ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ކުޑަކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.
މީޑިއާތަކަށް ހިއްސާކުރެއްވި މެސެޖެއްގައި ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ހުޅުމާލެ ފޭސް 2، ހިތިގަސްމަގު، ވިނަރެސް 7 ކައިރިން އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު 2026 އޮގަސްޓް 29 ވަނަ ދުވަހުގެ ރޭ 21:04 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.
މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން 18 އަހަރުގެ ދިވެހި އަންހެނަކަށާއި، ސައިކަލުގެ ފަހަތުގައި އިން 9 އަހަރުގެ ދިވެހި އަންހެން ކުއްޖަކަށެވެ. މި ދެ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، 9 އަހަރުގެ ކުއްޖާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.
މި ހާދިސާއާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ހުޅުމާލޭ ހޮސްޕިޓަލުން ވިދާޅުވީ އަނިޔާވި ކުޑަ އަންހެން ކުއްޖާގެ ހާލު ކްރިޓިކަލް ކަމަށެވެ. އަދި މިވަގުތުވެސް އެކުއްޖާއަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާ ކަމަށާއި، އައިޖީއެމްއެޗަށް ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދިނެެވެ.
އެ ސަރަޙައްދުގެ ސީސީޓީވީ ފުޓޭޖްތަކުން މިހާތަނަށް ބެލިބެލުމުން އެނގޭ ގޮތުގައި، މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ހިތިގަސްމަގުން ދުއްވާފައި ދިޔަ ސައިކަލެއް، ވިނަރެސް 7ގެ ކައިރީގައި މަޑުކޮށްފައި އޮތް ކާރަކަށް އަރަން މަގާވީ ފަޅިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހިގެންކަމަށް ފުލުހުން ވިދާޅުވިއެވެ.