު ކުރި މަސައްކަތް ރޭ ބައްޔާއެކު ފެނަށްވީ ކަމަށެވެ.

"މައްސަލައަކީ އަހަރެން. އަހަރެން މިކަމުގެ ޒިންމާ ނަގަން. މިދިޔަ 18 މަސްދުވަހު ކުރި މަސައްކަތް މިދިޔައީ ކާމިޔާބުނުވެ. މިހެންވެ އަހަރެން އިސްތިއުފާ ދެން،" ޓެކްގެ ބަޔާނުގައިވެ އެވެ.

ނަމަވެސް ކުލަބުން ވަނީ އޭނާގެ އިސްތިއުފާ ގަބޫލު ނުކޮށްފަ އެވެ. ޓްރަބްޒޮންސްޕާ އިން ބުނީ ޔޫރޮޕާ ލީގަށް ކޮލިފައިނުވެ ކޮންފަރެންސް ލީގު ކުޅެން ޖެހުނު ނަމަވެސް ކޯޗު ކަމުގައި ހުންނާނީ ޓެކް ކަމަށާއި އޭނާ އަށް އިތުބާރު އެބައޮތް ކަމަށެވެ.