ކޮރަޕްޝަނުގެ ތުހުމަތުތަކާއެކު ނައިޖީރިއާގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސާއި ހިންގާ ކޮމިޓީގެ އިސްވެރިންތައް އިސްތިއުފާ ދެއްވައިފި އެވެ.
ނައިޖީރިއާގެ ވެރިރަށް އަބޫޖާގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ރައީސް އިބްރާހީމް މޫސި ގޫސާއޫ ވިދާޅުވީ އޭނާގެ ހިންގާ ކޮމިޓީގެ ގިނަ މެމްބަރުން އިސްތިއުފާ ދެއްވީ އޭނާ އެކަމަށް އެދިވަޑައިގެން ކަމަށެވެ.
"އަހަރެން ނިންމީ ނައިޖީރިއާގެ ފުޓްބޯޅަ ފެޑަރޭޝަނުގައި އަހަރެން އަދާކުރަމުންދިޔަ މަގާމުން އިސްތިއުފާދޭން. ބޯޑުގެ އެހެން މެމްބަރުން ވެސް އިސްތިއުފާދޭނެ،" ގޫސާއޫ ވިދާޅުވި އެވެ.
އޭނާ އިސްތިއުފާ ދެއްވީ ނައިޖީރިއާގެ ފުޓްބޯޅަ ފެޑަރޭޝަނުގެ އައު އިންތިހާބު ބާއްވަން މަހަކަށް ގާތްވެފައިވަނިކޮށެވެ. ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރައްވާނެކަން ނުވަތަ ނޫން ކަމެއް ވެސް ގޫސާއޫ ވިދާޅެއްނުވެ އެވެ.
ނަމަވެސް އޭނާ އިސްތިއުފާ ދެއްވީ ނައިޖީރިއާގެ ފުލުހުން އިސްވެ ތިބެ އެ ގައުމުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ފައިސާގެ ތަހުގީގެއް ކުރަމުންދަނިކޮށެވެ. މައިގަނޑު ގޮތެއްގައި ތުހުމަތު ކުރަނީ އެ ގައުމުގެ ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ނުދެވި ދިގުލައި ގޮސްފައިވާ މުސާރަ ދިނުމަށް 2024 ވަނަ އަހަރު ނައިޖީރިއާ ސަރުކާރުން ދެއްވި 12.7 މިލިއަން ރުފިޔާ އަށް ހިޔާނާތްތެރިވި މައްސަލަ އެވެ.
ގޫސާއޫގެ އިސްތިއުފާއާއެކު ނައިޖީރިގެ ރައީސް ބޮލާ ޓީނޫބޫ ވަނީ ރިއާސީ ގަނޑުވަރުން ބަޔާނެއް ނެރުއްވާފަ އެވެ. އޭނާ ވިދާޅުވެފައިވަނީ ގައުމުގެ ފުޓްބޯޅައިގެ ކަންކަން އެއްކޮށް ބަދަލުކޮށް، ކަންކަން ހަމަމަގަށް އަޅުވަން "މުޅި ނިޒާމް ބަދަލު ކުރަން އަންގަވައިފިން،" ކަމަށެވެ.
ޖުމުލަ 10 ފަހަރު އެފްރިކާގެ ޗެމްޕިއަންކަން ހޯދާފައިވާ ނައިޖީރިއާގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް މުސާރަ ނުދޭ މައްސަލަ ދޭތެރެ ދޭތެރެއިން ފެންމަތިވެ އެވެ. އަދި ފަހަކަށް އައިސް ގައުމީ ޓީމުގެ ނަތީޖާތައް ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. މި ގޮތުން 2027 ވަނަ އަހަރުގެ އަންހެނުންގެ ވޯލްޑް ކަޕަށް ނުހޮވި ކަޓާފައިވާއިރު އެމެރިކާ އާއި މެކްސިކޯ އާއި ކެނެޑާގައި މިދިޔަ ޖުލައި މަހު ބޭއްވި ވޯލްޑް ކަޕަށް ފިރިހެން ކޮލިފައިނުވެ އެވެ. އެންމެ ފަހުގެ އެފްރިކާ ކަޕުން ކެޓީ ވެސް ދެކުނު އެފްރިކާ އަތުން ބަލިވެ ކުއާޓާ ފައިނަލުންނެވެ. މިއާއެކު މިކަންވީ 1991 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ނައިޖީރިއާގެ ފުޓްބޯޅަ ޓީމަށް ބޮޑު މުބާރާތެއް ނެތި ދިޔަ ފުރަތަމަ ފަހަރަށެވެ.