ޚަބަރު

ޒުވާން ޓީމާމެދު ޝާކިރުއަށް އޮތީ ޔަގީންކަން


  • ޒުވާން ޤައުމީ ސްކޮޑުގައި ސީނިއާ ޓީމުގެ ކުޅުންތެރިންވެސް ހިމެނޭ

  • މިއީ މިފަހުން ރާއްޖެއިން ނެގި އެންމެ އުއްމީދީ ސްކޮޑް

20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ޒުވާން ޤައުމީ ޓީމާމެދު އިތުބާރު އޮތް ކަމަށް އެ ޓީމުގެ ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓޭ) ބުނެފިއެވެ.

މި ފަހަރުގެ ކޮލިފިކޭޝަންގައި ރާއްޖެ ހިމެނެނީ ޑިވެލޮޕްމަންޓް ފޭސްގައެވެ. ޑިވެލޮޕްމަންޓް ފޭސްގައި ތިން ގްރޫޕް އޮތްއިރު، ރާއްޖެ ލައްވާލި ގްރޫޕްގައި ހިމެނެނީ ރާއްޖޭގެ އިތުރުން މިޔަންމާ، ސްރީލަންކާ އަދި ދާރުއްސަލާމެވެ. ޑިވެލޮޕްމަންޓް ސްޓޭޖުން އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމަށް އޭޝިއަން ކަޕް ކޮލިފިކޭޝަން ފޭހުން ޖާގަ ލިބޭނެއެވެ.

"ޕީއެސްއެމް ނިއުސް"އަށް ދިން އިންޓަވިއުގައި ޝާކިރު ބުނީ ޓީމަށް ފަރިތަކުރަން ލިބުނީ މަދު ދުވަސްކޮޅެއް ކަމަށެވެ. އެކަމަކު ޓީމުގައި ތިބި ގިނަ ކުޅުންތެރިން ކަޕް ވިނާސް ކަޕުގައި ކުޅެފައިވުމުން އެއީ ޓީމަށް ލިބުނު އެޑްވާންޓޭޖެއް ކަމަށެވެ.

ޝާކިރު ބުނީ މިހާރު މިއޮތް ޒުވާން ޤައުމީ ޓީމުގައި ސީނިއާ ޤައުމީ ޓީމަށް އަރާ ކުޅުންތެރިންވެސް މަދު ނޫން ކަމަށެވެ. އަދި ސީނިއާ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅޭ ކުޅުންތެރިންވެސް ތިބި ކަމަށާއި އެއީ އެޑްވާންޓޭޖެއް ކަމަށެވެ. އަދި މި ފަހަކަށް އައިސް ނެގި ޒުވާން ޤައުމީ ޓީމުތަކުގެ ތެރެއިން މިއީ އެންމެ ވަރުގަދަ ސްކޮޑް ކަމަށް ޝާކިރު ފާހަގަކުރިއެވެ.

"ދެން ފާއިތުވެ މިދިޔަ އަހަރުތަކާ ބަލާއިރު އަޅުގަނޑު ގަބޫލުކުރާ ގޮތުން ވެއްޖެއާ މިއީ ހަމަ ފަހަކަށް އައިސް ނުކުންނަ އެންމެ ވަރުގަދަ އެއް ޒުވާން ޓީމު" ޝާކިރު ފާހަގަކުރިއެވެ.

މިޔަންމާގައި ކުރިއަށްދާ ޑިވެލޮޕްމަންޓް ސްޓޭޖަށް ޤައުމީ ޓީމުން ނުކުންނާނީ، އެ ފޭސް ފަހަނައަޅައި ކޮލިފިކޭޝަން ފޭސްއަށް ދިޔުމުގެ އަޒުމުގައި ކަމަށާއި، އެއީ ނުވާނެ ކަމެއް ނޫން ކަމަށް ޝާކިރު ބުންޏެވެ.

މީގެ ކުރިން ވެސް ޝާކިރު ވަނީ ޒުވާން ޤައުމީ ޓީމުތަކުގެ ހެޑް ކޯޗުގެ މަގާމުގައި ކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ.