ފުލުހެއްގެ ގައިގައި ސައިކަލަކުން ޖެއްސުމަށްފަހު ފިލަން މަސައްކަތްކުރި މީހާގެ 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
15 ދުވަހަށް ބަންދުކޮށްފައިވަނީ ހުކުރުދުވަހު ހަވީރު 5:34 ހާއިރު ޗަންދަނީމަގާއި މަޖީދީމަގު ގުޅޭ ކަންމަތީގައި ޓްރެފިކް ބެލެހެއްޓުމުގެ ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ސައިކަލަލުން ޖެއްސުމަށްފަހު ފިލަން މަސައްކަތްކުރި މީހެކެވެ.
މި މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ހަތި/ގދ.ފަރެސްމާތޮޑާ، ސާއިން ޢަބްދުލްޤައްޔޫމް (23އ)އެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.
މި ހާދިސާގައި ފުލުސް އޮފިސަރަށް އަނިޔާވިނަމަވެސް، ސީރިއަސް އަނިޔާއެއް ލިބިފައިނުވާކަމަށް ފުލުހުން ވިދާޅުވެއެވެ.